Roadha Mihaaru
އެތުލެޓިކްސްގައި ޝަމްއޫން މެޑަލްތައް ގުނީ ރަނާއި ރިހިން

އެތުލެޓިކްސްގައި ޝަމްއޫން 20 އަހަރު، މެޑަލްތައް ގުނަނީ ރަނާއި ރިހިން

29 އޯގަސްޓް 2022

އެތުލެޓިކްސްގައި ތުރޯއިން އަށް ހާއްސަ އެތުލީޓް، ހަސަން ޝަމްއޫން، އެތުލެޓިކްސް މުބާރާތްތަކުގައި ވާދަކުރަން ފެށިއިރު އޭނާގެ އުމުރުން 15 އަހަރެވެ. އޭނާގެ އެތުލެޓިކްސް ކެރިއާ އަށް 20 އަހަރު މި އަހަރު ފުރުނީ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެތުލެޓިކްސްގައި ތުރޯއިން އަށް ހާއްސަ އެތުލީޓް، ހަސަން ޝަމްއޫން، އެތުލެޓިކްސް މުބާރާތްތަކުގައި ވާދަކުރަން ފެށިއިރު އޭނާގެ އުމުރުން 15 އަހަރެވެ. އޭނާގެ އެތުލެޓިކްސް ކެރިއާ އަށް 20 އަހަރު މި އަހަރު ފުރުނީ އެވެ.

ނިމިދިޔަ އެސޯސިއޭޝަން ކަޕާ ހަމަ އަށް އޭނާގެ މެޑަލްތައް މިނެ ކިރެނީ ރަނާއި ރިހިންނެވެ. މިހާތަނަށް ޖުމުލަ 29 މެޑަލް، އޭނާގެ މެޑަލް ހަރުގައި އެބަ ހުއްޓެވެ. އެއީ 16 ރަން މެޑަލް 12 ރިހި މެޑަލް އަދި އެއް ލޯ މެޑަލް އެވެ. ކެރިއާގެ ފުރަތަމަ ލޯ މެޑަލް ލިބުނީ މިފަހަރުގެ އެސޯސިއޭޝަން ކަޕުގައި ޖެވެލިން ތުރޯއިންނެވެ. އެ އިވެންޓްގައި އޭނާގެ މައްޗަށް ކުރި ހޯދައި ރަން މެޑަލް އާއި ރިހި މެޑަލް ހޯދީ ޒުވާން ދެ އެތުލީޓުން ކަމަށްވާ، ސުޒައިނު މުހައްމަދާއި މާހިލް މުހައްދެވެ.

އެކަމަކު ޝަމްއޫން ވަނީ ޑިސްކަސް ތުރޯ އާއި ޝޮޓް ޕުޓްއިން ރަން މެޑަލް ހޯދައިފަ އެވެ. ޑިސްކަސް ތުރޯގައި 29.22 މީޓަރު ދުރުމިނަށް އެއްލައި އޭނާ ވަނީ މުބާރާތުގެ ރެކޯޑެއް ހަދައިފަ އެވެ. ޝޮޓްޕުޓްގައި އޭނާ ވަނީ 10.20 މީޓަަރު ދުރުމިނަށް އެއްލައިފަ އެވެ.

ޝޮޓްޕުޓް އިން ލޯ މެޑަލް ހޯދި މާހިލް (ކ) ރަން މެޑަލް ހޯދި ޝަމްއޫން ރިހި މެޑަލް ހޯދި މާޒިން އާއެކު ލެޖެންޑްރީ ދުވުންތެރިޔާ ހުސައިން ރިޔާޒު (ބޭބެ ރިޔާ) ފޮޓޯ އަކަށް ހުއްޓިލައިގެން

ޝޮޓްޕުޓް އިން ލޯ މެޑަލް ހޯދި މާހިލް (ކ) ރަން މެޑަލް ހޯދި ޝަމްއޫން ރިހި މެޑަލް ހޯދި މާޒިން އާއެކު ލެޖެންޑްރީ ދުވުންތެރިޔާ ހުސައިން ރިޔާޒު (ބޭބެ ރިޔާ) ފޮޓޯ އަކަށް ހުއްޓިލައިގެން

އެތުލެޓިކްސް މުބާރާތްތަކުގައި އެއްވަރެއްގައި ދިގު މުއްދަތެއްގައި ހިފަހައްޓާލެވުނު އެތުލީޓުން މަދެވެ.

