Roadha Mihaaru
ފަރިއްކޮޅަކާ ގުޅުވައި އަނެއްކާވެސް ނުފޫޒުގެ ތުހުމަތު!

ފަރިއްކޮޅަކާ ގުޅުވައި އަނެއްކާވެސް ނުފޫޒުގެ ތުހުމަތު!

07 ޑިސެމްބަރ 2022

އަބަދުވެސް އޮންނަނީ ޖުޑިޝަރީއަށް ސިޔާސީ ނުފޫޒު ފޯރުވާކަމުގެ ތުހުމަތެވެ. އެއީ ފަންނީ ބޭފުޅުންނަށް ވުރެ ގިނައިން ސިޔާސީ ބޭފުޅުން ތިއްބަވާ ކޮމިޝަނެއް ޝަރުއީ ދާއިރާގެ ބެލެނިވެރި މުއައްސާއެއްގެ ގޮތުގައި އޮތުމުންނެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަބަދުވެސް އޮންނަނީ ޖުޑިޝަރީއަށް ސިޔާސީ ނުފޫޒު ފޯރުވާކަމުގެ ތުހުމަތެވެ. އެއީ ފަންނީ ބޭފުޅުންނަށް ވުރެ ގިނައިން ސިޔާސީ ބޭފުޅުން ތިއްބަވާ ކޮމިޝަނެއް ޝަރުއީ ދާއިރާގެ ބެލެނިވެރި މުއައްސާއެއްގެ ގޮތުގައި އޮތުމުންނެވެ.

ނަމަވެސް ޝަރުއީ ދާއިރާއާ މެދު ގެއްލިފައި އޮތް އާންމުންގެ އިތުބާރު އަނބުރާ ގެނެސްދިނީ ސުޕްރީމް ކޯޓުންނެވެ. ސަރުކާރެއް އަދި އިދިކޮޅެއް ނުބަލަ އެވެ. ދައުލަތުގެ ބާރުގަދަ މުއައްސަސާއެއް އަދި ނިކަމެތި ރައްޔިތު މީހާއެއް ތަފާތެއް ނުކުރާކަން އާންމުން ވެސް ބަލައިގަނެ އެވެ.

އެކަމަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމި ހިސާބުން އަނެއްކާވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އެ ތުހުމަތެވެ. މައްސަލައަކަށްވީ މައްސަލަ ބެލުމެއް ނޫނެވެ. ޖޭއެސްސީން ބަލަން ނިންމި މައްސަލަ ގިނަ ބަޔަކަށްވީ ޖޯކަކަށެވެ.

މައްސަލައެއް ކަމަށް ގަބޫލު ނުކުރާނެ ފަދަ މައްސަލައެއް ދެއްތޯ މިއީ.

ފަރިއްކޮޅު މައްސަަލައަކަށްވީ އެއް އަހަރު ފަހުން: ހަމަ އިއްތިފާގެއް؟

ފަނޑިޔާރު މަހާޒަށް ތުހުމަތުކޮށް ބަލަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން މިދިޔަ އަހަރު ސުޕްރީމް ކޯޓުގައި ހުކުމްކުރި ދުވަހު، ހުކުމަށްފަހު ޔާމީނާ ގުޅުން އޮތް ބޭފުޅަކު ފޮނުވި ފަރިއްކޮޅަކާ ހަވާލުވި ކަމަށް ބުނެ އެވެ. އަދި އުފާ ފާޅުކުރުމުގެ ގޮތުން ކޯޓުގައި އެ ފަރިއްކޮޅުގައި ބޭއްވި ކަމަށް ބުނެ އެވެ.

ރެސްޓޯރެންޓަކަށް އޯޑަރުކޮށްގެން ގެނައި އެ ފަރިއްކޮޅުގެ މައްސަލަ ބަލަން ފެށީ އޭގެ އެއް އަހަރު ފަހުންނެވެ.

އެއީ އިއްތިފާގެއް ކަމަށް ގަބޫލުކުރަން ގިނަ މީހުންނަށް އުނދަގުލެވެ. ޔާމީންގެ މައްސަލަ ދެވަނަ ދަށު ކޯޓުގައި ހުކުމާ ހިސާބުގައި އޮއްވައި މި މައްސަލަ ފެންމަތި ކުރުމުން ޔާމީންގެ މައްސަލައާ ގުޅުވައި، އަނެއްކާވެސް ޖޭއެސްސީއަށް ތުހުމަތުގެ އިނގިލި އަމާޒު ކުރަން ފުރުސަތު ލިބުނީ އެވެ. ކުރިން ފާޑުކިޔުން އަމާޒުވީ ޔާމީންގެ މައްސަލަ ދަށު ކޯޓުގައި ބެލި އިސްގާޒީ ހުކުމްކުރަން އޮތް ދުވަހު ސަސްޕެންޑް ކުރުމުންނެވެ.

