Roadha Mihaaru
އަނބިމީހާއަށް އަނިޔާކުރުމުން 6،000ރ. ގެ ޖޫރިމަނާ

އަނބިމީހާ އަށް އަނިޔާ ކުރުމުން 6،000ރ. އިން ޖޫރިމަނާ ކޮށްފި

11 ޖުލައި 2017

އަނބިމީހާ އަށް އަނިޔާ ކުރި މީހަކު ކްރިމިނަލް ކޯޓުން 6،000ރ. އިން ޖޫރިމަނާ ކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަނބިމީހާ އަށް އަނިޔާ ކުރި މީހަކު ކްރިމިނަލް ކޯޓުން 6،000ރ. އިން ޖޫރިމަނާ ކޮށްފި އެވެ.

ހއ. ހޯރަފުށީ އެ މީހާގެ މައްޗަށް މިދިޔަ އާދިއްތަ ދުވަހު ކޯޓުން އެ ހުކުމް ކުރީ މާޗް، 2015 ގައި އޭނާ އާއި އޭނާގެ އަނބިމީހާއާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި އަނބިމީހާގެ ކަރުގައި ހިފައި، އޭނާގެ ހެދުން ވީދާލުމުގެ އިތުރުން އޭނާގެ ބަނޑުގައި ކޮޅުފައިން ޖެހި މައްސަލައިގަ އެވެ.

އެ ދައުވާ އަށް ފިރިމީހާ ކޯޓުގައި އެއްބަސްވުމުން އާ ގާނޫނުލް އުގޫބާތުގެ ދަށުން އެ ކުށުގެ އަދަބެއްގެ ގޮތުން 6،000ރ. އިން ޖޫރިމަނާކޮށް، ކޯޓުގެ ހުކުމުގައި އަންގާފައިވަނީ ޖޫރިމަނާ ފައިސާ އެއް މަސް ތެރޭގައި ދެއްކުމަށެވެ.

އާ ގާނޫނުލް އުގޫބާތު ބުނާ ގޮތުން ކުށަށް އިއުތިރާފްވުމަކީ އަދަބުގެ ދަރަޖަ ދަށް ވާނެ ކަމެކެވެ. މި މައްސަލައިގައި ދައުވާ ލިބުނު މީހާ ކުށަށް އެއްބަސްވުމުން ގާނޫނުލް އުގޫބާތުގެ ދަށުން އޭނާ އަށް އެންމެ ބޮޑު އަދަބަކަށް ވެސް ދެވެން އޮންނަނީ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު ޖަލަށް ލުމުގެ ބަދަލުގައި އެކަމާ އެއްވަރުގެ ޖޫރިމަނާއެއް ކަނޑައެޅުމުގެ ބާރު ބައެއް ހާލަތްތަކުގައި ކޯޓަށް އޮވެ އެވެ.

މީގެކުރިން ވެސް އަނބިމީހާ އަށް އަނިޔާކޮށްގެން ބައެއް މީހުންނަށް ދައުވާކޮށް، ކުށްވެރިވެފައިވެ އެވެ.