Roadha Mihaaru
އެނބުރި އައިސް ޖައިޝާއަށް 5000 މީޓަރުން އެއްވަނަ

ބަލިން ރަނގަޅުވެގެން އެނބުރިއައިސް ޖައިޝާ އަށް 5000 މީޓަރުން އެއްވަނަ

25 އޯގަސްޓް 2022

ގަދަ ހުމެއް ޖެހި ޓްރޭނިން ނުކުރެވި ހުރުމަށް ފަހު، މުބާރާތަށް އައި ޑިސްޓެންސް ދުވުންތެރިޔާ އާމިނަތު ޖައިޝާ ޖުނީޒް އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 5000 މީޓަރުން މިއަދު ރަން މެޑަލް ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގަދަ ހުމެއް ޖެހި ޓްރޭނިން ނުކުރެވި ހުރުމަށް ފަހު، މުބާރާތަށް އައި ޑިސްޓެންސް ދުވުންތެރިޔާ އާމިނަތު ޖައިޝާ ޖުނީޒް އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 5000 މީޓަރުން މިއަދު ރަން މެޑަލް ހޯދައިފި އެވެ.

ޑިސްޓެންސް ދުވުންތަކުގައި މިހާރު އެންމެ ވިދުން ގަދަ އެތުލީޓް، ޖައިޝާ އަށް މުބާރާތަށް ހާއްސަކޮށް އެކާށީގެންވާ ވަރަށް ޕްރެކްޓިހެއް ނުކުރެވުނެވެ. އޭނާގެ ކޯޗު އަބްދުﷲ އިބްރާހިމް (އަބުޅޯ) ބުނި ގޮތުގައި ހުން އައިސްގެ ޖައިޝާ އަށް ހަފުތާ އަކަށް ވުރެ ގިނަ ދުވަހު ގޭގައި އޮންނަން ޖެހުނެވެ.

"ހުންގަނޑު ލައްވާލީމަ ޕްރެކްޓިސް ނުކުރެވި ހަފުތާއަކަށް ގިނަ މުއްދަތެއް ނަގާފަ ދެން މި ނުކުތީ މުބާރާތަށް،" އަބުޅޯ ބުންޏެވެ.

އެކުވެނި ސިންތެޓީކް ޓްރެކުގައި މިއަދު ވާދަކޮށް ޓްރެކް އެންޑް ފީލްޑް ޓީމުން ވާދަކުރި ޖައިޝާ ރޭސް ނިންމީ 20:17.2 އިންނެވެ. އޭނާ ވަނީ ދެވަނައިގައި ނިންމި މަރްޔަމް އަބްދުލް ކަރީމް (މަރީ) ގެ މައްޗަށް 10.07 ސިކުންތުގެ ކުރިއެރުމެއް ހޯދައިފަ އެވެ.

ހަފުތާ އަކަށް ވުރެ ގިނަ މުއްދަތެއް ޕްރެކްޓިހާ ދުރުގައި ހުރުމަށް ފަހު ޖައިޝާ ރޭސް ނިންމި ވަނަ އަށް އަމާޒުކޮށްގެން ކަމަށް އަބުޅޯ ބުންޏެވެ.

ޖައިޝާ މިއަދު ރޭހުގައި ވާދަކުރާނީ: މުބާރާތަށް ހަފުތާއެއް ވޯއިރު ހުން އައުމުން ޓާގެޓް ކުރި ޓައިމް އަށް ރޭސް ނުނިންމުނަސް އޭނާ ވަނީ އެއްވަނަ ހޯދާފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޖައިޝާ މިއަދު ރޭހުގައި ވާދަކުރާނީ: މުބާރާތަށް ހަފުތާއެއް ވޯއިރު ހުން އައުމުން ޓާގެޓް ކުރި ޓައިމް އަށް ރޭސް ނުނިންމުނަސް އޭނާ ވަނީ އެއްވަނަ ހޯދާފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"މުބާރާތް ފަށަން ގާތްގަނޑަކަށް ހަފުތާއެއް ވުމުގެ ކުރިން ވެސް އަޅުގަނޑުމެން ޓާގެޓް ކުރީ 18 މިނެޓުން ރޭސް ނިންމައި ގައުމީ ރެކޯޑެއް ހަދަން،" އަބުޅޯ ބުންޏެވެ.

"އެކަމަކު އޭގެ ފަހުން ހުންގަނޑު ލައްވާލީ. ހަފުތާއެއް ވީއރު ވެސް ބަލިން ރަނގަޅު ނުވި. ހަފުތާއެއްގެ ޓްރޭނިން މިސްވީމަ މިއަދު ރޭހުގައި ޓާގެޓް ކުރީ ވަނަ ހޯދައިގެން ނިންމަން. އެ ހަފުތާ ވެސް ޓްރޭން ގެންދެވުނުނަމަ ވަރަށް ބޮޑު ޓާގެޓަކަށް ވާސިލު ވެވުނީސް."

އަންހެނުންގެ 5000 މީޓަރުގެ ގައުމީ ރެކޯޑް އޮންނަނީ މަރީ އަތުގަ އެވެ. އެތުލެޓިކްސްގައި މަޝްހޫރު ޑރ. ހުސައިން ހަލީމް (ކުޑަ ހުސައިން) ގެ ކޯޗު ކަމުގެ ދަށުން ޓްރޭނިން ހަދަމުން، ފިޓްނަސް އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މަރީ ރޭސް ނިންމީ 20:27.9 އިންނެވެ.

އެ ރޭހުން ތިންވަނަ ހޯދީ އައިޝަތު ރިޝްމީ އެވެ. އޭނާ ރޭސް ނިންމީ 20:46.10 ންނެވެ. ހަތަރުވަނައިގައި ރޭސް ނިންމީ ރިޝްމީ އާއެކު ނަސްރުﷲ އަހުމަދު (ނަސްރު) ގެ ކޯޗު ކަމުގެ ދަށުން ޓްރޭނިން ހަދަމުން އަންނަ އައިޝަތު ރާނިޔާ އެވެ. އޭނާ ރޭސް ނިންމީ 23:17.13 އިންނެވެ.