04 ޖެނުއަރީ 2017
ރާއްޖޭގެ މައި އެއާޕޯޓަށް މި ފަހުން ބޮޑެތި ބަދަލުތަކެއް ގެނެސް އެތައް ކަމެއް ރަނގަޅުކޮށްފި އެވެ. ކުރިއަށް ހުރި ބަދަލުތައް އަދި އެއަށް ވުރެ މާ ބޮޑެވެ. އެކަމަކު މި ތަރައްގީއާ ނުބައްދަލު އެއް ކަމެއް، ތުއްތު ކުދިން ގޮވައިގެން ދަތުރުކުރާ އަންހެނުންނަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފާހަގަކުރެވޭނެ އެވެ؛ އެ ތަނުގެ "މަދާސް ރޫމް" ނުވަތަ "ޅަދަރިމައިންގެ ކޮޓަރި" އެވެ.
ރާއްޖޭގެ މައި އެއާޕޯޓަށް މި ފަހުން ބޮޑެތި ބަދަލުތަކެއް ގެނެސް އެތައް ކަމެއް ރަނގަޅުކޮށްފި އެވެ. ކުރިއަށް ހުރި ބަދަލުތައް އަދި އެއަށް ވުރެ މާ ބޮޑެވެ. އެކަމަކު މި ތަރައްގީއާ ނުބައްދަލު އެއް ކަމެއް، ތުއްތު ކުދިން ގޮވައިގެން ދަތުރުކުރާ އަންހެނުންނަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފާހަގަކުރެވޭނެ އެވެ؛ އެ ތަނުގެ "މަދާސް ރޫމް" ނުވަތަ "ޅަދަރިމައިންގެ ކޮޓަރި" އެވެ.
ސޯޝަލް މީޑިއާގައި މިކަމަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.
އެރައިވަލްގައި ހުންނަ ކޮޓަރި ނަގަމާ ހިނގާށެވެ. ރާއްޖެ އަންނަ ފަސިންޖަރުންނާއި ޑޮމެސްޓިކް ދަތުރުތައް ކުރާ މީހުންނާއި ރާއްޖެ އިން ބޭރަށް ފުރަން ޗެކިން ވުމުގެ ކުރިން މިފަދަ ބޭނުމެއް ޖެހޭ މީހުންނަށް ވެސް ހުރި ހަމައެކަނި ތަނަކީ މި އެވެ.
މައިގަނޑު މައްސަލައަކީ، ކުޑަކުޑަ ގޮޅިއެއް ވަރުގެ މި ކޮޓަރި އެއްފަހަރާ ތިން ބޭނުމެއް ފުއްދަން ޖެހުމެވެ. ތުއްތު ކުއްޖާ ސާފުކުރާ ފާޚާނާއެއްގެ ގޮތުގައި، ނެޕީ ބަދަލުކުރާ ތަނެއްގެ ގޮތުގައި އަދި ގާތުން ކިރު ދޭން ވެސް ބޭނުންކުރަން ހުރި ތަނަކީ މި ކޮޓަރި އެވެ. މާނައަކީ އެކަކު ދަރިފުޅަށް ބުއް ދޭން އިންދާ، އެހެން މީހަކު ވަދެ، ބޮޑުކަމު ގޮސްގެން އުޅޭ ކުއްޖަކު ސާފުކޮށް ނެޕީ ބަދަލުކޮށްފާނެ އެވެ. އެ ދެމެދުގައި ހުންނާނީ އެންމެ ފޫޓެއްހާ ދުރުމިނެވެ.
