Roadha Mihaaru
ނާހިލް އަނެއްކާ ވެސް ގައުމީ ރެކޯޑް މުގުރާލައިފި

ނާހިލް އަނެއްކާ ވެސް ގައުމީ ރެކޯޑް މުގުރާލައިފި

27 އޯގަސްޓް 2022

މިހާރު ކުރިއަށްދާ އެސޯސިއޭޝަން ކަޕުގައި ރާއްޖޭގެ ލޯންގް ޖަމްޕުގެ ގައުމީ ރެކޯޑް އިބްރާހިމް ނާހިލް ނިޒާރު އަނެއްކާ ވެސް މުގުރާލައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިހާރު ކުރިއަށްދާ އެސޯސިއޭޝަން ކަޕުގައި ރާއްޖޭގެ ލޯންގް ޖަމްޕުގެ ގައުމީ ރެކޯޑް އިބްރާހިމް ނާހިލް ނިޒާރު އަނެއްކާ ވެސް މުގުރާލައިފި އެވެ.

މިއީ މި ރެކޯޑް މި މަސް ތެރޭ އޭނާ މުގުރާލި ދެވަނަ ފަހަރެވެ. މިއަދު ހެނދުނު ލޯންގް ޖަމްޕުގެ ފައިނަލު އިވެންޓުން ނާހިލް އެއްވަނަ ހޯދީ 6.82 މީޓަރު ދުރުމިނަށް ފުންމައިގެންނެވެ. ތުރުކީގެ ކޮންޏާގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި މީގެ ދެ ހަފުތާއިން ކުރިން ނާހިލް ވަނީ 6.71 މީޓަރު ދުރުމިނަށް ފުންމައިފަ އެވެ.

އޭރު އޭނާ މުގުރާލީ އޭގެ ކުރިން 13 އަހަރު ވަންދެން މުގުރާނުލެވި އޮތް ރެކޯޑެކެވެ. އޭނާގެ ކުރިން އެ ރެކޯޑް އޮންނަނީ ހުސައިން ހަލީމް އަތުގަ އެވެ. އޮކްޓޯބަރު 2009 ގައި ބޭއްވި އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ވާދަކޮށް ހުސައިން ހަލީމް ފުންމީ 6.47 މީޓަރު ދުރަށެވެ.

ރައުހަތު ސްޕޯޓްސް އެކަޑަމީން ވާދަކުރި ނާހިލްގެ ފަހަތުން، މިއަދުގެ ފައިނަލުގައި ދެވަނަ ހޯދީ ރައުހަތު ސްޕޯޓްސްގެ އަނެއް އެތުލީޓު އިބާދުﷲ އާދަމް އެވެ. އޭނާ އޭނާ ވަނީ 6.48 ދުރުމަކިނަށް ފުންމައިފަ އެވެ. ތިންވަނަ ހޯދީ ސާއިދު ސްޕޯޓްސްއިން ވާދަކުރި އާދަމް ރިފްއަތު އެވެ. އޭނާ ވަނީ 5.71 މީޓަރު ދުރުމިނަށް ފުންމައިފަ އެވެ.

އަންހެނުންގެ ލޯންގް ޖަމްޕުން އެއްވަނަ ހޯދީ 4.83 މީޓަރު ދުރުމިނަށް ފުންމި ނޫރާ އަބްދުލް ހަމީދު އެވެ. ދެވަނަ ހޯދީ އާމިނަތު ލަޔާނާ އެވެ. އޭނާ ވަނީ 4.80 މިޓަރު ދުރުމިނަށް ފުންމައިފަ އެވެ. ތިންވަނަ ހޯދި އައިޝަތު ޝަބާ ވަނީ 4.78 މީޓަރު ދުރުމިނަށް ފުންމައިފަ އެވެ.