Roadha Mihaaru
އަންހެނެއްގެ އަތުގައި ދަތްއަޅައި އިނގިލި ބުރިކޮށްލައިފި

އަންހެނެއްގެ އަތުގައި ދަތްއަޅައި އިނގިލި ބުރިކޮށްލި ފިރިހެނަކު ކޯޓުގެ ހުރުމަތް ކަނޑައިގެން ޖަލަށް!

03 މެއި 2022

ގއ. ވިލިނގިލީގައި އަންހެނެއްގެ އަތުގައި ފިރިހެނަކު ދަތް އަޅައި، އޭނާގެ އިނގިލި ބުރިކޮށްލައިފި އެވެ. އަދި އެ މައްސަލައިގައި ތުހުމަތުވާ ފިރިހެން މީހާ ތަހުގީގަށް ބަންދުކުރުމުގެ ހުއްދަ ހޯދަން ކޯޓަށް ގެންދިއުމުން، ކޯޓުގެ ހުރުމަތް ކެނޑުމުން ޖަލަށް ލާން މިއަދު ވަނީ ހުކުމްކޮށްފަ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގއ. ވިލިނގިލީގައި އަންހެނެއްގެ އަތުގައި ފިރިހެނަކު ދަތް އަޅައި، އޭނާގެ އިނގިލި ބުރިކޮށްލައިފި އެވެ. އަދި އެ މައްސަލައިގައި ތުހުމަތުވާ ފިރިހެން މީހާ ތަހުގީގަށް ބަންދުކުރުމުގެ ހުއްދަ ހޯދަން ކޯޓަށް ގެންދިއުމުން، ކޯޓުގެ ހުރުމަތް ކެނޑުމުން ޖަލަށް ލާން މިއަދު ވަނީ ހުކުމްކޮށްފަ އެވެ.

ފުލުހުން ބުނީ ވިލިނގިލީގެ ގެއަކަށް ފިރިހެނަކު ގޮސް، އެ ގޭގެ މީހުންނާ ޒުވާބުކޮށް، ތަޅައި، މާރާމާރި ހިންގާފައިވާ މައްސަލައެއްގެ ރިޕޯޓް އިއްޔެ ހަވީރު ލިބުނު ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 35 އަހަރުގެ ފިރިހެނެކެވެ. އެ މާރާމާރީގައި ހަތަރު މީހަކަށް އަނިޔާވި އެވެ. އެއީ އިނގިލި ބުރިވި 39 އަހަރުގެ އަންހެން މީހާ އާއި 74 އަހަރުގެ ފިރިހެނަކާއި އުމުރުން 60 އަދި 31 އަހަރުގެ އަންހެނަކަށެވެ.

150 ދުވަހަށް ޖަލަށް!

ތުހުމަތުވާ ފިރިހެން މީހާ ބަންދުކުރަން ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން އަމުރުކުރި އެވެ.

ބަންދުގެ މުއްދަތު ގެންދިއުމުން އޭނާ ކޯޓުގެ ހުރުމަތްކަނޑާފައި ވާތީ 150 ދުވަހަށް ޖަލަށް ލުމަށް ވެސް ހުކުމް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ވިލިނގިލިން "މިހާރު"އާ ވާހަކަ ދެއްކި މީހަކު ބުނީ އެ ފިރިހެން މީހާ ދަތް އަޅައި، އިނގިލި ބުރިކޮށްލީ އޭނާގެ ކުރީގެ އަންހެނުންގެ ދައްތަގެ ކަމަށެވެ. އަނިޔާވި މީހުންގެ ތެރޭގައި އޭނާގެ ކުރީގެ އަންހެނުން ވެސް ހިމެނޭ ކަމަށާއި އެ ފިރިހެން މީހާ އުޅެނީ އެ ކައިވެންޏަށް ލިބިފައި ތިބި ކުދިން އަތުލަން ވެގެން ކަމަށް އޭނާ ބުންޏެވެ.

އެ ކުދިންގެ ތިބެނީ އަންހެން މީހާގެ ބެލެނިވެރިކަމުގެ ދަށުގަ އެވެ.