އަނެއް މައްސަލައަކީ ތަނުގެ ހަޑިމުޑުދާރުކަމާއި ސާފުތާހިރު ވެވޭނެ ގޮތެއް ނެތުމާއި ވަސީލަތްތަކުގެ ދެރަވަރު ކަމެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާއްމު ސަރަހައްދުގައި ހުންނަ ޅަދަރިމައިންގެ ކޮޓަރީގެ ބޭރު. ފޭސްބުކް ފޮޓޯ
ބިއްލޫރިގަނޑުގައި ފެންވަރު ރަނގަޅު ސްޓިކާއެއް ތަތްކޮށް ރީތިކޮށްފައި ހުންނާތީ، ބޭރުން ބަލައިލާ އިރު ހީވާނީ މިއީ ވަރަށް ފުރިހަމަ ތަނެއް ހެންނެވެ. އެކަމަކު ދޮރު ހުޅުވާލީމާ ފެންނަ މަންޒަރާއި ކުރެވޭ ތަޖުރިބާ މުޅިން ތަފާތެވެ. ފިނިކަމެއް ނެތް ކޮޓަރީގައި ހަމައެކަނި ހުންނަނީ ބާވެފައި ހުރި ސޯފާ ގޮނޑިއަކާއި ޕްލާސްޓިކް މޭޒަކާއި ކުޑަކުޑަ ޑަސްބިނެކެވެ. ކުއްޖާ ދޮއްވާލަން ނުވަތަ ސާފުކޮށްފައި އަތް ދޮވެލަން ފެންފޮދެއް ނެގޭނެ ގޮތެއް ވެސް ނެތެވެ. އެކަކު ސިފަކުރި ގޮތުން ނަމަ އެ ތަނުގައި ހުރީ "ނީލަން ފިހާރަ އިން ހޮވައިގެން" ގެންގޮސް ބަހައްޓާފައި ހުރި ގޮނޑިއަކާއި މޭޒެކެވެ.
"އަހަރެން އެންމެ ފަހުން މި ތަން ބޭނުންކުރީ، ދަރިފުޅުގެ ނެޕީ ބަދަލުކުރަން އުޅުނު އަރަބި އަންހެނަކާ އެކީގައި މޭޒު ޝެއާކޮށްގެން،" ހޯމަދުވަހު ނެގި ފޮޓޯތަކަކާ އެކު ޖެހި ފޭސްބުކް ޕޯސްޓެއްގައި ޔުމްނާ އަލީ ލިޔުނެވެ.
"އަހަންނަކީ ދިވެއްސެއްތޯ އަހާފައި އޭނާ ސުވާލުކުރީ ދޮވެލާނެ ސިންކެއްހާ ހިސާބު ވެސް ނެތީ ކީއްވެގެންހޭ. އަހަންނަށް ބުނަން ޖެހުނީ އަހަންނަކަށް އެއްގޮތަކަށް ވެސް ނޭނގެއޭ. ބުނެފައި އެ ތަނުން ނުކުމެގެން ދާން ޖެހުނީ އަހަރެންގެ އަމިއްލަ ނަފްސާއި އަހަރެންގެ ގައުމާއި އަހަރެމެންގެ އެއާޕޯޓާ މެދު ލަދުން މަރުވާ ހާލުގައި."
ޓިޝޫއެއްގެ މިންވަރު ވެސް އެ ތަނުގައި ނެތްކަން ފާހަގަކޮށް ޔުމްނާ ބުނީ މިދިޔަ އަހަރުގެ ކުރީކޮޅު ވެސް މި ތަނުގެ ހާލު ހުރީ މި ގޮތަށް ކަމަށާއި އައި ހަމައެކަނި ބަދަލަކީ ބޭރަށް ފެންނަން ހުރި ސްޓިކާގަނޑު ކަމަށެވެ.
"ނަން ބަދަލުކޮށް ރީބްރޭންޑް ކުރުމުގެ ބަދަލުގައި، އެއްފަހަރު ނަމަވެސް، މި ވަސީލަތްތަކާއި ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށްލުން އެދެން. މިއީ ކޮންމެހެން ވެސް ބޭނުންވާ ކަންކަން،" ދުއިސައްތަ އަށް ވުރެ ގިނަ ފަހަރު ޝެއާކޮށްފައިވާ ޕޯސްޓުގައި ޔުމްނާ ބުންޏެވެ.
ބައެއް މީހުން ބުނާގޮތުގައި ޑިޕާޗާ ޓާމިނަލުގައި ހުންނަ "ޅަދަރިމައިންގެ ކޮޓަރި" ތަންކޮޅެއް ބޮޑުވެފައި ރަނގަޅެވެ. އެކަމަކު ކުޑަ ފާޚާނާއަކާއި ސިންކެއް ހުރުން ފިޔަވައި މާ ބޮޑު ތަފާތެއް އެ ތަނުގައި ވެސް ނެތްކަން އެއް ބަޔަކު ފާހަގަކުރެ އެވެ.
