Roadha Mihaaru
183ގެއަށް ފެން ވަދެ، 3ގެއަކުން މީހުން ބަދަލުކުރަނީ

މާލޭގެ 183 ގެއަކަށް ފެން ވަދެ، ތިން ގެއަކުން މީހުން ބަދަލުކުރަނީ

13 އޯގަސްޓް 2024

ވިއްސާރައިގައި މާލޭގެ 183 ގެއަކަށް ފެން ވަދެ، އޭގެތެރެއިން ދިރިނޫޅެވޭވަރުވި ތިން ގެއަކުން މީހުން ބަދަލުކުރުމުގެ މަސައްކަތް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ފަށައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ވިއްސާރައިގައި މާލޭގެ 183 ގެއަކަށް ފެން ވަދެ، އޭގެތެރެއިން ދިރިނޫޅެވޭވަރުވި ތިން ގެއަކުން މީހުން ބަދަލުކުރުމުގެ މަސައްކަތް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ފަށައިފި އެވެ.

ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ސީއީއޯ ހިސާން ހަސަން "މިހާރު" އަށް ވިދާޅުވީ މިހާތަނަށް ހެދި އެސެސްމަންޓުން އެނގިފައިވާ ގޮތުގައި މާލޭގެ ތިން ގެއެއްގައި ދިރިނޫޅެވޭ ވަރަށް ފެން ބޮޑުވެފައިވާ ކަމަށެވެ. އެ ގެތަކުން 16 މީހަކު ބަދަލު ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެތަން ސާފުކޮށް ނިމެންދެން، އެ މީހުން ބޭނުން ނަމަ ތަންތަނަށް ބަދަލުވުމަށް ބޭނުންވާ ފައިސާ އަޅުގަނޑުމެން ހަމަޖައްސައިދޭނަން،" ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެންމެ ބޮޑަށް އަސަރުކުރީ، އާއްމުކޮށް ފެންބޮޑުވާ މާފަންނު ސަރަހައްދުތަކުގެ ގެތަކަކަށެވެ. އެއީ މީގެ ކުރިން ވެސް ފެން ބޮޑުވުމުން ގެއްލުންވާ ގެތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ ބައެއް ގެތަކުގައި ކައިބޮއެ ނުހެދޭ ވަރަށް ފެނުގެ އަސަރުކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކަންކަން ވެސް މޮނިޓާ ކުރަމުން އަންނަ ކަމަށާއި މިހާތަނަށް ހއ. ބާރަށުން ދެ އާއިލާއަކާއި ހޯރަފުށިން ހަ އާއިލާއަކަށް އަދި ކެލާ އިން ވެސް ދެ އާއިލާއަކަށް އެހީތެރިކަން ފޯރު ކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެންޑީއެފް އިން ބުނީ މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަންނަމުންދާތީ މާލޭ ސަރަހައްދުގައި 48 ގެއެއްގައި 136 ވެލި ބަސްތާ ޖަހާފައިވާ ކަމަށެވެ.

މާލެއަށް ކުރަމުންދާ ވިއްސާރާގައި މިހާތަނަށް ބައެއް ގަސްތައް ވެއްޓި ޕާކު ކޮށްފައި ހުރި އުޅަނދުތަކަށް ވެސް ވަނީ ގެއްލުން ލިބިފަ އެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ އެވެ.

އުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް ވައިޖެހެނީ 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ދެކުނުގެ ރަށްތަކަށް ވައިޖެހޭނީ ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.