Roadha Mihaaru
އެތުލެޓިކްސް މުބާރާތް ޓެސްޓާ ދިމާވުމުން ފާޑުކިޔަނީ

އެތުލެޓިކްސް މުބާރާތް ސްކޫލްތަކުގެ ޓެސްޓް ދުވަސްވަރުގައި ބޭއްވުމުން ފާޑުކިޔަނީ

07 މާޗް 2024

މިހާރު ކުރިއަށްދާ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް، ސްކޫލްތަކުގެ ޓެސްޓް ދުވަސްވަރުގައި ބޭއްވުމުން، އެތުލެޓިކްސް އެސޯސިއޭޝަނަށް ފާޑުކިޔުން އަމާޒު ވެއްޖެ އެވެ.

މިހާރު ކުރިއަށްދާ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް، ސްކޫލްތަކުގެ ޓެސްޓް ދުވަސްވަރުގައި ބޭއްވުމުން، އެތުލެޓިކްސް އެސޯސިއޭޝަނަށް ފާޑުކިޔުން އަމާޒު ވެއްޖެ އެވެ.

މި ދުވަސްވަރަކީ ބައެއް ސްކޫލްތަކުގައި ގްރޭޑް 10 އަދި 12 ގެ ދަރިވަރުންނަށް މޮކް ޓެސްޓް ކުރިއަށްދާ ދުވަސްވަރެކެވެ.

ކުރީގެ ދުވުންތެރިޔަކު ބުނީ، ގިނަ އަދަދެއްގެ ޒުވާން އެތުލީޓުންނަށް ފުރުސަތު ނުލިބޭ ގޮތަށް މުބާރާތް ބޭއްވުމުން، އެސޯސިއޭޝަނުން މުބާރާތުގައި ހާސިލު ކުރަން ބޭނުންވާ މަގުސަދާ މެދު ސުވާލު އުފެދޭ ކަމަށެވެ.

އޭނާ ބުނީ މުބާރާތުގެ މަގްސަދަކަށް ވާން ޖެހޭނީ ޒުވާން އެތުލީޓުންނަށް ފުރުސަތު ދީ އެ ކުދިންގެ ކުރިއެރުން ވަޒަން ކުރުން ކަމަށެވެ.

"އެކަމަކު އެސޯސިއޭޝަނުގެ މަގްސަދަކަށް ވެފަ އޮތް ކަމަށް މި ފެންނަނީ މުބާރާތަށް ސްޕޮންސާ ނަގައިގެން ތިބީމަ، ސްޕޮންސަރުންނަށް ފޮޓޯ ފޮނުވާލަން ބާއްވާ މުބާރާތެއްގެ ގޮތުގައި. އާނ ދެން މިވެނި ބަޔަކު ސްޕޮންސާ ދީފަ އެބައޮތޭ އެހެންވީމަ ޖެހޭނޭ ބާއްވަން،" ކަންބޮޑުވުން ފާޅުކޮށް، އޮލިމްޕިކްސް އާއި އޭޝިއަން ގޭމްސްގައި ކުރިން ވާދަ ކުރި ކުރީގެ ދުވުންތެރިޔާ ބުންޏެވެ.

"ސްކުލްގެ އެގްޒާމް ނިމެނީ މާދަމާ [މިއަދު] އެތުލެޓިކްސްގައި އެންމެ ރަނގަޅު ކުދިން އެ ތިބީ ޓެސްޓަށް ފޯކަސް ކޮށްގެން. އެ ކުދިންނަށް ޕާފޯމް ކުރަން ފުރުސަތު ނުލިބޭ ގޮތަށް މުބާރާތް މި ބާއްވަނީ. އެހެންވީމަ މުބާރާތުގެ މަގްސަދު. ވާދަކުރަން ތިބި ކުދިންނަށް ފައިދާއެއް ނެތް."

ޓީމެއްގެ އޮފިޝަލަކު ބުނީ ޓެސްޓް ދުވަސްވަރުގައި މުބާރާތް ކުރިއަށްދާތީ، އެކަމުގެ ކަންބޮޑުވުނުން މެނޭޖާސް މީޓީންގައި ބައެއް ބެލެނިވެރިން ވެސް ފާހަގަ ކުރި ކަމަށެވެ. އެކަމަކު އެސޯސިއޭޝަނުން އެކަށީގެންވާ ސަމާލުކަމެއް އެކަމަށް ނުދޭ ކަމަށް އޭނާ ތުހުމަތު ކުރި އެވެ.

އެތުލެޓިކްސްގެ ޖެނަރަލް ސެކްރެޓަރީ އަހްމަދު މުންތަގިމް ވިދާޅުވީ، ރާއްޖޭގެ ދިރާސީ އަހަރު ބަދަލުވުމުގެ މަރުހަލާއެއްގައި އޮތް އިރު ސްކޫލްތަކުގެ ދަރިވަރުންނަށް ކިޔެވުމުގެ ވަގުތުތައް ބުރޫ އަރާ ގޮތަށް ހަރަކާތް ނުހިންގަން އެޑިއުކޭޝަން މިނިސްޓްރީން ބާރު އަޅާކަން ފާހަގަކޮށް ބައެއް ބެލެނިވެރިންގެ ފަރާތުން އެކަމުގެ ކަންބޮޑުވުން ހުށަހެޅި ކަމަށެވެ.

"އަޅުގަނޑު ދެންނެވިން، އިންޓަ ސްކޫލް މުބާރާތް އެޑިއުކޭޝަންގެ ގައިޑްލައިނާ އެއްގޮތަށް ގެންދަމޭ.... އަތޮޅުތެރޭގައި ބާއްވާ އިންޓަ ސްކޫލް މުބާރާތް ވެސް އަދި މާލޭގައި ބާއްވާ އިންޓަ ސްކޫލް މުބާރާތް ވެސް ކުރިއަށް ދަނީ އެ ގައިޑްލައިނާ އެއްގޮތަށް... އެކަމަކު އެސޯސިއޭޝަން ކަޕުގައި އެ ގައިޑްލައިން ފޮލޯ ނުކުރެވިދާނެޔޭ. ސަބަބަކީ މި މުބާރަތަކީ ގިނަ އަދަދެއްގެ ސީނިއާ އެތުލީޓުންނަށް ވެސް އޮންނަ މުބާރާތަކަށް ވާތީ،" އޭނާ ވިދާޅުވި އެވެ.

ވާހަކަ ދެއްކި ޓީމުގެ އޮފިޝަލް ބުނީ، މުބާރާތުގެ އިންތިޒާމުތައް ވެސް ގޯސް ކަމަށެވެ. ޓެކްނިކަލް އޮފިޝަލުން ވެސް މުބާރާތަށް ހޯދިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.