Roadha Mihaaru
ސިޑިން 25 ވަނަ ފްލޯއަށް، ކައްކާ ކެވޭނެ ގޮތެއް ނެތް

ހިޔާ ޓަވަރުން ކަރަންޓާއި ފެން ކެނޑުން: ސިޑިން 25 ވަނަ ފްލޯއަށް، ކައްކައި ކެވޭނެ ގޮތެއް ނެތްް!

15 ނޮވެމްބަރ 2022

ހުޅުމާލެ 2 ގެ ހިޔާ ޓަވަރުތަކުން މިއަދު މެންްދުރުވާން ކައިރިވެފައި ހުއްޓާ ކަރަންޓާއި ފެނުގެ ހިދުމަތް ކެނޑުނީ އެ ޓަވަރުތަކަށް މި ހިދުމަަތް ދިނުމަށްޓަކައި އަޅާފައިވާ މައި ކޭބަލަކަށް ލިބުނު ގެއްލުމަކުންނެވެ. އެ ވަގުތު ދިމާވީ ސްކޫލުން ބައެއް ކުދިން އެނބުރި ގެއަށް ދިޔަ ވަގުތާ އެވެ. އަނެއްބައި ކުދިން ސްކޫލަށްދާ ވަގުތާ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހުޅުމާލެ 2 ގެ ހިޔާ ޓަވަރުތަކުން މިއަދު މެންްދުރުވާން ކައިރިވެފައި ހުއްޓާ ކަރަންޓާއި ފެނުގެ ހިދުމަތް ކެނޑުނީ އެ ޓަވަރުތަކަށް މި ހިދުމަަތް ދިނުމަށްޓަކައި އަޅާފައިވާ މައި ކޭބަލަކަށް ލިބުނު ގެއްލުމަކުންނެވެ. އެ ވަގުތު ދިމާވީ ސްކޫލުން ބައެއް ކުދިން އެނބުރި ގެއަށް ދިޔަ ވަގުތާ އެވެ. އަނެއްބައި ކުދިން ސްކޫލަށްދާ ވަގުތާ އެވެ.

އެއީ އާންމުކޮށް ދިރިއުޅުމުގެ އެންމެ ހަލަބޮލި ވަގުތު ވެސް މެ އެވެ.

ހަތަރު ގަޑިއިރަށް ފަހު ކަރަންޓު މިހާރު އަލުން ދިނަސް، ޓަވަރުތަކުގައި އުޅޭ މީހުން މިއަދު ވަނީ ވަރަށް ތަފާތު ތަޖުރިބާތަކެއް ކޮށްފަ އެވެ. މިއަދަކީ، 20،000 އަށް ވުރެ ބޮޑު އާބާދީއެއް ހިމެނޭ އެ ސަރަހައްދުން، މިހާ ގިނަ ވަގުތަށް ކަރަންޓާއި ފެން ކެނޑުނު ފުރަތަމަ ފަހަރެވެ.

"20 ވަނަ ފްލޯއަށް މި އެރީ ހިނގާފައި. ދަރިފުޅު ގޮވައިގެން ސްކޫލުން އައި އިރު ލިފްޓްގައި ވެސް ކަރަންޓެއް ނެތް. އެހާ ގިނަ އިރުން މައްޗަށް އެރިއިރު ފެނެއް ނެތް. އަދިވެސް މިއަށްވުރެ މައްޗަށް މި ޓަވަރުތައް ނަގަންވީ،" ސޯޝަލް މީޑިއާގައި މީހަކު ހިއްސާ ކޮށްފައިވާ ޕޯސްޓެއްގަައިވެ އެވެ.

ހިޔާ ފްލެޓުގެ ބެލްކަނީގައި މީހަކު ހުއްޓިލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ \ މިހާރު

ހިޔާ ފްލެޓުގެ ބެލްކަނީގައި މީހަކު ހުއްޓިލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ \ މިހާރު

ކަރަންޓާއި ފެން ކެނޑުނު އެ ގަޑިއަކީ ތިރީގައި ތިބި މީހުންނަށް މައްޗަށް އެރުމަށްް އުނދަގުލަކަށް ވީއިރު، މަތީގައި ތިބި މީހުންނަށް ތިރިއަށް ފޭބުމަށް ވެސް ވީ އުނދަގުލަކަށެވެ.

އެޕާޓްމެންޓްތަކުގެ ތަކެތި ހަލާކުވި ކަމުގެ ޝަކުވާ ވެސް އެއްބަޔަކު ކުރި އެވެ. ބައެއް މީހުންގެ ފްރިޖާއި ޓީވީ ފަދަ ކަރަންުޓު ސާމާނު ހަލާކުވެެގެން ވައިބާ ގްރޫޕުތަކުގައި ޝަކުވާ ކުރި އެވެ. ފްރިޖްތަކުގައި ހުރި ބައެއް އެއްޗެހި ދެން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވި އެވެ.

ހިޔާގެ ބައެއް ފްލެޓްތަކަކީ މުޅިން ކަރަންޓުން ބޭނުން ކުރެވޭ އޮޓޯ އެޕާޓްމެންޓެވެ. އެންމެ ބޮޑު ދަތިތަކެއް ދިމާވީ ވެސް އެކަހަލަ އެޕާޓްމަންޓްތަކުގައި އުޅޭ މީހުންނަށެވެ. ކައްކާ އުނދުނާއި އެހެން އާންމު ވަރަށް ގިނަ އެއްޗެހި ހުރީ ކަރަންޓް ނެތިއްޔާ ބޭނުން ނުކުރެވޭ ގޮތަށެވެ.

