Roadha Mihaaru
ލީބިޔާގައި އިޓަލީ އެމްބަސީ އަލުން ހުޅުވަނީ

ލީބިޔާގައި އިޓަލީ އެމްބަސީ އަލުން ހުޅުވަނީ

12 ޖެނުއަރީ 2017

ހަނގުރާމައިގެ ސަބަބުން ބަންދުކޮށްފައިވާ، ލީބިޔާގައި ހުންނަ އިޓަލީ އެމްބަސީ އަލުން ހުޅުވުމަށް އިޓަލީ ވިލާތުން ނިންމައިފި އެވެ.

ހަނގުރާމައިގެ ސަބަބުން ބަންދުކޮށްފައިވާ، ލީބިޔާގައި ހުންނަ އިޓަލީ އެމްބަސީ އަލުން ހުޅުވުމަށް އިޓަލީ ވިލާތުން ނިންމައިފި އެވެ.

އިޓަލީ ސަރުކާރުން ބުނި ގޮތުގައި ލީބިޔާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވެސް މި ދިޔަ ހޯމަ ދުވަހު ވަނީ ލީބިޔާ އަށް ފޮނުވައިފަ އެވެ. ލީބިޔާގައި ހުރި އިޓަލީ އެމްބަސީ އިޓަލީން ބަންދުކުރީ، ލީބިޔާގެ ދާޚިލީ ހަނގުރާމަ ވަރުގަދަވެ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިންގެ ބާރު ލީބިޔާގައި ގަދަވުމާ ގުޅިގެން 2015 ވަނަ އަހަރުގެ ތެރޭގަ އެވެ.

މިހާރު ވެސް ދެ ބައި ވެފައި އޮތް ލީބިޔާގެ ދާޚިލީ ހަނގުރާމަ އަދިވެސް ދަނީ ކުރިއަށެވެ. އިޓަލީ ސަފީރު އަލުން އަނބުރާ ލީބިޔާ އަށް މި ފޮނުވީ، އދ. އިން ގަބޫލުކޮށްފައިވާ ލީބިޔާގެ ބޮޑުވަޒީރު ފާއިޒް ސިރާޖްގެ ސަރުކާރާ އެކު މަޝްވަރާ ކުރުމަށް ފަހު އެވެ.

ލީބިޔާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން އިޓަލީ އަށް ވެސް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފަ އެވެ. ވެއަތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް ލީބިޔާ އިން ހިޖްރަ ކުރި ބައި މިލިއަނެއްހާ ރެފިއުޖީން އިޓަލީ އަށް ދިއުމުގެ ސަބަބުން އިޓަލީ އަށް ވަނީ ގިނަ މައްސަލަތަކެއް ކުރިމަތިވެފަ އެވެ.

ލީބިޔާގެ ކުރީގެ ލީޑަރު ކާނަލް ގައްޒާފީގެ ސަރުކާރާ އިދިކޮޅު ހަނގުރާމަވެރިންނަށް އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އަސްކަރީ އެހީތެރިކަމާއި ފައިސާ ފޯރުކޮށްދީގެން ފެށި ހަނގުރާމައިގައި ގައްޒާފީ އާއި އޭނާގެ ދެ ދަރިންތައް އަވަހާރަކޮށްލުމަށް ފަހު ވެސް، ލީބިޔާގެ ހަނގުރާމަ ހުއްޓުމަކަށް ނާދެ އެވެ. އަދި ގައްޒާފީ އަވަހާރަކޮށްލެވުމަށް ފަހުގައި، ލީބިޔާގެ މަސްރަހު ފިނި ކުރާކަށް ވެސް ހުޅަނގުގެ ގައުމުތަކުން މަސައްކަތެއް ނުކުރެ އެވެ.