Roadha Mihaaru
ތާވަލާ އެއްގޮތަށް ލީބިޔާގެ ރިޔާސީ އިންތިހާބު ނުބޭއްވޭނެ

ތާވަލާ އެއްގޮތަށް ލީބިޔާގެ ރިޔާސީ އިންތިހާބު ނުބޭއްވޭނެ

22 ޑިސެމްބަރ 2021

ލީބިޔާގައި ހިނގަމުން ދިޔަ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނެސް، ސުލްހަވެރި ވެރިކަމެއް ގާއިމުކުރުމުގެ ގޮތުން ބާއްވަން ތާވަލުކޮށްފައިވާ ރިޔާސީ އިންތިހާބު، އެ ތާވަލާ އެއްގޮތަށް ނުބޭއްވޭނެ ކަމަށް، ރިއާސީ އިންތިހާބުތަކާ ބެހޭ ޕާލަމެންޓުގެ ކޮމިޓީން ބުނެފި އެވެ.

ލީބިޔާގައި ހިނގަމުން ދިޔަ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނެސް، ސުލްހަވެރި ވެރިކަމެއް ގާއިމުކުރުމުގެ ގޮތުން ބާއްވަން ތާވަލުކޮށްފައިވާ ރިޔާސީ އިންތިހާބު، އެ ތާވަލާ އެއްގޮތަށް ނުބޭއްވޭނެ ކަމަށް، ރިއާސީ އިންތިހާބުތަކާ ބެހޭ ޕާލަމެންޓުގެ ކޮމިޓީން ބުނެފި އެވެ.

ރިޔާސީ އިންތިހާބުގެ ކަންތައް ކުރިއަށް ގެންދިއުމަށް އެކި ސަރަހައްދުތަކުގައި އުފައްދާފައި އޮތް އިންތިހާބާ ބެހޭ ކޮމިޓީތައް، އެ ގައުމުގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުން އިއްޔެ އުވައިލުމާ ގުޅިގެން، ޕާލަމެންޓްގެ ކޮމިޓީން ބުނީ، އެންމެ ދެ ދުވަސް ތެރޭގައި ރިއާސީ އިންތިހާބު ބޭއްވުމަކީ މުސްތަހީލު ކަމެއް ކަމަށެވެ.

އިންތިހާބުތަކާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުން، މިމަހުގެ 24 ވަނަ ދުވަހު ރިޔާސީ އިންތިހާބު ބާއްވަންޖެހޭނެ އެވެ. އަދި އެ އިންތިހާބު ނިމުމާ ވިދިގެން އާންމު އިންތިހާބު ބާއްވައި ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން އިންތިހާބުކުރަން ވާނެ އެވެ.

ނަމަވެސް ގާނޫނު ހަދާ މަޖިލީހުން ބުނި ގޮތުގައި، އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، އިންތިހާބުގައި ވާދަކުރުމުގެ ހައްގު ލިބިގެންވަނީ ކޮން ބަޔަކަށް ކަންވެސް ކަނޑަނާޅައި، އިންތިހާބުތަކާ ބެހޭ ކޮމިޓީތައް އުވައިލުމުން، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އަލުން ހުރިހާ ކަމެއް އިންތިޒާމުކޮށްގެން އިންތިހާބު ބާއްވާނެ ވަގުތެއް ނެތެވެ.

އޭގެ އިތުރުން، އިންތިހާބު ފަސްކުރި ކަން އިއުލާންކުރާނެ ބަޔަކާ މެދުގައި ވެސް މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. ގާނޫނު ހަދާ މަޖިލީހުގައި އޮންނަ އިންތިހާބުތަކާ ބެހޭ ކޮމިޓީން ބުނި ގޮތުގައި، އެކަން އިއުލާންކުރުމުގެ ޒިންމާ އުފުލަންޖެހޭނީ އެ ކޮމިޓީންކަމެއް ނުވަތަ އެ ޒިންމާ އުފުލާނީ އިންތިހާބުތަކާ ބެހޭ ކޮމިޝަނުންކަމެއް، ގާނޫނުން ސާފެއް ނުވެ އެވެ.