ހިޔާގައި ދިރިއުޅޭ މީހުންގެ އަނެއް ޝަކުވާއަކަށް ވީ ފެން ނުލިބުމެވެ.

ބައެއް މީހުން ބުނި ގޮތުގައި، ހިޔާގައި މީހުން ދިރއުޅެން ފަށާފައިވާތާ އަހަރެއްހާ ދުވަސްވެ، އެތައް ހާސް ބަޔަކު ދިރިއުޅެމުން ދާއިރު ފެނާއި ކަރަންޓުން މަހުރޫމުވެ ހަތަރު ގަޑިއިރު ހޭދަކުރަން ޖެހުމަކީ ދިމާވި ވަރަށް ބޮޑު ދަތި ކަމެކެވެ. މިހާ ގިނަ އިރު ކަރަންޓް ނުދާނެ ގޮތަކަށް އެކަން ރޭވިފައި އޮންނަން ޖެހޭނެ ކަމަށް އެ މީހުން ބުނެ އެވެ.

"އެތައް ހާސް ބަޔަކު ކަރަންޓާއި ފެނުން މަހުރޫމު ކުރުމަކީ އިހުމާލެއް. މިކަން ކުރި ބަޔަކަށް އަޅަން ޖެހޭނެ ފިޔަވަޅެއް އޮންނަން ޖެހޭނެ،" ހިޔާ ފްލެޓް ޔުނިއަންގެ ވައިބާ ގްރޫޕުގައި މީހަކު ބުނެފައިވެ އެވެ.

ކަރަންޓާއި ފެން ކެނޑުނީ މައި ކޭބަލެއް ބުރިވެގެން ކަމްށް ސްޓެލްކޯ އިން ބުނެ އެވެ. އަދި އަލުން ކަރަންޓް ދިނީ އާ ކޭބަލެއް އަޅައިގެންނެވެ.

އެ ކުންފުނިން ބުނީ، މައި ކޭބަލަށް ގެއްލުންވީ، ހުޅުމާލެ 2 ގައި އިމާރާތްކުރުމުގެ މަސައްކަތްކުރާ ބަޔަކު ކޮންނަނިކޮށް ކަމަށެވެ.

އެހެން މީހަކު ވައިބާ ގްރޫޕުގައި ބުނެފައި ވަނީ އެ ވަގުތުގައި ދިމާވި އެންމެ ބޮޑު ދައްޗަކީ މާބަނޑު މީހުން، އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ތިބި ފްލެޓްތަކުގައި ފާހަނާ ކޮށްލެވޭނެ ގޮތެއް ވެސް ނެތުން ކަމަށެވެ. އަދި އެ ވަގުތު ދިމާވީ ސްކޫލަށް ކުދިން ފޮނުވަން ޖެހޭ ވަގުތު ނަމަވެސް ކަރަންޓާއި ފެން ނެތުމުން ސްކޫލަށް ނުފޮނުވާ ކުދިން ތިބި ކަމަށް ވެސް އޭނާ ބުންޏެވެ.

ކަރަންޓް ނެތި، ފްލެޓް ބެލްކަނީގައި ދެ މީހަކު މިއަދު މަޑުކޮށްލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ކަރަންޓް ނެތި، ފްލެޓް ބެލްކަނީގައި ދެ މީހަކު މިއަދު މަޑުކޮށްލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

"އަހަރުމެން ބޭނުން ކުރަނީ ސަޕްލައި ފެން. ކަރަންޓާއި ފެން އެއްކޮށް ދިޔައީމަ ނެތް ކައްކާ ކެވޭނެ ގޮތެއް ވެސް. މެންދުރު ނުކައްކާ ތިބީ. ވަރަށް އުނދަަގޫ ކަމެއް މިއީ،" ހިޔާ ފްލެޓެއްގައި ދިރިއުޅޭ މީހަކު ބުންޏެވެ.

"އަނެއްކާ ކަރަންޓް ނެތީމަ އެހާ އަނދިރި މުޅި އިމާރާތް ވެސް. ނަސީބެއް ކަން ނޭނގެ ދުވާލު ކަން ވެސް،"

ކޮންމެ ޓަވަރެއްގައި 3-4 ލިފްޓް ހުންނައިރު މިއަދު ކަރަންޓު ކެނޑުނު ވަގުތު ޓަވަރު އެކެއްގެ ލިފްޓެއްގައި ތިބި ބަޔަކު ގަޑިއެއްހާއިރަށް ތާށިވި އެވެ. އެ މީހުން ލިފްޓުން ނެރުނީ ލިފްޓްތައް ސާވިސް ކުރާ މީހުންގެ އެހީތެރިކަމާއެކު އެވެ.

ލިފްޓުގެ ދަތި ކަމަކީ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށުނީއްސުރެ ވެސް ދެކެވެމުންދާ ވާހަކައެކެވެ. މިފަދަ ހާލަތެއް މެދުވެރިވުމުން ކަރަންޓާއި ފެން ލިބޭނެ އިތުރު ބެކަޕް ޕްލޭނެއް ހުންނަން ޖެހޭ ކަމަށް ބުނެ ވެސް ބައެއް މީހުން ނުރުހުން ފާޅުކޮށްފައިވެ އެވެ.