Roadha Mihaaru
ޖެނިފާ ލޮޕޭޒާ ހިތާވެވުމަކީ ކޫލް ކަމެއް ނޫން: އެފްލެކް

ޖެނިފާ ލޮޕޭޒާ ހިތާވެވުމަކީ ކޫލް ކަމެއް ނޫން: އެފްލެކް

26 ޖޫން 2016

މަޝްހޫރު އެކްޓަރު ބެން އެފްލެކާއި ލަވަ ކިޔުންތެރިޔާ ޖެނިޕާ ލޮޕޭޒް އެއް ދުވަސްވަރެއްގައި ވަރަށް ގަދައަށް ހިތާވެގެން އުޅުނެވެ. އެއީ އެންމެންނަށް ވެސް އެނގޭ ކަމެކެވެ. އެ ދުވަސްވަރު ދެ މީހުން އެކުގައި ފިލްމު ވެސް ކުޅުނެވެ. އަދި ޖެނިފާގެ ވީޑިއޯ ލަވައަކުން ވެސް އެފްލެކް ފެނުނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަޝްހޫރު އެކްޓަރު ބެން އެފްލެކާއި ލަވަ ކިޔުންތެރިޔާ ޖެނިޕާ ލޮޕޭޒް އެއް ދުވަސްވަރެއްގައި ވަރަށް ގަދައަށް ހިތާވެގެން އުޅުނެވެ. އެއީ އެންމެންނަށް ވެސް އެނގޭ ކަމެކެވެ. އެ ދުވަސްވަރު ދެ މީހުން އެކުގައި ފިލްމު ވެސް ކުޅުނެވެ. އަދި ޖެނިފާގެ ވީޑިއޯ ލަވައަކުން ވެސް އެފްލެކް ފެނުނެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ އެފްލެކް ޑޭޓް ކުރި މަޝްހޫރު ތަރިންގެ ތެރޭގައި ބަތަލާ ގްވައިނިތު ޕަލްޓްރޯ ވެސް ހިމެނޭކަމެވެ. އެ ދެ މީހުން ވަނީ ޝޭކްސްޕިއާ އިން ލަވް (1997) ގައި މަސައްކަތް ކޮށްފަ އެވެ.

އެފްލެކާއި ޖެނިފާ ދެ އަހަރު ވަންދެން ރައްޓެހިވެގެން އުޅެފައި ދެ މީހުންގެ ގުޅުން ރަސްމީކޮށް ނިމުމަކަށް ގެނައީ 2004 ގަ އެވެ. އޭގެ ފަހުން 2005 ވަނަ އަހަރު އެފެލެކް ވަނީ ބަތަލާ ޖެނިފާ ގާނާ އާ ކައިވެނިކޮށް ދަރިންތަކެއް ވެސް ހޯދައިފަ އެވެ.

ދާދި ފަހުން އަނެއްކާ އެފްލެކް މި ވަނީ ޖެނިފާގެ ވާހަކަ ދައްކައިފަ އެވެ. އެކަމަކު ގިނަ ބަޔަކަށް ހައިރާންކަން ލިބޭ ކަހަލަ ގޮތަކަށެވެ.

އޭނާ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނީ ޖެނިފާއާ ރައްޓެހިވެގެން އުޅުނު ދުވަސްވަރު ކެރިއަރު ވަރަށް ބޮޑަށް އަރިއަޅާލި ކަމަށެވެ. އަދި އެ ދުވަސްވަރު އޭނާ ކުޅުނު ފިލްމުތައް ބޮކްސް އޮފީހުގައި ފުލުފުލުން ފްލޮޕްވަމުން ދިޔަ ކަމަށް ޖެނިފާ އާ އެކު ގިގްލީ (2003) އާއި ޖާޒީ ގާލް (2004) ކުޅުނު އެކްޓަރު ބުންޏެވެ.

އެހެންވެ ޖެނިފާއާ ރައްޓެހިވެގެން އުޅުނު ޒަމާން އެފްލެކް، 43، މިހާރު ސިފަ ކުރަނީ ވަރަށް "އަންކޫލް" ކަމެއްގެ ގޮތުގަ އެވެ. އަދި އޭރު ވަރަށް ގިނަ ބަޔަކު އޭނާއަކީ އެއްވެސް ހުނަރެއް ނެތް، ވަކި މީހެއްގެ ތައްޕާހުން އުޅޭ މީހެއް ކަމަށް ބުނަމުން ދިޔަ ކަމަށް އެފްލެކް ބުންޏެވެ.

އެކަމަކު އެ ގުޅުން ނިމުމަކަށް އައުމުން މާކް އެންތަނީއާ މިހާރު ކައިވެނިކޮށްގެން އުޅޭ ޖެނިފާ އޭރު ބުނެފައި ވަނީ "ހަގީގީ ގުޅުމެއް ނިމުމަކަށް އައުމުން ހިތް ހަލާކުވެފައިވާ" ކަމަށެވެ.

އެފްލެކް ބުނީ ފިލްމީ ކެރިއަރަށް ވަރަށް ބޮޑަށް އަސަރުކޮށްފައި އޮތުމުން، ބުރަކޮށް މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފަހުން ވަރަށް ބޮޑުވި ކަމަށެވެ. އެގޮތުން ޑައިރެކްޝަން ތަޖުރިބާކޮށްލަން ވަރަށް ބޮޑަށް ބޭނުންވި ކަމަށް ބުންޏެވެ.

އޭނާ ވަނީ މޮޅު ޑައިރެކްޓަރެއްކަން މިހާރު ސާބިތުކޮށް ދީފަ އެވެ. އެފްލެކް 2012 ވަނަ އަހަރު ޑައިރެކްޓްކޮށް އެކްޓް ކުރި "އާގޯ" އިން އޭނާ ވަނީ 2013 ވަނަ އަހަރު އެންމެ މޮޅު ޑައިރެކްޓަރުގެ އޮސްކާ ވެސް އުފުލާލައިފަ އެވެ.

މީގެ އިތުރުން އެފްލެކް ޑައިރެކްޓް ކުރި ދަ ޓައުން (2010) އާއި އޭނާގެ ފުރަތަމަ ޑައިރެކްޝަން ގޯން ބޭބީ ގޯން (2007) ފަދަ ފިލްމުތަކަކީ ކްރިޓިކުންގެ ތައުރީފު ވަރަށް ބޮޑަށް އޮހުނު ފިލްމުތަކެވެ.

ގުޑް ވިލް ހަންޓިން (1997) އާއި ޕާލް ހާބާ (2001) ފަދަ މަޝްހޫރު ފިލްމުތައް ކުޅެފައިވާ އެފްލެކް އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ސްޕަހީރޯ ފިލްމް "ބެޓްމޭން ވާސަސް ސްޕަމޭން: ޑޯން އޮފް ޖަސްޓިސް" އެވެ

އެފްލެކްގެ ޑައިރެކްޝަނެއް ދެން އަންނާނީ އަހަރު އެވެ. އެއީ "ލިވް ބައި ނައިޓް" އެވެ. އޭނާ އެކްޓް ވެސް ކޮށްފައިވާ އެ ފިލްމް ސިނަމާތަކަށް އަންނާނީ ޖެނުއަރީ 13، 2017 ގަ އެވެ.