Roadha Mihaaru
ކުޅިވަރުގެ ރެކޯޑް ފޮތުން ޝަމްހާގެ ނަން ފޮހެވޭކަށް ނެތް

ދިވެހި ކުޅިވަރުގެ ރެކޯޑް ފޮތުން ޝަމްހާގެ ނަން ފޮހެވޭކަށް ނެތް

08 ޖެނުއަރީ 2023

ރާއްޖޭގެ ކުޅިވަރުގައި އެންމެ ކާމިޔާބު އެއް އަންހެން އެތުލީޓް ޝަމްހާ އަހުމަދު، ކެނެޑާގެ އެޑްމޮންޓަންގައި 2001 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގައި ހެދި 100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އެހެން ދުވުންތެރިޔަކު މުގުރާލަން 21 އަހަރު ނެގި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރާއްޖޭގެ ކުޅިވަރުގައި އެންމެ ކާމިޔާބު އެއް އަންހެން އެތުލީޓް ޝަމްހާ އަހުމަދު، ކެނެޑާގެ އެޑްމޮންޓަންގައި 2001 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގައި ހެދި 100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އެހެން ދުވުންތެރިޔަކު މުގުރާލަން 21 އަހަރު ނެގި އެވެ.

މިހާރު ރާއްޖޭގެ އެއް ވަނަ އަންހެން ސްޕްރިންޓް ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން އެ ރެކޯޑް މުގުރާލީ މިދިޔަ އަހަރު އޯގަސްޓް މަހު ބޭއްވި ކޮމަންވެލްތު ގޭމްސްގަ އެވެ. ޖަރުމަންގައި ދިރިއުޅެމުން އަންނަ ޝަމްހާ އޭރު ހުރީ މާލޭގަ އެވެ. ހިމްނާ އެ ރެކޯޑް މުގުރާލި ވަގުތު ޝަމްހާ ހުރީ މާލޭގެ ސިންތެޓިކް ޓްރެކްގައި މެރަތަން އަށް ހާއްސަ ކޯޗު ނަސްރުﷲ އަހުމަދާ އެކު ޓްރޭނިންގަ އެވެ.

"ޓްރެކްގައި ދުވަމުން ދަނިކޮށް އަޅުގަނޑުގެ ފަހަތުން އައި މީހަކު ބުނީ ހަމަ ދެންމެ ޝަމްހާގެ ރެކޯޑް މުގުރާލައިފިއޭ. އަޅުގަނޑު ހިތައް އެރި އެ ރެކޯޑް މުގުރާލަން އެހާ ދިގު މުއްދަތެއް ނެގީ ކީއްވެބާއޭ؟ ރާއްޖޭގެ އެތުލެޓިކްސްގައި ރަނގަޅު ކޯޗިންނެއް ނެތީމަ ވާގޮތޭ އަޅުގަނޑު ހިތައް އެރީ،" ޝަމްހާ ކިޔައި ދިނެވެ.

އޭނާގެ ބޮލުގެ ތެރޭގައި އެނބުރެމުން ދިޔައީ ރާއްޖޭގެ އެތުލެޓިކްސް ދުވެލި ހަލުވި ވާން ޖެހޭ މިންވަރާ ގާތަށް ކުރިއަށް ނުދާ މައްސަލަ އެވެ. އެކަމަކު އެ ފިކުރުގައި ހުރެ އޭނާ ދުވަމުން ދިއުމުން ނަސްރު އަށް ނެގުނީ އެހެން މާނަ އެކެވެ. އޭނާ އަށް ހީކުރެވުނީ ގައުމީ ރެކޯޑް އަތުން ދޫވުމުން އެކަމާ ޝަމްހާ ވިސްނަމުން ދާ ކަމަށެވެ.

"ދެން ނަސްރު ބުނެފި ހާސް ނުވާށޭ. މެރަތަން ރެކޯޑް ހަދާއިރު އަންނާނެޔޭ އެއް ރެކޯޑަށް ވުރެ ގިނަ ރެކޯޑް. އެކަމަކު ނުވެސް ވިސްނަން އަސްލު އެ ބުނި އެއްޗަކަށް. އޭރު އަމިއްލަ މީހާ އަކަށް ކޮންފިޑެންސެއް ވެސް ނުލިބޭ މެރަތަން އަކީ ކޯއްޗެއް ކަމެއް ވިސްނަން ވެސް. މެރަތަންގައި ދުވި އިރު ވެސް ހިތަކަށް ނާރާ މީ މިހާ ދުރު ކަމެއް،" ސެޕްޓެމްބަރު މަހު ނޯވޭގެ އޮސްލޯ މެރަތަންގައި ވާދަކޮށް ހާފް މެރަތަންގެ ގައުމީ ރެކޯޑް ހެދި ޝަމްހާ ބުންޏެވެ.

