Roadha Mihaaru
ފަޒީލް ބަލިކޮށް ޒުވާން ވިސާމް އެއްވަނަ އަށް

800 މީޓަރުން ފަޒީލް ބަލިކޮށް ވިސާމް އެއްވަނަ އަށް، ޖައިޝާ މަގާމު ދަމަހައްޓައިފި

27 އޯގަސްޓް 2022

މިހާރު ކުރިއަށްދާ އެސޯސިއޭޝަން ކަޕުގެ 800 މީޓަރުގެ ފައިނަލުގައި ފޭވަރިޓްކަމަށް ބެލެވުނު ހުސައިން ފަޒީލް ހާރޫން ބަލިކޮށް ޒުވާން ދުވުންތެރިޔާ މުހައްމަދު ވިސާމް އެއްވަނަ ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިހާރު ކުރިއަށްދާ އެސޯސިއޭޝަން ކަޕުގެ 800 މީޓަރުގެ ފައިނަލުގައި ފޭވަރިޓްކަމަށް ބެލެވުނު ހުސައިން ފަޒީލް ހާރޫން ބަލިކޮށް ޒުވާން ދުވުންތެރިޔާ މުހައްމަދު ވިސާމް އެއްވަނަ ހޯދައިފި އެވެ.

ފަޒީލް، ފޭވަރިޓް ކަމަށް ބެލެވުނީ އިއްޔެ 1،500 މީޓަރުގެ ރޭސް ވެސް އަދި ބުރާސްފަތި ދުވަހު 5000 މީޓަރުގެ ރޭސް ވެސް ކާމިޔާބު ކޮށްފައިވުމުންނެވެ.

އަންހެނުންގެ 800 މީޓަރުން އެއްވަނަ ހޯދައި އާނިނަތު ޖައިޝާ ޖުނީޒު ވަނީ ޑިސްޓެންސް ރޭސްތަކުގައި އޭނާ ދަމަހައްޓަމުން އަންނަ މަގާމުގައި ހިފަހައްޓައިފަ އެވެ.

ޖައިޝާ: މިއަދު ވެސް އޭނާ ވަނީީ 800 މީޓަރުގައި އޭނާގެ މަގާމު ދަމަހައްޓާފަ --- ފޮޓޯ: ފަޔާޒޫ މޫސާ | މިހާރު

ޖައިޝާ: މިއަދު ވެސް އޭނާ ވަނީީ 800 މީޓަރުގައި އޭނާގެ މަގާމު ދަމަހައްޓާފަ --- ފޮޓޯ: ފަޔާޒޫ މޫސާ | މިހާރު

މިއަދު ހެނދުނު ކުރިއަށްދިޔަ 800 މީޓަރުގެ ފައިނަލުގައި ވިސާމް ކުރި ހޯދީ އޭނާ އަށް ވުރެ އުމުރުން ދޮށީ އަދި ތަޖުރިބާޚާރު ދުވުންތެރިން ބަލި ކުރުމަށް ފަހު އެވެ. ފަޒީލްގެ އިތުރުން ޔޫސުފް އިބްރާހިމް އާއި މުހައްމަދު ރަޝީދު (މޯޑް) އަކީ ޑިސްޓެންސް ދުވުންތަކުގައި ތަޖުރިބާކާރު އެތުލީޓުންނެވެ. އެ ދުވުންތެރިންގެ މައްޗަށް ވިސާމް ކުރި ހޯދީ 2:01.32 (2 މިނެޓާ 1.32 ސިކުންތު) އިން ރޭސް ނިންމައިގެންނެވެ.

ފަޒީލް އަށް ރޭސް ނިންމުނީ 2:01.51 އިންނެވެ. ތިންވަނައިގައި ނިންމި ޔޫސުފް އިބްރާހިމް އަށް ރޭސް ނިންމުނީ 2:04.35 އިންނެވެ. ހަތަރަުވަނައިގައި ރޭސް ނިންމީ އަބްދުﷲ ރަޝީދު އެވެ. އޭނާ ރޭސް ފުރިހަމަ ކުރީ 2:07.56 އިންނެވެ. މޯޑް 2:16.38 ރޭސް ނިންމައިގެން ދިޔައީ ފަސްވަނަ އަށެވެ.

އަންހެނުންގެ 800 މީޓަރުގެ ރޭހުން ޖައިޝާ އެއްވްނައިގައި ރޭސް ނިންމީ 2:34.01 ސިކުންތުންނެވެ. އެ އިވެންޓްގައި ވެސް ޖައިޝާ އާ ވާދަކުރީ މަރްޔަމް އަބްދުލް ކަރީމް (މަރީ) އެވެ. މަރީ ރޭސް ނިންމީ 2:38.07 އިންނެވެ. ތިންވަނަ ހޯދީ އާމިނަތު ސަމްހާ އެވެ. އޭނާ ރޭސް ނިންމީ 2:43.34 ސިކުންތުންނެވެ.