"ވަރަށް ހިތްހަމަޖެހޭ 20 އަހަރު މި ފެންވަރުގަ ހިފަހައްޓާލެވުނީ މަ،" ގައުމީ މުބާރާތުގައި 2002 ގައި ފުރަތަމަ ފަހަރަށް ވާދަކޮށް އެ އަހަރު ވެސް ޝޮޓްޕުޓް އަދި ޑިސްކަސް ތިރޯއިން އުމުރުން 16 އަހަރުގައި ރަން މެޑަލް ހޯދި ޝަމްއޫން ބުންޏެވެ.

"އޭގެ 20 އަހަރު ފަސް 2022 މިއީ އަދިވެސް މިހިރީ އިރާދަކުރެއްވީތީ އެ މަގާމުގައި."

މިފަހަރު މުބާރާތުގައި ތުރޯއިންގެ އިވެންޓްތަކުގައި އޭނާ އާ ވާދަކުރަން ޒުވާން ގިނަ އެތުލީޓުން ތިބުމުން އެކަމުގެ ހިތްހަމަޖެހުން ވެސް އޭނާ ފާޅު ކުރި އެވެ.

ޝަމްއޫން: ރަން މެޑަލް ހޯދުމަށް ފަހު ރަން މެޑަލް ބަލަހައްޓައިގެން

ޝަމްއޫން: ރަން މެޑަލް ހޯދުމަށް ފަހު ރަން މެޑަލް ބަލަހައްޓައިގެން

"ތުރޯއިން އަށް ހާއްސަ ވަރަށް ޒުވާން ދެ އެތުލީޓުން [ސުޒޭން އަދި މާހިލް] މި ފެނުނީ. އެ ދެ އެތުލީޓުންނަށް ބޭރުގެ ތަމްރީން ފުރުސަތުތައް ހޯދައި ދެވިއްޖެއްޔާ އިންޓަނޭޝަނަލް ލެވަލްގައި ވެސް ކާމިޔާބަކާ ހަމައަށް ރާއްޖެއަށް ދެވިދާނެ،" އޭނާ ބުންޏެވެ.

ޝަމްއޫން، 36، ބުނީ މި އަހަރަކީ އެތުލިޓެއްގެ ގޮތުގައި އޭނާ މުބާރާތްތަކުން ފެންނާނެ އެންމެ ފަހު އަހަރު ކަމަށް ވުން ކައިރި ކަމަށެވެ. ގައުމީ މުބާރާތުގައި 2016 ގެ އެންމެ މޮޅު އެތުލީޓްގެ މަގާމު ހޯދި ޝަމްއޫން ބުނީ މި އަހަރުގެ ގައުމީ މުބާރާތަކީ އޭނާގެ ފަހު މުބާރާތް ކަމަށެވެ.

"ކުރިންވެސް ދެ ފަހަރެއްގެ މަތިން ހުއްޓާލަން ވިސްނިން ނަމަވެސް އެކި ސަބަބުތަކާއި ހުރެ އަނެއްކާ ވެސް ވާދަކުރަން ޖެހެނީ. އެކަމަކު މިހާރު މިއީ ހުއްޓާލަން އެންމެ ރަގަޅު ވަގުތުހެން ހީވަނީ،" ސިފައިންގޭގައި ވަޒީފާ އަދާކުރަމުން އަންނަ ޝަމްއޫން ބުންޏެވެ.