"އެ ތަނުގައި ސިންކެއް ހުރޭ، އެކަމަކު އަހަރެން އެންމެ ފަހުން އެ ތަނަށް ވަތް އިރު އެއްވެސް މީހަކަށް އެ ސިންކު ބޭނުމެއް ނުކުރެވޭ، ދުވާ ނުބައި ވަހުން. ދެ ސޯފާ އާއި ދެ މޭޒު ހުއްޓަސް އެ ތަނުން އެކަތި ހުރީ ހަލާކުވެފައި. ޑަސްބިން ކުޑަކަމުން އެއަށް ތިން ނެޕީ ވެސް ނުލެވޭ،" ފޭސްބުކް ކޮމެންޓެއްގައި އައިނާ ޝިޔާމް ލިޔެފައިވެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާގައި ހުންނަ ޅަދަރިމައިންގެ ކޮޓަރި --ފޮޓޯ: ހަމްޒާ ޚަލީލް
ފުރަން ގޮސް، ހަތް މަހުގެ ދަރިފުޅަށް ގާތުން ކިރު ދޭން އެ ކޮޓަރި ބޭނުންކުރުމަށް ފަހު އަނީސާ ޔޫސުފް ވެސް ފޭސްބުކްގައި ބުނެފައި ވަނީ އެއީ ވަރަށް ގޯސް ތަޖުރިބާއެއް ކަމަށެވެ.
"ހުސް ނަޖިސް ވަސް ދުވާ ފާޚާނާއެއްގެ ތެރޭގައި މެންދުރު ކާން ޖެހިއްޖެއްޔާ އަދި އެހެން އުޅެނިކޮށް އެހެން މީހަކު އައިސް ފޫޓެއްހާ ގާތުގައި ބޮޑުކަމު ހިނގައްޖެއްޔާ ވާނީ ކިހިނެއް؟" ދަރިފުޅުގެ ނަޒަރުން އެ މާހައުލު ސިފަކޮށްދެމުން އަނީސާ ލިޔެފައިވެ އެވެ.
އޭނާގެ ފިރިމީހާ ހަމްޒާ ޚަލީލް ފާހަގަކުރި ގޮތުގައި ޖެހިގެން ހުރި، ދުންފަތުގެ އިސްތިއުމާލުކުރާ ކޮޓަރި "ޅަދަރިމައިންގެ ކޮޓަރި" އަށް ވުރެ މާ ބޮޑެވެ.
އަނީސާ ބުނި ގޮތަށް، މި ކަހަލަ ކަންކަން މިހެން ހުންނަނީ އަންހެނުންގެ ނަޒަރުން ނުވިސްނާތީ ކަމަށް ވެދާނެ އެވެ.
"ކަންކަން ނިންމާ ފެންވަރުގެ މަގާމްތަކުގައި އަންހެނުން ގިނަކުރަންވީ މިހެންވެ. ފިިރިހެނުންނަށް ބައެއް ކަންކަން ހަމަ ނުވިސްނެނީ،" އޭނާ ލިޔުނެވެ.
ކޮންމެ ގޮތެއް ވިޔަސް، އަހަރަކު މިލިއަނަކަށް ވުރެ ގިނަ ޓޫރިސްޓުންނާއި އެތަކެއް ހާސް ދިވެހިން ބޭނުންކުރާ އެއާޕޯޓުގައި މިހާ ފެންވަރު ދަށްކޮށް މިކަހަލަ ކަމެއް ހުރުމަކީ ގިނަ ބަޔަކަށް ބަލައިގަނެވޭ ކަމެއް ނޫނެވެ. ޚާއްސަކޮށް މި ކޮޓަރިތައް ބޭނުންކުރަން ޖެހޭ މައިންނަށެވެ.
އަޒަރުބައިޖާން އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް
އެއާ އަރަބިއާގެ ޝެޑިއުލް ދަތުރުތައް ފަށައިފި
އާ ބެގޭޖް ހޭންޑްލިން ސިސްޓަމެއް ތައާރަފްކުރަނީ
އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް 25،000ރ.
އެމްއޭސީއެލްއިން ފަޔާ ފައިޓަރުން ތަމްރީނުކޮށްފި
ޓޫރިޒަމްގެ ޕީކް ސީޒަނަށް އެމްއޭސީއެލްއިން ތައްޔާރުވަނީ
މެލޭޝިއާ އެއާލައިންގެ ދަތުރުތައް އަލުން ފަށަނީ
ހާދިސާތަކަށް ތައްޔާރުވުމަށް ފަޔާފައިޓަރުން ތަމްރީނުކުރަނީ
ވީއައިއޭގެ ސަލާމަތީ ކަންކަން ވަރުގަދަ ދެ ޗެކްޕޯސްޓެއް
"މާލީ ހާލަތުގެ އަސަރު އެއާޕޯޓު ޕްރޮޖެކްޓަށް ނުކުރާނެ"