Roadha Mihaaru
މެރަތަންގެ ގައުމީ ރެކޯޑް ވެސް ޝަމްހާ މުގުރާލައިފި

ޝަމްހާ، ހާފް މެރަތަން ރެކޯޑަށް ހަފުތާއެއް ފަހުން މެރަތަން ރެކޯޑް ވެސް މުގުރާލައިފި

26 ސެޕްޓެމްބަރ 2022

އޮސްލޯ މެރަތަންގައި ހާފް މެރަތަންގެ ރާއްޖޭގެ ރެކޯޑް މުގުރާލިތާ ހަފުތާއެއް ފަހުން ޝަމްހާ އަހުމަދު، ރާއްޖޭގެ މެރަތަން ރެކޯޑް ވެސް މުގުރާލައިފި އެވެ.

އޮސްލޯ މެރަތަންގައި ހާފް މެރަތަންގެ ރާއްޖޭގެ ރެކޯޑް މުގުރާލިތާ ހަފުތާއެއް ފަހުން ޝަމްހާ އަހުމަދު، ރާއްޖޭގެ މެރަތަން ރެކޯޑް ވެސް މުގުރާލައިފި އެވެ.

މިއަދު ބާލިން މެރަތަންގައި ވާދަކޮށް ޝަމްހާ މެރަތަން ނިންމީ، ކުރިން މަރްޔަމް އަބްދުލް ކަރީމް (މަރީ) ހެދި ރެކޯޑަށް ވުރެ އެތައް ގުނައެއް އަވަހަށެވެ. ޝަމްހާ އެ ރެކޯޑް ހެދީ މަރީގެ ޓައިމަށް ވުރެ ގާތްގަނޑަކަށް 20 މިނެޓް އަވަހަށެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި 2019 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި މަރީ، މެރަތަން ނިންމީ 3:21:54 (3 ގަޑިއިރާއި 21 މިނެޓް 54 ސިކުންތު) އިންނެވެ. މިއަދު ބާލިންގައި ޝަމްހާ ރޭސް ނިންމީ 3:02:41 (3 ގަޑިއިރާއި 2 މިނެޓް 41 ސިކުންތު) އިންނެވެ.

މިއަދު ބާލިން މެރަތަންގައި މަރީ ވެސް ވަނީ ވާދަ ކޮށްފަ އެވެ. އޭނާ ވަނީ ސައުތު އޭޝިއަން ގޭމްސްގައި އޭނާ ނިންމި ވަރަށް ވުރެ އަވަހަށް މިއަދު ރޭސް ނިންމައިފަ އެވެ. އޭނާގެ މިއަދުގެ ޓައިމިން އަކީ 3:15:18 (3 ގަޑިއރާއި 15 މިނެޓް 18 ސިކުންތެވެ.

ކުރިން ސްޕްރިންޓް ރޭސްތަކުގައި ރާއްޖޭގެ އެއްވަނަ އެތުލީޓް، ޝަމްހާ ދިގު ދުވުންތަކަށް ހާއްސަވީ 2014 އިން ފެށިގެންނެވެ. މިދިޔަ ހޮނިހިރު ދުވަހު އޮސްލޯ މެރަތަންގައި އޭނާ ވަނީ ހާފް މެރަތަން ރެކޯޑްގެ އިތުރުން ތިން ރެކޯޑް މުގުރައިލައިފަ އެވެ. އެއީ 20 ކިލޯމީޓަރު، 15 ކިލޯމީޓަރު އަދި 10 ކިލޯމީޓަރެވެ. އެ ހުރިހާ ރެކޯޑްތަކެއް ވެސް މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް އޮތީ ތަޖުރިބާކާރު ފިޓްނަސް ޓްރޭނަރު މަރީ އަތުގަ އެވެ.

މަރީ އެ ރެކޯޑްތައް ހެދީ ޖެނުއަރީ މަހު ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ދުބާއީގައި ބޭއްވި ރަކް އަލް ހައިމާ މެރަތަންގެ ހާފް މެރަތަން ކެޓަގަރީގަ އެވެ.

ހާފް މެރަތަންގެ ރޭސް ޝަމްހާ ނިންމީ 1:27:51 (1 ގަޑި 27 މިނެޓާއި 51 ސިކުންތު) އިންނެވެ. ރަކް އަލް ހައިމާގައި މަރީ ރޭސް ނިންމީ 1:30:46 އިންނެވެ. ހޮނިހިރު ދުވަހު އެތުލެޓިކްސް އެސޯސިއޭޝަނުން އެންމެ ފުރަތަމަ އިއުލާން ކުރީ ޝަމްހާގެ ހާފް މެރަތަންގެ ރެކޯޑް އެކަންޏެވެ. އެކަމަކު އެ އެސޯސިއޭޝަނުން ވަނީ އަނެއް ތިން ރެކޯޑް ވެސް ގައުމީ ރެކޯޑްގެ ގޮތުގައި ލިސްޓް ކޮށްފައިވާކަން އިއްޔެ ހާމަ ކޮށްފަ އެވެ. އަންހެންުންގެ 20 ކިލޯމީޓަރުގެ ގައުމީ ރެކޯޑް ޝަމްހާ ހެދީ މަރީގެ ޓައިމް އަށް ވުރެ ގާތްގަނޑަކަށް ހަ މިނެޓް އަވަހަށެވެ. ޝަމްހާ 20 ކިލޯމީޓަރުގެ ރޭސް ނިންމީ 1:22:40 އިންނެވެ. ކުރިން މަރީ އަތުގައި އެ އިވެންޓްގެ ރެކޯޑް އޮންނަނީ ރަކު އަލް ހައިމާގައި 1:28:11 އިން ނިންމައިގެންނެވެ.

