Roadha Mihaaru
ތަހުގީގު ލަސްވި ބޮޑެތި މައްސަލަތައް އޭސީސީން ނިންމަނީ

ތަހުގީގު ލަސްވެފައިވާ ބޮޑެތި މައްސަލަތައް އޭސީސީން ނިންމަނީ

25 އެޕްރީލް 2022

އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ 1،600 މައްސަލައިގެ ތެރެއިން ތަހުގީގު އަވަސްކުރަން ޖެހޭ ބޮޑެތި މައްސަލަތަކަށް އިސްކަންދީގެން ނިންމާނެ ކަމަށް ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ 1،600 މައްސަލައިގެ ތެރެއިން ތަހުގީގު އަވަސްކުރަން ޖެހޭ ބޮޑެތި މައްސަލަތަކަށް އިސްކަންދީގެން ނިންމާނެ ކަމަށް ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ބޮޑެތި މައްސަލަތަކެއްގެ ތަހުގީގު ލަސްވެފައި އެބަހުރި ކަމަށެވެ. އެ މައްސަލަތަކަށް އިސްކަންދީގެން ބަލާނެ ތަރުތީބަކާ އެކު އުސޫލެއް އެކުލަވާލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އެ އުސޫލު އާއްމުންނަށް އެނގޭ ގޮތަށް އާއްމުކުރަން ވެސް އޮތީ ނިންމައިފަ އެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ހުށަހަޅައި 1،600 އަށް ވުރެން ގިނަ މައްސަލަ ވާރުތަވެފައި އޮތް އިރު އެ މައްސަލަތައް ބަލަން ތިބީ 50 އިންވެސްޓިގޭޓަރުންނެވެ. މީގެ ތެރެއިން ވެސް 12 މީހުން ވަނީ އެމްއެމްޕީއާރުސީގެ ތަހުގީގު އަވަސްކުރުމަށް އެ މަސައްކަތަށް ހުސްކޮށްފަ އެވެ.

"ބޮޑެތި ތަހުގީގުތައް އެބަހުރި ލަސްވެފައި. އުސޫލަށް ބަދަލު ގެނެސްގެން އެ މައްސަލަތައް އަވަސްކުރުމުގެ މަސައްކަތް އެބަދޭ،" ޝާމިލް ވިދާޅުވި އެވެ.

އޭސީސީގެ ރައީސް ޝާމިލް "މިިހާރު"އާ ވާހަކަ ދައްކަވަނީ: އޭސީސީއަށް ގެންނަ ބަދަލުތަކާއި ނަތީޖާ ނެރެދޭން ފެށުމުން ކޮންމެވެސް ހިސާބަކުން ރައްޔިތުން ދެކޭ ގޮތް ބަދަލުވާނެ ކަމަށް ވިދާޅުވި. -- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު

އޭސީސީގެ ރައީސް ޝާމިލް "މިިހާރު"އާ ވާހަކަ ދައްކަވަނީ: އޭސީސީއަށް ގެންނަ ބަދަލުތަކާއި ނަތީޖާ ނެރެދޭން ފެށުމުން ކޮންމެވެސް ހިސާބަކުން ރައްޔިތުން ދެކޭ ގޮތް ބަދަލުވާނެ ކަމަށް ވިދާޅުވި. -- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު

އެއް ބަދަލަކަށް، ހުށަހަޅާ މައްސަލަތައް ބަލައިގަންނަ އުސޫލު ވެސް ތަފާތުކުރާނެ އެވެ. ކުރިން އޮންނަ ގޮތުން ނަމަ ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބަލައިގަނެ ތަހުގީގު ކުރަން ޖެހޭތޯ ކަނޑައަޅަނީ އޭސީސީގެ ފަސް މެމްބަރުންނެވެ. އެކަމަކު ގަވާއިދުގެ ތެރެއިން އެ ބާރު ރަޖިސްޓްރާއަށް ދޭން އާ ކޮމިޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެއާއެކު، އޭސީސީން ތަހުގީގު ކުރަން ނުޖެހޭ މައްސަލަތައް ހުށަހެޅުން މަދުކުރެވޭނެ ގޮތްތަކެއް ވެސް އަންނަނީ ހޯދަމުންނެވެ. ޖިނާއީ ތަހުގީގު ހިންގަން ޖެހޭ އިދާރާއެއްގެ ގޮތުގައި އޮތަސް އެ މިންގަނޑަށް ނުފެތޭ ގިނަ މައްސަލަތައް އޭސީސީއަށް ހުށަހަޅަ އެވެ.

"އޭސީސީއަށް ހުށަހަޅަނީ ޖިނާއީ ކުށްތަކުގެ މައްސަލަތައް އެކަންޏެއް ވެސް ނޫން. މިސާލަކަށް އޭސީސީއަށް ހުށަހެޅޭ 90 ޕަސެންޓް މައްސަލައަކީ ޕްރޮކިއުމަންޓާ ގުޅޭ މައްސަލަތައް. ކޮންމެ ބިޑަކާ ގުޅިގެން އެ ކާމިޔާބު ނުވާ ފަރާތުގެ ހިތްހަމަނުޖެހުން ހުރޭ. ކޮންމެ ވަޒީފާއެއްގައި އެ ވަޒީފާ ނުލިބޭ މީހުންގެ ނުރުހުން ހުރޭ."

މިފަދަ މައްސަލަތައް ވަރަށް ގިނަ ފަހަރު އޭސީސީއަށް ހުށަހެޅިއަސް ޝާމިލް ވިދާޅުވި ގޮތުގައި ވަގުތާއި ވަސީލަތްތައް ހޭދަކޮށްގެން ބަލާއިރު އެއްވެސް ކަމަކަށް ނުވާ ފަހަރުތައް ގިނަ އެވެ.

"އެހެން އެ ދިމާވަނީ އޭސީސީގެ މައްސަލަތައް ހުށަހެޅުމުގެ ނިޒާމުގައި ހުރި މައްސަލަތަކަކުން,"ޝާމިލް ވިދާޅުވި އެވެ.

މިކަމަށް ގެންނަ ބަދަލަކީ ކޮމިޝަނުން މައްސަލަ ބަލައިގަތުމާއި ރަޖިސްޓްރީ ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމެވެ. އިވެލުއޭޝަން މަރުހަލާ ވެސް އިސްލާހުކުރާ ގޮތަށް އޮތީ ނިންމައިފަ އެވެ.

"މި މަރުހަލާ ހަރުދަނާ ކުރެވުނީމަ ތަހުގީގުގައި ގިނަ ދުވަސްތައް ހިނގާނެ މައްސަލަތައް މަދުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

އޭސީސީއަށް ގެންނަ ބަދަލުތަކާއި ނަތީޖާ ނެރެދޭން ފެށުމުން ކޮންމެވެސް ހިސާބަކުން ރައްޔިތުން ދެކޭ ގޮތް ބަދަލުވާނެ ކަމަށް ޝާމިލް ވިދާޅުވި އެވެ.