Roadha Mihaaru
ހިންމަފުށީ ހަމަނުޖެހުންތަކާ ގުޅިގެން 5 މީހަކު ހައްޔަރު

ހިންމަފުށީގެ ހަމަނުޖެހުންތަކާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފި

21 އޯގަސްޓް 2022

ކ. ހިންމަފުށީގައި ހިންގި ހަމަނުޖެހުންތަކަކާ ގުޅިގެން ފަސް މީހަކު މިދިޔަ ހުކުރު ދުވަހުގެ ރޭ ހައްޔަރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކ. ހިންމަފުށީގައި ހިންގި ހަމަނުޖެހުންތަކަކާ ގުޅިގެން ފަސް މީހަކު މިދިޔަ ހުކުރު ދުވަހުގެ ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ރަށުގެ ގެސްޓްހައުސްއަކަށް ގެއްލުންދިން މައްސަލައެއް މިދިޔަ ހުކުރު ދުވަހުގެ މެންދުރު ފަހު 3:45 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގެ ތުހުމަތުގައި 32 އަހަރުގެ މީހަކު ކޯޓުގެ އަމުރެއްގެ ދަށުން އެ ރޭ ހައްޔަރުކުރިއަސް، އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރުތު ކުރުމަށްފަހު ދޫކޮށްލައިފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއިން ފެންނަނީ ގެސްޓްހައުސްގެ ތިރީގައި ހިންގާ ރެސްޓޯރެންޓަކަށް ވަދެ އެ ތަނުން ގޮނޑިއެއް ނަގައި ކާ އެއްޗެހި އަޅާ ބިއްލޫރި ޝޯކޭހަކާ ދިމާލަށް ގޮނޑި އެއްލާލައި، އެ އެތި ތަޅާލާ ތަނެވެ. އެއަށްފަހު އޭނާ އެ ތަނުން ނުކުމެގެން ދަނީ އެވެ.

އޭގެ ފަހުން، އެ ރޭ ދަންވަރުގެ ވަގުތެއްގައި ރަށު ތެރޭގައި ހަމަނުޖެހުން ހިންގި މައްސަލައަކާ ގުޅިގެން 20 އަހަރާއި 27 އަހަރާއި 29 އަދި 37 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވެ އެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ދެ މީހަކު ދޫކޮށް، ބާކީ ތިބި ދެ މީހުންގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ ދެ މައްސަލަ ތަހުގީގުކުރަމުން އަންނާތީ އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ. ނަމަވެސް އެ ކަމުގެ މައުލޫމާތު އިނގޭ މީހަކު "މިހާރު" އަށް ބުނީ ދެ ބައެއްގެ މެދުގައި ހޫނު ޒުވާބުތަކެއް ހިނގިއިރު ވެސް އެކަންތައް ހުއްޓުވަން އެއްވެސް ބަޔަކު މަސައްކަތެއް ނުކުރި ކަމަށެވެ. އެ ވަގުތު އެ ތަނުގައި ގެސްޓުން ވެސް ތިބި ކަމަށް އޭނާ ބުންޏެވެ.

އެ ހަމަނުޖެހުންތަކުގައި ބައިވެރިވުމަށް މާލެއިން 12 ވަރަކަށް މީހުންގެ ގްރޫޕެއް ވެސް ހިންމަފުއްޓަށް ދިޔަ ކަމަށް، އެކަމުގެ މައުލޫމާތު އިނގޭ މީހާ ބުންޏެވެ.