ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކުރަން ނިންމާފައިވާ އިންޑިއާގެ ކުންފުންޏާއެކު ދިވެހި ސަރުކާރުން ރޭ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
26 ސެޕްޓެމްބަރ 2022
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކުރަން ނިންމާފައިވާ އިންޑިއާގެ ކުންފުންޏާއެކު ދިވެހި ސަރުކާރުން ރޭ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެ ގައުމުގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާއެކު ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރީ ހަނިމާދޫ އެއާޕޯޓް ހިންގާ ރީޖަނަލް އެއާޕޯޓްސް ކުންފުނިންނެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނެއްގެ ދަށުން ހިންގާ އެ މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށް ޖޭއެމްސީ ކުންފުންޏާ ހަވާލުކުރީ 2.1 ބިލިއަން ރުފިޔާ (136 މިލިއަން ޑޮލަރު) އަށެވެ.
މިއީ މާލެ އިން ބޭރުގައި ދިވެހި ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބޮޑު ސިނާއީ މަޝްރޫއެވެ.
އެ މަޝްރޫއުގެ ދަށުން 2،460 މީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޒަމާނީ ޓާމިނަލަކާއި އެއާޕޯޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމު ކުރާނެ އެވެ.
The contract for the development of Hanimaadhoo International Airport was signed on Sunday evening. Minister @faya_i stated that the airport will enable the northern region to become an economic hub, and bring about many positive changes to the Maldivian economy. pic.twitter.com/MFl2Oyqamu
— Government of Maldives (@governmentmv) September 25, 2022
އަލަށް ތަރައްގީކުރާ އެ އެއާޕޯޓު ޑިޒައިން ކޮށްފައި ވަނީ ދިވެހި ކަނޑުގައި އުޅޭ މަޑި ސިފަވާ ގޮތަށް ދިވެހިވަންތަ ގޮތަކަށެވެ. އެ މަޝްރޫއު ނިމުމާއެކު، ބައިނަލްއަގްވާމީ ގިނަ ފްލައިޓްތައް އޮޕެރޭޓްކުރަން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ބައިނަލްއަގްވާމީ ދަތުރުތައް މިހާރު ކުރަނީ ހަމައެކަނި އިންޑިއާއިންނެވެ.
އެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމާއެކު، ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 ސައިޒުގެ ބޯޓުފަހަރަށް އެއާޕޯޓަށް ޖެއްސޭނެ އެވެ. އަދި މެދުއިރުމައްޗާއި ދެކުުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އަދި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އެއާޕޯޓަށް ބޭއްވުމުގެ ގާބިލުކަން ލިބޭނެ އެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ، ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއަކީ ރާއްޖޭގެ އުތުރުގައި އިގްތިސޯދީ މައި ހަބެއް ބިނާކުރުމަށް ކުރާ މަސައްކަތުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބޮޑަށް އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަމެއް ކަމަށެވެ.
ހަނިމާދޫ އެއާޕޯޓު ތަރައްގީވުމާއެކު، ތިލަދުންމައްޗަށް ދިމާވެފައިވާ ޓުއަރިޒަމްގެ މައްސަލަ ވެސް ހައްލުވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
އުތުރުގެ ޓުއަރިޒަމް ކުރިނޭރުމުގެ އެންމެ ބޮޑު އަސްލަކީ ކަނެކްޝަންގެ މައްސަލަ އާއި މާލެ އިން އުތުރަށް ދިއުމަށް ކުރަން ޖެހޭ ހަރަދުތައް ބޮޑުވުމާއި ފްލައިޓްތައް ޝެޑިއުލް ކުރުމުގެ މައްސަލަކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"މި ރެއަކީ ބޮޑުތިލަދުންމަތީގެ ރައްޔިތުންގެ އެތައް ޒަމާނެއްވީ ހުވަފެން ހަގީގަތަކަށް ވާ ރެއެއް" ފައްޔާޒު ވިދާޅުވި އެވެ.
ރޭގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވާހަކަދައްކަވަނީ ---ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
އޭނާ ވިދާޅުވިގޮތުގައި، ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުން މަސްވެރިން ބާނާ ބޮޑު ކަންނެލި ސީދާ ހަނިމާދޫން ބޭރުކުރެވޭނެ އެވެ. އެއާއެކު މަސްވެރިންނަށް ވެސް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަކީ ސަރުކާރު ބަދަލުވުމުން ހުއްޓޭނެ މަސައްކަތަކަށް ނުވާނެ ކަން ޔަގީން ކުރާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
"އިންޑިއާގެ އެހީގައި މި މަޝްރޫއު ކުރިއަށް ގެންދަން ނިންމުމާއެކު، ވަރަށް ގިނަ އިންވެސްޓަރުން އުތުރުގައި އިންވެސްޓް ކުރަން ޝައުގެވެރިކަން ފާޅުކުރި،" އޭނާ ވިދާޅުވި އެވެ.
ތިލަދުންމައްޗަކީ ގުދުރަތީ ގޮތުން ވަރަށް ރީތި ސަރަހައްދެއް ކަމަށާއި އެއާޕޯޓް މަޝްރޫއު ނިމުމާއެކު، އެ ސަރަހައްދުގައި ޓުއަރިޒަމްގެ އިތުރުން މަސްވެރިކަމާއި ދަނޑުވެރިކަން ވެސް ކުރިއަރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ނިމުމުން އެ ތަން ވާނީ ރާއްޖޭގެ އުތުރުގެ މައި ދޮރޯއްޓަށެވެ. އެއާއެކު ދުނިޔޭގެ އެކިކަންކޮޅުތަކުގެ ސީދާ ފްލައިޓްތައް ބާއްވައި، އެ ސަރަހައްދުގައި ރިސޯޓުތަކާއި ސިޓީ ހޮޓާތަކާއި ގެސްޓް ހައުސްތައް އެޅުމަށް މަގުފަހިވާނެ އެވެ.
ސަރުކާރުން ދެކުނާއި އުތުރުގައި ތަރައްގީ ކުރާ ބައިނަލްއަގްވާމީ އެއާޕޯޓުގެ މަޝްރޫއުތައް ނިމުމާއެކު، މާލޭ އަށް ބަރޯސާ ނުވެ، ސީދާ އުތުރާއި ދެކުނުގައި ކަންނެލި މަސް ޕެކްކޮށް، ވައިގެ މަގުން ބޭރުކުރުމަށް މަގުފަހިވާނެ ކަމަށް ދިވެހި ސަރުކާރުން ބުނެ އެވެ. އަދި އެ ސަރަހައްދުގެ ދަނޑުވެރިކަމާއި އެހެނިހެން ދާއިރާތައް ކުރިއަރައި އުތުރާއި ދެކުނުގެ އިގްތިސޯދު ފުޅާވެ، ގިނަ ވަޒީފާތައް އުފެދޭނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.
ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއު ރަސްމީކޮށް ފަށަނީ
އުފާވެރި ދިރިއުޅުމެއް އޮތީ ދަރަނި ނަގައިގެން: ފައްޔާޒު
ހަނިމާދޫ އެއާޕޯޓް ހަދާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި
ހަނިމާދޫ އެއާޕޯޓު ބޮޑުކުރަން ސާވޭ ފަށައިފި
ތިލަމާލެ ބްރިޖުގެ 50 ޕަސެންޓް މަސައްކަތް ނިމިއްޖެ
ރަށްރަށުގައި މަޝްރޫއު ހިންގަން އިންޑިއާއާއެކު ސޮއިކޮށްފި
ބްރިޖު ލަސްވެއްޖެ، މުއްދަތު އިތުރު ނުކުރެވޭނެ
ހަންކެޑެ ބްރިޖު ނިންމައި ސަރުކާރާ ހަވާލުކޮށްފި
ބްރިޖުގެ މަސައްކަތްދާގޮތް ޖައިޝަންކަރު ބައްލަވާލައްވައިފި
ޖައިޝަންކަރު ދެއްކެވީ ދެ ގައުމުގެ ގުޅުމުގެ ވަރުގަދަކަން