އޭނާގެ ޒަމާންވީ ރެކޯޑް އަތުން ދޫވިތާ މަހެއް ނުވަނީސް އޮސްލޯ މެރަތަންގައި ވާދަކޮށް ޝަމްހާ އިތުރު ތިން ރެކޯޑާއެކު ޖުމުލަ ހަތަރު ރެކޯޑް ހެދި އެވެ. އެއީ ހާފް މެރަތަންގެ އިތުރުން 20 ކިލޯމީޓަރު، 15 ކިލޯމީޓަރު އަދި 10 ކިލޯމީޓަރުގެ ރެކޯޑްތަކެވެ.

ލިބުނު އަނިޔާ އިން އޮޕަރޭޝަނަކާ ނުލާ ސަލާމަތްވުން

ތިން ވަނަ ދަރިފުޅު ލިބިގެން ޓްރޭނިން މެދުކަނޑާލުމަށް ފަހު ޖެނުއަރީ 2021 ގައި ޝަމްހާ އަލުން ޓްރޭނިން އަށް ނުކުތުމުން އުނަގަނޑަށް ތަދުވާން ފެށި އެވެ. އޭރު ޖަރުމަން ކޯޗެއްގެ ކައިރިން ޓްރޭނިން ހަދަމުން ގޮސް އޯގަސްޓާ ހަމަ އަށް ދިޔައިރު ވެސް ދޭތެރެ ދޭތެރެއިން ތަދު އަރާތީ އޭނާ ޑޮކްޓަރަށް ދެއްކި އެވެ. ޑޮކްޓަރުން ލަފާ ދިނީ ހަ މަހުގެ ބްރޭކެއް ނެގުމަށެވެ.

"ދެން އޯގަސްޓުން ފެށިގެން މާޗު މަހަށް ނެގީ ބްރޭކެއް. ދެން ޓްރޭނަރަކާށް ނަސްރު ޗޫޒްކޮށްފަ ބުނިން އަހަރެންގެ އެބައުޅެޔޭ މައްސަލައެއް. އެކަމަކު ވީ ގޮތަކީ ނަސްރުގެ ޓްރޭނިންތައް ހަދަން ފެށީމަ ވަރަށް އެންޖޯއިކުރަން އެ ޓްރޭނިންތައް. ދިގު ދުވުމެއް ދުވެލާ އަނެއްކާ ކުޑަ ޕޭސްއެއްގައި ދުވެލާ. ދެން ރޯދަ މަހު ދެއިރުގެ ބަދަލުގައި އެއް އިރަށް ޓްރޭނިން ބަދަލުކޮށްލާ. އެހެންވީމަ ވަރަށް އިންޓަރެސްޓިން ގޮތަކަށް ގެންދިޔައީ،" ޝަމްހާ ކިޔައި ދިނެވެ.

"އެކަމަކު ތަދުވާ ދުވަހެއް ވެއްޖެއްޔާ ބުނަން ތަދުވޭ. ދެން އެކަމަކު ފަހުން އެ ޕެއިން އެއްކޮށް ގޮސްފި. އޭގެ ފަހުން އިންޖަރީ ބައި ހަނދާނެއް ވެސް ނެތް."

ދެން އަތުޖެއްސީ މެރަތަން ރެކޯޑް

އޮސްލޯ މެރަތަންގައި ވާދަކުރިތާ ހަފުތާއެއް ފަހުން ޖަރުމަންގެ ބާލިން މެރަތަންގައި ޝަމްހާ ވާދަކޮށް އޭނާ ވަނީ މެރަތަން ރެކޯޑް ފުރިހަމަކޮށްފަ އެވެ. ކުރިން 3 ގަޑިއިރާއި 21 މިނެޓް 54 ސިކުންތުން މަރިޔަމް އަބްދުލް ކަރީމް ހަދައިފައިވާ ރެކޯޑް ޝަމްހާ މުގުރާލީ 3 ގަޑިއިރާއި 2 މިނެޓް 41 ސިކުންތުންނެވެ.

އޭނާ އަމާޒު ކުރީ ތިން ގަޑިއިރު ފަހަނައަޅައި ނުދަނީސް ރޭސް ނިންމުމަށެވެ. އެ މެރަތަންގެ ފަހު 32 ކިލޯމީޓަރާއި ހަމައިން އޭނާ އަކުނިވަޔަށް ދަމަން ފެށި ކަމަށް ޝަމްހާ ބުންޏެވެ.

