Roadha Mihaaru
ކުރީގެ އަނބިމީހާއަށް އަނިޔާކުރި ފުލުހަކު ޖަލަށް

ކުރީގެ އަނބިމީހާއަށް އަނިޔާކުރި ފުލުހަކު ނުވަ މަހަށް ޖަލަށް

23 ނޮވެމްބަރ 2022

ކުރީގެ އަނބިމީހާގެ ގެއަށް ގަދަކަމުން ވަދެ، ދަރިން ކުރިމަތީގައި އޭނާއަށް އަނިޔާކުރި ފުލުހަކު ނުވަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ އަނބިމީހާގެ ގެއަށް ގަދަކަމުން ވަދެ، ދަރިން ކުރިމަތީގައި އޭނާއަށް އަނިޔާކުރި ފުލުހަކު ނުވަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޖޫން، 2018 ގައި މާލޭގައި ކުރީގެ އަނބިމީހާގެ ގެއަށް ވަދެ، އޭނާގެ ގައިގައި ތެޅި މައްސަލާގައި ދައުލަތުން ދައުވާކޮށް ކުށް ސާބިތުވީ ދ. އަތޮޅަށް ނިސްބަތްވާ ފުލުހެއްގެ މައްޗަށެވެ. އޭނާގެ ނަން ހާމަ ނުކުރީ ގެވެށި އަނިޔާއާ ގުޅުންހުރި ކަމަކަށް ވާތީ އަނިޔާ ލިބުނު މީހާގެ މައުލޫމާތު އާންމުވިޔަ ނުދިނުމަށެވެ.

ކުރީގެ އަނބިމީހާ ދިރިއުޅޭ ގެއަށް ދިއުމުން އެގެއަށް އޭނާ ނުވެއްދުމުން ދޮރު ހަލާކުކޮށްލައިގެން ވަދެ، އޭނާގެ ބޮލުގައި ތަޅައި، އަނިޔާކުރީ ދަރިން ކުރިމަތީގަ އެވެ. އެ ހާދިސާ ހިނގީ ދެ މީހުންގެ 13 އަހަރުވީ ކައިވެނި ރޫޅުނު ފަހުންނެވެ. އޭނާއަކީ 17 އަަހަރު ފުލުހުންގެ ވަޒީފާގައި އުޅެފައިވާ މީހެކެވެ.

އެ މައްސަލާގައި އަނިޔާއެއް ދިނުމުގެ ދައުވާ އާއި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ ދައުވާ ސާބިތުވުމުން ޖަލު އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށްދޭން އޭނާ ކޯޓުގައި އެދުނެވެ. އަދި އަމިއްލަ ލޯނުތަކެއް އޮތުމުން ޖަލަށްލައިފިނަމަ، ލޯނު ނުދެއްކި އަދި ދަރިން މަގުމަތިވާނެ ކަމަށް ވެސް ކޯޓުގައި ބުނެފައިވެ އެވެ.

އެހެން ނަމަވެސް އެ މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ނިންމެވީ ޖޫރިމަނާގެ އަދަބަކަށް ބަދަލު ނުކުރުމަށެވެ. އަދި ކުށްކުރި ގޮތަށް ރިއާޔަތްކޮށް، އަދަބުގެ އަސާސީ މިންގަނޑަށް ވުރެ ދަރަޖަ މަތި ކުރުމަށްފަހު ތިން ދައުވާގައި އޭނާ ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމަށެވެ.

ސަބަބެއްގެ ގޮތުގައި ވަކިވަކިން އިއްވެވި ތިން ހުކުމުގައިވަނީ އެ އަމަލު ހިންގާފައިވަނީ ދަރިން ކުރިމަތީގައި ކަމަށްވުމުން އޭގެ އަސަރު އެ ކުދިންނަށް ކުރާނެތީ އާއި އަންހެނުންނަށް ކުރާ އަނިޔާތަކުގައި ޖޫރިމަނާގެ އަދަބެއް ދިނުމަކީ އެފަދަ ކަންކަމަށް ފަރުވާ ކުޑަކުރުން ކަމުގައި ވާނެތީ އެވެ.

އެ ދައުވާއަށް އެ މީހާ ކޯޓުގައި އިންކާރުކޮށް ބުނެފައިވަނީ އޭނާ އަންހެން މީހާއަށް ހަމަލާދިނީ އަންހެން މީހާ އޭނާއަށް ހަމަލާދޭން ފެށުމުން ނަފްސުގެ ދިފާއުގައި ކަމަށެވެ. އެކަމަކު ކޯޓުގެ ހުކުމުގައިވަނީ ގަދަކަމުން އެގެއަށް ވަނުމަށްފަހު އަނިޔާކުރީ ނަފްސުގެ ދިފާއުގައި ކަމަށް ބުނާ ބުނުން ހަމަނުޖެހޭ ކަމަށެވެ.

އެގެއަކީ ފުލުސް މީހާ ކުލި ދައްކާ ތަނެއް ކަމަށާއި އެހެންވެ، އެތަނަށް އޭނާއަށް ވަނުމުގެ ހުއްދަ އޮންނާނެ ކަމަށް ވެސް ކޯޓުގައި ބުނެފައިވެ އެވެ. އެކަމަކު ކޯޓުގެ ހުކުމުގައިވަނީ ކޮންމެ މީހަކު ކުލި ދެއްކިޔަސް، އެތަނުގައި އުޅޭ މީހުންގެ ހުއްދަ ނެތި ވަނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.