Roadha Mihaaru
ލޯބިވެރިޔާއަށް އިންޒާރު ދިނުމުން 17 މަހަށް ޖަލަށް

ލޯބިވެރިޔާއަށް މަރުގެ އިންޒާރު ދިން މީހަކު 17 މަހަށް ޖަލަށްލާން ހުކުމްކޮށްފި

28 މާޗް 2022

ލޯބިވެރިޔާއަށް މަރުގެ އިންޒާރު ދިން ފިރިހެނަކު 17 މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލޯބިވެރިޔާއަށް މަރުގެ އިންޒާރު ދިން ފިރިހެނަކު 17 މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އޭޕްރީލް، 2016 ގައި ފިރިހެނަކު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން މީހާ މަގުމަތިން ފެނިއްޖެ ނަމަ މަރާލާނެ ކަމަށް ބުނެ މަރުގެ އިންޒާރު ދިނީ އަންހެން މީހާ ކުއްޔަށް އުޅޭ ގެއިން ނުކުމެގެން އޭނާއާ އެކު އެހެން ގެއަކަށް ދާން އެދުމުން އެކަމަށް އަންހެން މީހާ އިންކާރު ކުރުމުންނެވެ.

އަންހެން މީހާ ފުލުހުންނަށް ބަޔާން ދިނަސް، ކޯޓުގައި ހެކިބަސް ދޭން ހާޒިރެއް ނުވި އެވެ. ފިރިހެން މީހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓުން އިއްޔެ ނިންމީ އިންޒާރު ދިންއިރު އެތަނުގައި ތިބި މީހުންގެ ހެކިބަހާއި އަންހެން މީހާގެ ތަހުގީގު ބަޔާނަށް ރިއާޔަތްކޮށެވެ.

ހުކުމުގައި ވަނީ ދެ މީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮތުމަކީ އަންހެން މީހާގެ މައްޗަށް ފިރިހެން މީހާގެ ކޮންޓްރޯލް އޮންނާނެ ކަމެއް ނޫން ކަމަށެވެ. އަދި އެގޮތަށް ކަމެއް ކުރުވުމުގެ ގޮތުން އިންޒާރު ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެކަމަކު އެ މައްސަލާގައި އެގޮތަށް އަމަލު ކޮށްފައިވާތީ އެ ކުށަށް އޮތް އެންމެ ބޮޑު އަދަބު ކަމަށްވާ 18 މަހުގެ ޖަލު އަދަބެއް ކަނޑައެޅީ ކަމަށް އެ ހުކުމުގައިވެ އެވެ. އޭގެކުރިން އޭނާ ބަންދުގައި 28 ދުވަސް ހޭދަ ކޮށްފައިވާތީ އޭނާ ޖަލުގައި ހޭދަ ކުރަން ޖެހޭނީ 17 މަހާއި ދެ ދުވަހެވެ.

މީގެ ކުރިން ވެސް ލޯބިވެރިޔާއަށް ހަމަލާ ދީގެން ނުވަތަ މަރުގެ އިންޒާރު ދީގެން މީހުން ޖަލަށްލާން ހުކުމް ކޮށްފައިވެ އެވެ.