"އެކަމަކު ހިތައް އެރި ކޯޗު ބުންޏެއް ނޫންހޭ މެރަތަންގެ ޕޭސް ނުނިންމައިފިއްޔާ އިތުރު ރެކޯޑްތައް ވެސް ދާނެޔޭ. ދެން ހިތްވަރުކޮށްފަ ދުވަމުން ދިޔައިރު ފަހު 28 ކިލޯ މީޓަރާއި ހަމައިން ދަރިފުޅު އިން 'މަންމާ' އޭ ޖަހާފައި އިން ބޯޑެއް ހިފައިގެން. ދެން އިތުރު ހިތްވަރެއް ލިބުނު،" ޝަމްހާ ބުންޏެވެ.

"ވަރަށް ދެރަވި ތިން ގަޑިއިރުން ރޭސް ނިންމުނީމާ. ހިތައް އެރި ދެގަޑިއރު ތެގައި ރޭސް ނިންމާލެވުނު ނަމައޭ."

ބާލިން މެރަތަން އަށް ދިޔައީ އޮސްލޯ އަށް މެރަތަން އަށް ފަހު އެވެ. އަދީ އޭގެ ކުރިން ޖަރުމަންގައި އޭނާ ދިރިއުޅޭ އެ ސިޓީގައި ބޭއްވި ފަސް ކިލޯމީޓަރުގެ ރޭހެއްގައި ވެސް ވާދަ ކުރިން އެވެ.

"އެގްޒެކްޓްލީ އެ މެރަތަން އަށް ފޯކަސް ކުރިނަމަ ޑެފިނެޓްލީ ތިން ގަޑިއިރަށް ވުރެ އަވަސް ކުރެވޭނެ،" އިތުބާރާއެކު ޝަމްހާ ބުންޏެވެ.

ރީޔޫނިއަންގައި 2015 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކޮށް ހާފް މެރަތަންއިން މެޑަލް ހޯދި ޝަމްހާ ބުނީ މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާ މެދު އޭނާ އަށް ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ.

ޝަމްހާގެ ކާމިޔާބުގެ އެންމެ ބޮޑު އަނެއް ކަމަކީ އޭނާގެ ޑިސިޕްލިން ލައިފެވެ. ޖަރުމަންގެ ސްކޫލެއްގައި ޑިޖިޓަލް އެޑިއުކޭޝަން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޝަމްހާ ބުނީ އެތުލީޓެއްގެ އެންމެ މުހިންމު ސިފަ އަކީ ދިރިއުޅުން ޕޭލޭންކޮށްގެން ކުރިއަށް ގެންދިއުން ކަމަށެވެ.

"ރޭގަނޑު 10 ޖަހާއިރު ނިދާފައި ވަރަށް ފަތިހު ހޭލަން. ލައިފް ވަރަށް ޕްލޭންޑްކޮށް ގެންދަން ބޭނުންވާ މީހެއް އަޅުގަނޑު މީ. ދަރިންގެ ކަންކަން ބަލަހައްޓަމުން ޓްރޭނިން ހަދަމުން މަސައްކަތަށް ނުކުމެވެނީ ވަރަށް ޕްލޭންކޮށްގެން ކުރިއަށް ގެންދާތީ،" ތިން ދަރިންގެ މަންމަ ބުންޏެވެ.

ކެނަޑާގެ ވޯލްޑް ޗެމްޕިއަންޝިޕުން ޝަމްހާ ރެކޯޑް ހެދުމުން އޭރު ޓްރޭން ކޮށްދިން އިންޑިއާގެ ކޯޗު ބުނެފައި ވަނީ ޝަމްހާގެ އެ ރެކޯޑް އަހަރުތަކެއް ވަންދެން އޮންނާނެ ކަމަށެވެ. އެކަންވީ ވެސް އެހެންނެވެ. މި އަހަރު އެ ރެކޯޑް އޭނާ އަތުން ދޫވިނަމަ ވެސް އޭނާ ވަނީ މެރަތަން ރެކޯޑާ އެކު އިތުރު ރެކޯޑްތަކެއް ވެސް ހަދައި އަނެއްކާ ވެސް ރާއްޖޭގެ އެތުލެޓިކްސްގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފަ އެވެ.

"އަހަންނަށް އެހާ ކުރިއަށް ދެވުނީ ވެސް އެ ޑިސިޕްލިން ހިފެހެއްޓީމަ. އެއީ ސްޕޯޓްސްގެ ތެރެއިން ދަސްވި އެއްޗެއް،" ޝަމްހާ ބުންޏެވެ.