Roadha Mihaaru
ވިއްސާރައިގެ އެންމެ ބޮޑު ގެއްލުމެއް ގުރައިދު އަށް

ވިއްސާރައިގައި ފަސް ރަށަކުން ރިޕޯޓު، އެންމެ ބޮޑު ގެއްލުމެއް ކ. ގުރައިދު އަށް

31 ޑިސެމްބަރ 2023

މުޅި ރާއްޖެ އަށް މިހާރު ކުރާ ގަދަ ވިއްސާރައިގައި މާލެއާ އެކު، އިތުރު ފަސް ރަށަކަށް ގެއްލުން ލިބިގެން، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ރިޕޯޓުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މުޅި ރާއްޖެ އަށް މިހާރު ކުރާ ގަދަ ވިއްސާރައިގައި މާލެއާ އެކު، އިތުރު ފަސް ރަށަކަށް ގެއްލުން ލިބިގެން، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ރިޕޯޓުކޮށްފި އެވެ.

އެ އިދާރާއިން މިއަދު ބުނީ، ވިއްސާރާގައި ގެއްލުން ލިބުނުކަމުގެ ރިޕޯޓުތައް މާލޭގެ އިތުރުން ފ. ނިލަންދު އާއި ކ. ގުރައިދު އާއި ލ. ގަމާއި އެ ރަށާ ގުޅިފައި އޮންނަ ފޮނަދޫ އަދި އައްޑޫ މަރަދޫ އިން މިހާތަނަށް ލިބިފައިވާ ކަމަށެވެ.

ވިއްސާރައިގައި ގުރައިދޫގައި ފެންބޮޑުވެފައި.-- ފޮޓޯ: ގުރައިދޫ ކައުންސިލް

ވިއްސާރައިގައި ގުރައިދޫގައި ފެންބޮޑުވެފައި.-- ފޮޓޯ: ގުރައިދޫ ކައުންސިލް

ފެން ބޮޑުވުމުން ސިފައިންނާއި ފުލުހުން އަދި ކައުންސިލްތައް ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މާލޭގެ ބައެއް ގޭގައި ފެންބޮޑުވެފައިވާތީ ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު ކުރަމުން އަންނަ ކަމަށް ބުންޏެވެ.

އެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ގުރައިދުއަށެވެ.

އެ ރަށު ކައުންސިލްގެ މެމްބަރު ފާތިމަތު ޒިރުފާ ވިދާޅުވީ ރޭ 8:00 ހާއިރު ވާރޭވެހެން ފެށި ގޮތަށް ހުއްޓާލީ މެންދުރުވާން އުޅެނިކޮށް ކަމަށެވެ. އެހެންވެ، މުޅި ރަށުގައި ފެން ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރެއިން 15 ގެއަކަށާއި ތިން ފިހާރައަށް ގެއްލުން ލިބިފައިވެ އެވެ.

ވިއްސާރަވެ، ފެން ބޮޑުވުމުން ރަށެއްގައި ގޭގޭގައި ވެލި ބަސްތާ ޖަހާފައި.-- ފޮޓޯ: އެންޑީއެމްއޭ

ވިއްސާރަވެ، ފެން ބޮޑުވުމުން ރަށެއްގައި ގޭގޭގައި ވެލި ބަސްތާ ޖަހާފައި.-- ފޮޓޯ: އެންޑީއެމްއޭ

ޒިރުފާ ވިދާޅުވީ މީހުންނަށް ނޫޅެވޭ ވަރަށް ހަތް ގެއެއްގައި ފެން ބޮޑުވެފައިވާތީ، އެ ތަންތަނުން އެހެން ގޭގެ އަށް މީހުން ބަދަލުކޮށްފައިވާ ކަމަށެވެ.

ބާކީ ހުރި ގޭގައި ވެސް ކޮޓަރިތަކަށް ފެން ވަނުމުން ފަރުނީޗަރާއި ހިފައި ގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވާރޭގައި މީގެ ކުރިން ވެސް ގުރައިދޫގެ ބޮޑު މަގުގައި ފެން ބޮޑުވެ އެވެ. އެކަމަކު މުޅި ރަށުގައި އެ ގޮތަށް، މި ފަހުގެ ތާރީހެއްގައި ފެން ބޮޑުވެފައިނުވާ ކަމަށް ގުރައިދޫ ކައުންސިލުން ބުންޏެވެ.