ރިޔާސީ އިންތިހާބާ ބެހޭ ގޮތުން ސުވާލު އުފެދިފައިވާއިރު، ރިއާސީ އިންތިހާބު ފަސްކުރުމާ ދެކޮޅަށް، އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން އިއްޔެ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ. ލީބިޔާގެ ރިއާސީ އިންތިހާބުގައި ވާދަކުރައްވާ ހަތް ކެންޑިޑޭޓަކު އިއްޔެ ބެންގާޒީގައި ބައްދަލުކުރެއްވީ، އެ ގައުމުގެ އިންތިހާބުގެ ކަންތައް ކުރިއަށް ގެންދިއުމަށް އެކި ސަރަހައްދުތަކުގައި އުފައްދާފައި އޮތް އިންތިހާބާ ބެހޭ ކޮމިޓީތައް، އެ ގައުމުގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުން އިއްޔެ އުވައިލުމާ ގުޅިގެންނެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ކުރީގެ ދާހިލީ ވަޒީރު ފަތުހީ ބާޝާޣާ އާއި ކުރީގެ ޖެނެރަލް ޚަލީފާ ޚަފްތަރު އަދި ކުރީގެ ރިއާސީ މަޖިލީހުގެ މެމްބަރު އަހްމަދު މުއައިތީގް ހިމެނެ އެވެ.

އިންތިހާބަށް ކުރިމަތިލެއްވި ހަތް ބޭފުޅުންވެސް އެއްބަސްވެވަޑައިގެންނެވި ގޮތުގައި، އެބޭފުޅުން އެންމެ ކުރިއަށް ނެރުއްވާނީ ގައުމީ މަސްލަހަތެވެ. އަދި މުޅި ގައުމުގެ މަސްލަހަތަކީ އިތުރު އިޚްތިޔާރެއް ނެތް ކަމެއް ކަމަށާއި ލީބިޔާގެ ރައްޔިތުން ބޭނުންވާ މިސްރާބަށް ގައުމު ގެންދިއުމުގައި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވުމަށް ވެސް އެ ބޭފުޅުން އެއްބަސްވެވަޑައިގަތެވެ.

ލީބިޔާގެ އިންތިހާބާ ބެހޭ ކޮމިޓީތައް އުވައިލުމާ ގުޅިގެން، މިހާރު ކަނޑައަޅާފައިވާ ތާރީޚުގައި ރިއާސީ އިންތިހާބު ބޭއްވިދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ. ބޮޑަށް ލަފާކުރެވޭ ގޮތުގައި އެ ތާރީހުގައި ރިއާސީ އިންތިހާބެއް ނުބާއްވާނެ އެވެ.

ސަބަބަކީ އެ ތާރީހަށް އެންމެ ދުވަހަކަށް ވެފައިވާ އިރު، އިންތިހާބު އޮންނާނެކަމާ މެދު އެ ގައުމުގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުން އެއްވެސް އެއްޗެއް ނުބުނާތީ އެވެ.

އިންތިހާބާ ބެހޭ ކޮމިޓީތައް އުވައިލިކަން އަންގައި، އެ ކޮމިޓީތަކަށް ފޮނުވި ސިޓީތަކުގައި ވެސް، އެ ކޮމިޓީތައް އުވައިލީ ކޮން ސަބަބަކާ ހުރެކަން، އިންތިހާބުތަކާ ބެހޭ ކޮމިޝަނުން ނުބުނެ އެވެ. އެހެންކަމުން، މިހާރު ކަނޑައަޅާފައިވާ ތާރީހަށް ވުރެ ހަފުތާތަކެއް ނުވަތަ މަހެއްހާ ދުވަހަށް އިންތިހާބު ފަސްވިކަން، މިއަދު ނުވަތަ މާދަމާގެ ވަގުތެއްގައި އިއުލާންކުރާނެ ކަމަށް ބެލެވެ.