ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު، ނެދަލެންޑްސްގެ ރެނޭ ހިޑިންކަށް، 2.9 މިލިއަން ރުފިޔާ ދެއްކުމަށް، އެފްއޭއެމް އަށް ފީފާގެ ފުޓްބޯލް ޓްރައިބިއުނަލް އިން އަންގައިފި އެވެ.
03 އެޕްރީލް 2022
ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު، ނެދަލެންޑްސްގެ ރެނޭ ހިޑިންކަށް، 2.9 މިލިއަން ރުފިޔާ ދެއްކުމަށް، އެފްއޭއެމް އަށް ފީފާގެ ފުޓްބޯލް ޓްރައިބިއުނަލް އިން އަންގައިފި އެވެ.
ރެނޭއާ އެކު އެފްއޭއެމުން ހެދި އެއްބަސްވުމާ ހިލާފަށް ގައުމީ ޓީމުގެ މަގާމުން އޭނާ ވަކިކުރިކަމަށް ބުނެ ފީފާ އަށް އޭނާ ހުށަހަޅައިފައިވާ މައްސަލަ ބެލުމަށް ފަހު، ފީފާގެ ފުޓްބޯޅަ ޓްރައިބިއުނަލް އިން އެފްއޭއެމަށް އަންގާފައި ވަނީ ބަދަލުގެ ގޮތުގައި 187,375 ޑޮލަރު (2.9 މިލިއަން ރުފިޔާ) ރެނޭ އަށް ދިނުމަށެވެ.
ހޮލެންޑުގެ ލެޖެންޑަރީ ކޯޗު، ގޫސް ހިޑިންކުގެ ކޮއްކޮ، ރެނޭ ހިޑިންކް ފީފާ އަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ޖެނުއަރީ 2021 ގައި އޭނާއާ އެކު ތިން އަހަރަށް އެފްއޭއެމް އިން ކޮންޓްރެކްޓް ހެދި ކަމަށެވެ. އަދި އޭގެ ތިން މަސް ފަހުން އޭނާއާ އެކު ކުރިއަށް ދެވެން ނެތް ކަމަށް އެފްއޭއެމުން ހިޑިންކަށް އެނގިކަމަށް ވެސް އޭނާގެ ވަކީލާ ހަވަލާދީ ބޭރުގެ މީޑިއާތަކުގައި ބުނެފައިވެ އެވެ.
"ކޮވިޑް-19 އާ ގުޅިގެން މުއްދަތެއް ނެތްގޮތަށް ރާއްޖޭގެ ފުޓްބޯޅަ ހުއްޓުމަކަށް އައިސްފައިވާ ކަމަށް ހިޑިންކަށް އެފްއޭއެމުން އެންގި. އަދި ކޮވިޑުގެ ސަބަބުން އޭނާ ވަޒީފާގައި ދަމަހައްޓަން ފައިސާ ނެތް ކަމަށް ވެސް އެފްއޭއެމުން އެންގި،" ރެނޭގެ ވަކީލް ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވެ އެވެ.
ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު ރެނޭ: އޭނާއާ އެކު އެފްއޭއެމުން ހެދި އެއްބަސްވުން އުވާލީ މިދިޔަ ޖޫން މަހު --- ފައިލް ފޮޓޯ
"އޭގެ ދުވަސްތަކެއް ފަހުން އެފްއޭއެމް އިން ހިޑިންކް ވަޒީފާއިން ވަކިކޮށްފައިވާކަމުގެ ނޯޓިސް ފޮނުވީ."
ފީފާގެ ޓްރައިބިއުނަލް އަށް ރެނޭ މައްސަލަ ހުށަހެޅީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. ފުޓްބޯލް ޓްރައިބިއުނަލް އިން ވަނީ ތިން ކަމެއްގެ މައްޗަށް ބަލައި ރެނޭ އަށް ފައިސާ ދައްކަން އެފްއޭއެމަށް އަންގައިފަ އެވެ. ރެނޭއާ އެކު އެފްއޭއެމުން ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތް ތާރީހަކީ ޖެނުއަރީ 2024 އެވެ.
- ޖޫން 2021 ގެ ފަހު ހަފުތާގެ މުސާރައިގެ ގޮތުގައި 1,375 ޑޮލަރު
- ޖުލައި 2021 އިން ޖެނުއަރީ 2024 ގެ މުސާރައިގެ ގޮތުގައި 170,500 ޑޮލަރު (ކޮންމެ މަހަކު މުސާރައިގެ ގޮތުގައި ދޭން ޖެހޭ 5،500 ޑޮލަރު 31 މަހަށް ބަހާލުމުން ޖުމުލަ އަދަދު)
- ޕޮކެޓްމަނީގެ ގޮތުގައި 15,500 ޑޮލަރު (ޕޮކެޓް މަނީގެ ގޮތުގައި ދޭން ޖެހޭ 500 ޑޮލަރު 31 މަހަށް ބަހާލުމުން ޖުމުލަ އަދަދު)
- ޖުމުލަ އަދަދު 187,375 ޑޮލަރު
ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި ރެނޭ ހިޑިންކްއާ އެކު އެފްއޭއެމުން އެއްބަސްވުން ހެދީ ޖެނުއަރީ 2020 ގަ އެވެ. އޭރު ކޯޗަކަށް ހަމަޖެއްސީ ނެދަލެންޑްސްގެ މާޓިން ކޫޕްމަން އެވެ. ދެ ކޯޗުންނާ އެކު އޭރު ހެދި އެއް އަހަރުގެ އެއްބަސްވުން ޖެނުއަރީ 2021 ގައި ހަމަވުމުން، ތިން އަހަރުގެ އެއްބަސްވުމުގައި ދެ ކޯޗުންނާ އެކު އެފްއޭއެމުން ސޮއިކުރި އެވެ. ރެނޭ ހިޑިންކްގެ ކޮންޓްރެކްޓް އުވާލީ މިދިޔަ ޖޫން މަހު އެވެ.
އޯގަސްޓް މަހު ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގެ ރާއްޖެ ހިމެނުނު ގްރޫޕްގެ ފަހު މެޗުތަކަށް ފަހު އެފްއޭއެމުން ވަނީ ޓީމުގެ ހެޑް ކޯޗު ކަމުން ކޫޕްމަން ވެސް ވަކިކޮށްފަ އެވެ.
މެޗުގެ ޕްރޮމޯޝަނެއް ނެތް، އެފްއޭއެމް އަތްއުރާލައިގެން
މަހިބަދޫގައި ޕެލޭ ސްޓޭޑިއަމް ހުޅުވައިފި
ސިމާއޯ އަށް ދޭން ޖެހޭ ފައިސާ އެފްއޭއެމުން ދައްކައިފި
ސިމާއޯއަށް 40000 ޑޮލަރު ދޭން އެފްއޭއެމަށް ޖެހިއްޖެ
ކުރިން ރެނޭ، ކޫޕްމަން؛ މިފަހަރު ސިމާއޯގެ ކަންބޮޑުވުން
ކޫޕްމަން ވަކިކުރީ ގޯސްކޮށް، ބަދަލުދޭން އަންގައިފި
އެފްއޭއެމްގެ މައްސަލަ ކޫޕްމަން ފީފާއަށް ހުށަހަޅައިފި
ދިވެހި ފުޓްބޯޅަ އަށް ފީފާގެ އެހީ ކިހާ މުހިއްމު؟
ރޭންކިންގައި ރާއްޖެ އަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
ފަހު 10 އަކާ ދިމާވާތީ ރާއްޖޭގެ މެޗު ފިލިޕީންސަށް