Roadha Mihaaru
އެންމެ މޮޅު އެތުލީޓުންނަކީ ސާއިދާއި ހިމްނާ

އެސޯސިއޭޝަން ޗެމްޕިއަންޝިޕް: އެންމެ މޮޅު އެތުލީޓުންނަކީ ސާއިދާއި ހިމްނާ

05 މެއި 2019

އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އޯޕަން ބައިގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމް ދިވެހި ސިފައިންގެ ކްލަބުގެ ހަސަން ސާއިދު އަދި އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމް ކްލަބް ރައިވެރިޔާގެ އައިޝަތު ހިމްނާ ހަސަން ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އޯޕަން ބައިގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމް ދިވެހި ސިފައިންގެ ކްލަބުގެ ހަސަން ސާއިދު އަދި އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމް ކްލަބް ރައިވެރިޔާގެ އައިޝަތު ހިމްނާ ހަސަން ހޯދައިފި އެވެ.

ރާއްޖޭގެ އެތުލެޓިކްސްގެ ތާރީހު ދުށް އެންމެ ކާމިޔާބު އެތުލީޓް ސާއިދު، މެދުކެނޑުމަކަށް ފަހު ބޭއްވި އެސޯސިއޭޝަން ޗެމްޕިއަންޝިޕުން އެއް ވަނަ ހޯދީ 100 މީޓަރު ދުވުމާއި 400 މީޓަރު ދުވުން ކާމިޔާބުކޮށްގެންނެވެ.

މިދިޔަ އަހަރު ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކޮށް އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ދެ ފަހަރު އާކުރި އުއްމީދީ ދުވުންތެރިޔާ ހިމްނާ ވެސް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އެންމެ މޮޅު އެތުލީޓުގެ މަގާމް ހޯދީ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުން އަދި 400 މީޓަރު ދުވުމުން އެއް ވަނަ ހޯދައިގެންނެވެ.

މީގެ ތެރެއިން 400 މީޓަރު ރޭސް އޭނާ އިއްޔެ ހަވީރު ކާމިޔާބުކުރީ 1:02 މިނެޓުން ދުވެގެންނެވެ. ދެ ވަނަ ހޯދީ 1:10 މިނެޓުން ދުވި ތިނަދޫ ޒުވާނުންގެ ޖަމިއްޔާގެ ފާތިމަތު މިލްހާ އެވެ. ތިން ވަނަ އަކީ ޖީއެން ވޮލަންޓިއާސްގެ ފާތިމަތު ސަދާ އެވެ. އޭނާ ދުވީ 1.11 މިނެޓުންނެވެ.

1500 މީޓަރު ދުވުމުން އެއް ވަނަ ހޯދުމަށް ފަހު ޖާއިޝާ އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

1500 މީޓަރު ދުވުމުން އެއް ވަނަ ހޯދުމަށް ފަހު ޖާއިޝާ އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ފަނަރަ އަހަރުން މަތީގެ އެތުލީޓުންނަށް ހާއްސަކޮށްގެން ބޭއްވި އޯޕަން ބައިގެ އިތުރުން ދެން އޮތީ 15 އަހަރުން ދަށުގެ ކެޓަގަރީ އެވެ. އެ ބައިން ފިރިހެން އެންމެ މޮޅު އެތުލީޓަކީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ މުހައްމަދު އަލްހާން މަސްއޫދެވެ. އޭނާ ވަނީ 15 އަހަރުން ދަށުގެ 800 މީޓަރު ދުވުމާއި 1500 މީޓަރު ދުވުމުން އެއް ވަނަ ހޯދައިފަ އެވެ.

މި ބައިން އެންމެ މޮޅު އަންހެން އެތުލީޓަކީ ކުޑަހުސެން ސްޕޯޓްސް އެސޯސިއޭޝަނުގެ މަރިޔަމް ރުޔާ އަލީ އެވެ. އޭނާ ވަނީ 15 އަހަރުން ދަށުގެ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން އެއް ވަނަ ހޯދައިފަ އެވެ.

ތިން ދުވަހަށް ކުރިއަށް ދިޔަ މި މުބާރާތުގައި އިއްޔެ ހަވީރު ބޭއްވި އޯޕަން ފިރިހެން ބައިގެ 400 މީޓަރު ދުވުމުން އެއް ވަނަ ހޯދީ މުހައްމަދު ނާއިލެވެ. ސާއިދު ސްޕޯޓްސް އަށް ދުވި ނާއިލްގެ ޓައިމިން އަކީ 52.52 ސިކުންތެވެ. ދެ ވަނަ އަށް ދިޔަ އެ ޓީމުގެ އިބްރާހިމް އަޝްފާން އަލީ (އައްޕި) ރޭސް ނިންމީ 53.82 ސިކުންތެވެ. ތިން ވަނަ އަކީ ކްލަބް ރައިވެރިޔާގެ މުހައްމަދު ނާވީ އެވެ. ޓައިމިން އަކީ 54.15 ސިކުންތެވެ.

ނާއިލް 400 މީޓަރު ދުވުން ނިންމުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ނާއިލް 400 މީޓަރު ދުވުން ނިންމުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އިއްޔެ ހަވީރު އޮތް އޯޕަން ފިރިހެނުންގެ 1500 މީޓަރު ދުވުން ކާމިޔާބުކުރީ ދިވެހި ސިފައިންގެ ކްލަބުގެ ހުސެއިން ރިޒާ އެވެ. އޭނާ ދުވީ 4:15 މިނެޓުންނެވެ. ދެ ވަނަ ހޯދީ ސިފައިންގެ ކްލަބުގެ ހުސެއިން ފަޒީލް ހާރޫނެވެ. ޓައިމިން އަކީ 4:20 މިނެޓެވެ. ތިން ވަނަ އަށް ދިޔައީ 4:22 މިނެޓުން ދުވި ސިފައިންގެ ކްލަބުގެ މުހައްމަދު ރަޝީދު (މޯޑް) އެވެ.

މި ބައިގެ އަންހެން އެއް ވަނަ އަކީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ އައިމިނަތު ޖާއިޝާ ޖުނީޒެވެ. ޓައިމިން އަކީ 5:27 މިނެޓެވެ. ދެ ވަނަ ހޯދީ 5:28 މިނެޓުން ދުވި ކުޑަހުސެން ސްޕޯޓްސް އެސޯސިއޭޝަނުގެ މަރިޔަމް އަބްދުލްކަރީމެވެ. ތިން ވަނަ އަކީ 6:24 މިނެޓުން ދުވި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ ޒުލައިޚާ އަބްދުﷲ އެވެ.