މިއަދު ބާލިން މެރަތަންގައި ވާދަ ކުރި ނަސްރުގެ މެރަތަން ރަނާސްގެ ދުވުންތެރިން

މިއަދު ބާލިން މެރަތަންގައި ވާދަ ކުރި ނަސްރުގެ މެރަތަން ރަނާސްގެ ދުވުންތެރިން

ޝަމްހާ 15 ކިލޯމީޓަރުގެ ގައުމީ ރެކޯޑް ހެދީ ވެސް މަރީ ޖެނުއަރީ މަހު ނިންމި ވަގުތަށް ވުރެ ގާތްގަޑަކަށް ފަސް މިނެޓް އަވަހަށެވެ. ރަކު އަލް ހައިމާގައި މަރީ އެ ރެކޯޑް ހެދީ 1:05:23 ންނެވެ. ޝަމްހާ އެ ރެކޯޑް މުގުރާލީ 1:01:18 އިންނެވެ. އަންހެނުންގެ 10 ކިލޯމީޓަރުގެ ރޭސް މަރީ ނިންމީ 43 މިނެޓުންނެވެ. ޝަމްހާ ރެކޯޑް މުގުރާލީ 49:39 (49 މިނެޓް 39 ސިކުންތު) އިން ނެވެ.

ޖަރުމަންގައި ދިރިއުޅެމުން ޝަމްހާ ދަނީ ތަޖުރިބާކާރު މެރަތަން ދުވުންތެރިޔާ އަދި ކޯޗު، ނަސްރުﷲ އަހުމަދު (ނަސްރު) ދީފައިވާ ޕްރޮގްރާމާ އެއްގޮތަށް ތަމްރީން ހަދަމުންނެވެ.

ނަސްރު ބުނީ ފްރެޝްކޮށް މިއަދު ވާދަކުރިނަމަ ޝަމްހާ އަށް 2 ގަޑިއރާއި 50 މިނެޓްގެ ތެރޭގައި ން ރޭސް ނިންމޭނެ ކަމަށެވެ.

"ހަފުތާއެއްގެ ކުރިން އޮސްލޯ މެރަތަންގައި ވަރަށް އުނދަގޫ ރޫޓެއްގައި ހާފް މެރަތަން ދުވެފައި އައިސް ބާލިން މެރަތަންގައި އެ ދުވީ. އެހެންވީމަ ކޮންމެ ވެސް ވަރަކަށް ވަރުބަލިކަން ހުންނާނެ. ފްރެޝްކޮށް ވާދަ ކުރިނަމަ 2 ގަޑިއރާއި 50 މިނެޓުން ޝަމްހާ އަށް ރޭސް ނިންމޭނޭ އަޅުގަނޑު ބުނާނީ،" ތަޖުރިބާކާރު މެރަތަން ދުވުންތެރިޔާ ބުންޏެވެ.

"އޭރުން ޝަމްހާ އެއިނީ ދެކުނު އޭޝިއާގެ އަންހެން މެރަތަން ދުވުންތެރިންގެ ޓައިމްގެ ތެރޭގައި. ފްރެޝްކޮށް އައިސްގެން އެ ތަފާތު ފެންނާނެ."

ނަސްރު ވަނީ މިއަދު ބާލިން މެރަތަންގައި ވާދަކޮށް އޭނާގެ 84 ވަނަ މެރަތަން ފުރިހަމަ ކޮށްފަ އެވެ. އޭނާ މެރަތަން ނިންމީ 3 ގަޑިއރު 32 މިނެޓުންންނެވެ. ނަސްރުގެ ކޯޗުކަމުގެ ދަށުން ތަމްރީން ހަދަމުން އަންނަ އައިޝަރު ރިޝްމީ ވެސް ވަނީ 3 ގަޑިއިރާއ 20 މިނެޓުން ރޭސް ނިންމައިފަ އެވެ. އަދި އަހުމަދު ނަސީރު ވަނީ 3 ގަޑި 30 މިނެޓުން ރޭސް ނިންމައުފަ އެވެ. މަޖިލިސް މެންބަރު އިލްޔާސް ލަބީބު ވެސް ވަނީ ހަތަރު ގަޑިއރަށް ވުރެ އަވަހަށް މެރަތަން ފުރިހަމަ ކޮށްފަ އެވެ.

އަންނަ މަހު ދެވަނަ ދުވަހު، ޖަރުމަންގެ އެހެން ސިޓީއެއް ކަމަށްވާ، ކްލޯން މެރަތަންގައި ވެސް ނަސްރު ވާދަ ކުރާނެ އެވެ. އޭނާ ބުނީ ޓާގެޓަކީ ހަތަރު ގަޑިއރަށް ވުރެ އަވަހަށް އެ މެރަތަން ވެސް ނިންމުން ކަމަށެވެ. މިދިޔަ ހޮނިހިރު ދުވަހު އޮސްލޯ މެރަތަންގައި ވެސް ނަސްރު ވަނީ ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ރޭސް ނިންމައިފަ އެވެ.