Roadha Mihaaru
ދެކުނަށް އުދަ އަރައި ތިން ރަށަކަށް ބޮޑެތި ގެއްލުންތައް

ދެކުނަށް އުދަ އަރައި ތިން ރަށަކަށް ބޮޑެތި ގެއްލުންތަކެއް

01 ޖުލައި 2022

ދެކުނުގެ ގިނަ ރަށްރަށަށް އުދައިގެ އަސަރު ކޮށްފައިވާ ކަމަށާއި ތިން ރަށަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދެކުނުގެ ގިނަ ރަށްރަށަށް އުދައިގެ އަސަރު ކޮށްފައިވާ ކަމަށާއި ތިން ރަށަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

އެ ސެންޓަރުން ބުނީ ހަތް އަތޮޅަކަށް އުދަ އަރައި ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އެއީ އދ. ފެންފުށި، ޅ. ކުރެންދޫ، ތ. އަތޮޅުގެ ނުވަ ރަށެއް، ލ. މާވަށް، ގއ. ކޮލަމާފުށީ، ގދ. ގެ ހަތަރު ރަށެއް އަދި އައްޑު އަތޮޅެވެ.

އެންޑީއެމްއޭގެ ޑެޕިއުޓީ ސީއީއޯ އުމަރު ފިކްރީ ވިދާޅުވީ އެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ އައްޑޫ މަރަދޫ، މަރަދޫ ފޭދޫ އަދި ގދ. މަޑަވެއްޔަށް ކަމަށެވެ.

މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒު ހަސަން ވިދާޅުވި އެ ރަށުގެ 98 ޕަސެންޓް މީހުންނަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ. އަދި 60 ވަރަކަށް ގެއަށް ލޮނު ވަދެ، އޭގެ ތެރެއިން ހަތަރު އާއިލާއެއް ރަށުގެ ޒުވާނުންގެ މަރުކަޒަށް ވަގުތީ ގޮތުން ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ގޭ ތަކުގެ ތެރެއިން 53 ގެއަކުން ހިފާ ގެންގުޅޭ ސާމާނާއި ކެއުމަށް ގެންގުޅޭ ހުރިހާ އެއްޗެއް ހަލާކުވެފައިވާ ކަމަށް ވެސް ފިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށުގެ އެންމެން ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

މަޑަވެއްޔަށް އުދަ އަރައި ފިހާރައަކަށް ގެއްލުން ލިބިފައި.

މަޑަވެއްޔަށް އުދަ އަރައި ފިހާރައަކަށް ގެއްލުން ލިބިފައި.

އުދައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ މަޑަވެއްޔާއި ހޯނޑެއްދޫ ކޯޒްވާ ދިމާލުންނެވެ.

އައްޑޫ މަރަދޫގެ 50 ގެއަކަށް ލޮނު ވަދެ، އޭގެ ތެރެއިން ދެ ގެއަކުން މީހުން ބަދަލުކޮށްފައިވެ އެވެ. މަރަދޫފޭދޫ ގައި ވެސް 30 ގެއަކަށް ލޮނު ވަދެ ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާލުވީ މިރޭ ވެސް އުދަ އަރާނެ ކަމަށް މައުލޫމާތު ލިބޭތީ ވެލިބަސްތާ ޖަހައި އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އުދަ އަރާނެ ކަމަށް މެދު ރާއްޖޭގެ އަތޮޅުތަކުން ފެށިގެން ދެކުނުގެ ހިސާބުތަކަށް ވައިޓް އެލާޓް ނެރެފަ އެވެ.

އެ އިދާރާއިން ބުނީ ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.