Roadha Mihaaru
ގައުމީ އެއްބައިވަންތަކަމަށް ރައީސީ ގޮވާލައްވައިފި

ގައުމީ އެއްބައިވަންތަކަމަށް ރައީސީ ގޮވާލައްވައިފި

05 އޮކްޓޯބަރ 2022

އީރާންގެ ސަރުކާރާ ދެކޮޅަށް މީގެ ވިއްސަކަށް ދުވަސް ކުރިން އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ފަށައިގެން ކުރިއަށްދާ ސިލްސިލާ މުޒާހަރާތައް އިތުރަށް ވަރުގަދަވަމުން ދަނިކޮށް، ގައުމީ އެއްބައިވަންތަކަން ގާއިމުކުރުމުގައި އެ ގައުމުގެ ރައީސް އިބްރާހީމް ރައީސީ އިއްޔެ ގޮވާލައްވައިފި އެވެ.

އީރާންގެ ސަރުކާރާ ދެކޮޅަށް މީގެ ވިއްސަކަށް ދުވަސް ކުރިން އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ފަށައިގެން ކުރިއަށްދާ ސިލްސިލާ މުޒާހަރާތައް އިތުރަށް ވަރުގަދަވަމުން ދަނިކޮށް، ގައުމީ އެއްބައިވަންތަކަން ގާއިމުކުރުމުގައި އެ ގައުމުގެ ރައީސް އިބްރާހީމް ރައީސީ އިއްޔެ ގޮވާލައްވައިފި އެވެ.

އދ.ގެ 77 ވަނަ އާންމު މަޖިލީހުގައި ދެއްވި ތަގުރީރުގައި ރައީސީ ވިދާޅުވީ އޭނާގެ ގައުމުގައި "ބަލިފައިތަކާއި އުނި ކަންތައް" އެބަހުރި ކަމަށެވެ. ނަމަވެސް، މިހާރު އުފެދިފައިވާ ހަމަނުޖެހުންތަކުގެ އަސްލު ކަމަށްވާ މަހްސާ އަމީނީގެ މަރަކީ، އީރާނުގެ ދުޝްމަނުން ދުރާލައި ރާވައިގެން ހިންގި ކަމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

އީރާންގެ އާންމުން މުޒާހަރާ ކުރަން ފެށީ، ސަރުކާރުގެ މިންގަނޑާ ޚިލާފަށް ބުރުގާ އަޅައިގެން އުޅެނިކޮށް މިދިޔަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ހައްޔަރުކުރި، މަހްސާ (ޒީނީ) އަމީނީ، 22، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކުރި އަނިޔާތަކުގެ ސަބަބުން މަރުވުމާ ގުޅިގެންނެވެ. އޭނާ މަރުވީ، ފުލުހުންގެ އަނިޔާތަކުން އޭނާގެ ސިކުޑިއަށާއި އެތެރެ ހަށްޓަށް ލިބުނު ގެއްލުންތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް، ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ.

"މިއަދު ގައުމުގެ އަޒުމް އަމާޒު ހިފާފައިވަނީ ރައްޔިތުންގެ މައްސަލަތައް ކުޑަކުރުމުގައި އެންމެން އެއްބާރުލުމަށް. އެއްބައިވަންތަކަމާއި ގައުމީ ނަޒާހަތްތެރިކަމަކީ އަޅުގަނޑުމެންގެ ދުޝްމަނުން ކުރަމުންދާ އުއްމީދުތައް ވިއްސިވިހާލި ކޮށްލުމަށްޓަކައި ކޮންމެހެން ބޭނުންވާ ކަންތައްތަކެއް،" ރައީސީ ވިދާޅުވި އެވެ.

އީރާންގައި މިހާރު ހިނގަމުންދާ މުޒާހަރާތައް ހުއްޓުވުމަށް އީރާން ސަރުކާރުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކާ ބެހޭ ގޮތުން، އެމެރިކާގެ ރައީސް ޖޯ ބައިޑެން މިފަހުން ދެއްވި އިންޒާރުތަކަށް ވެސް ރައީސީ އިއްޔެގެ ތަގުރީރުގައި ރައްދު ދެއްވި އެވެ. ބައިޑެން ދާދި ފަހުން ވިދާޅުވެފައިވަނީ، މުޒާހަރާތަކާ ދެކޮޅަށް އީރާން ސަރުކާރުން އަމަލުކުރަމުން ދާ ގޮތުގެ ސަބަބުން، އެ ގައުމާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އެޅުމަށް ވިސްނަމުންދާ ކަމަށެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސީ ވިދާޅުވީ އިންސާނީ ހައްގުތަކާ ބެހޭ ގޮތުން އެމެރިކާ ގެންގުޅެނީ ވަރަށް މުނާފިގު ސިޔާސަތެއް ކަމަށެވެ.

"އެހެން ގައުމުތަކުގެ އިންސާނީ ހައްގުތަކާ ބެހޭ ގޮތުން ފާޑުފާޑުގެ ވާހަކަތައް ދެއްކުމުގެ ކުރިން، ތިމާގެ އަމިއްލަ ގައުމުގައި އިންސާނީ ހައްގުތަކުގެ ރެކޯޑް އޮތް ގޮތާ މެދު، ޖޯ ބައިޑެން ކުޑަކޮށް ވިސްނާލުން ރަނގަޅުވާނެ."

ރައީސް އިބްރާހީމް ރައީސީ މި މޭރުމުން ވާހަކަ ދެއްކެވި އިރު، އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ، މިދިޔަ ހޯމަ ދުވަހު ވަނީ، އެމެރިކާ އާއި އިޒްރޭލަށް ވެސް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އީރާން ސަރުކާރާ ދެކޮޅަށް އެ ގައުމުގެ އެކި ސަރަހައްދުތަކުގައި މިހާރު ކުރަމުންދާ މުޒާހަރާތަކަކީ، އެމެރިކާ އާއި އިޒްރޭލު އަޑީގައި އޮވެގެން ބަޔަކު ލައްވައި ދުރާލައި ރާވައިގެން ހިންގާ ހަރަކާތްތަކެކެވެ.