"މައްސަލައެއް ކަމަށް ގަބޫލު ނުކުރާނެ ފަދަ މައްސަލައެއް ދެއްތޯ މިއީ. ހަމަގައިމު ވެސް ޕަބްލިކް ގަބޫލުކުރާ ޒާތުގެ މައްސަލައެއް ނޫން މިއީ." ކުރިން ފަނޑިޔާރުކަން ކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޖޭއެސްސީގެ ނިންމުންތައް ނިންމުމުގެ ކުރިން ވަގުތާއި ހާލަތަށް ވިސްނަންޖެހެ އެވެ. ސިޔާސީ ބޭފުޅެއްގެ މައްސަލަ ނިމުމަކާ ގާތުގައި އޮއްވައި އެއާ ގުޅޭ އެހެން މައްސަލައެއްގައި ސުލޫކީ މައްސަލަ ބަލަން ފެށުމުން އިތުރު ސުވާލުތަކެއް އުފެދެ އެވެ.

"ފަނޑިޔާރަކު ވަކި ބޭފުޅެއްގެ މައްސަލައެއް ބަލާފައި އޮތުމަކީ އެ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ދުވަހަކު ވެސް ނުބަލާ ތިބެވޭނެ ސަބަބެއް ނޫން."

"މިގޮތަށް މިހެން ދިމާވުމަކީ ޖޭއެސްސީގެ ނިންމުންތަކަށް ސިޔާސީ ނުފޫޒު އައިސްގެންތޯ ހަމަ ސުވާލު އުފެދޭ. ހުރިހާ ދައުރެއްގައި ވެސް މިހެން މި ދިމާވަނީ." އޭނާ ވިދާޅުވި އެވެ.

ތިން ބާރުގެ ވެރިންނާއި ޖޭއެސްސީގެ ރައީސް -- ފޮޓޯ/މިހާރު

ތިން ބާރުގެ ވެރިންނާއި ޖޭއެސްސީގެ ރައީސް -- ފޮޓޯ/މިހާރު

އެކަމަކު ޖޭއެސްސީގެ މެމްބަރަކު ވިދާޅުވި ގޮތުގައި ސުލޫކީ މައްސަލަ ބަލަން ޖެހޭ ވަކި ވަގުތެއް އެ ކޮމިޝަނަކަށް ނޯންނާނެ އެވެ. އަދި ސިޔާސީ ބޭފުޅެއްގެ މައްސަލައެއް އެ ފަނޑިޔާރަކު ބައްލަވާފައި އޮތްތޯ ނުވަތަ ނެތްތޯ އެ ކޮމިޝަނުން ބަލަން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފަނޑިޔާރަކު ވަކި ބޭފުޅެއްގެ މައްސަލައެއް ބަލާފައި އޮތުމަކީ އެ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ދުވަހަކު ވެސް ނުބަލާ ތިބެވޭނެ ސަބަބެއް ނޫން. އަދި ކޮންމެ ދުވަސްވަރެއްގައި މައްސަލަ ބެލިޔަސް، ވަކި މައްސަލައަކާ ކަމަކާ ގުޅުވަން ބޭނުންވާ ބަޔަކު އެކަން ގުޅުވަން އުޅޭނެ." އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވި ގޮތުގައި މައްސަލައެއް ހުށަހެޅިއްޖެނަމަ ބެލުމަކީ ޖޭއެސްސީގެ ޒިންމާއަކަށް ވިޔަސް، އެ ކޮމިޝަނުން ނިންމާ ނިންމުމަކާ މެދު ސިޔާސީ ނޫން ގޮތަކަށް ރައްޔިތުންނަށް ނުދެކޭނެ އެވެ.

"ޖޭއެސްސީގެ ކޮންމެ ނިންމުމެއް މިހާރު ސިޔާސީ ގޮތުން މިނެކިރާނީ. އެކަން ބަދަލެއް ނުވާނެ ކިތަންމެ ރަނގަޅަށް ޖޭއެސްސީން ކަމެއް ކުރިޔަސް." އުޝާމް ވިދާޅުވި އެވެ.

އަބަދުވެސް ސުލޫކުވެދާނެ ކަމުގެ ބިރު!

ދެން އަންނަ ޝަކުވާ އަބަދުވެސް ސުލޫކު ވެދާނެކަމުގެ ބިރުވެރިކަމެއްގައި ފަނޑިޔާރުން ތިބެން ޖެހުމެވެ. އަދި ސުލޫކީ މައްސަލަތައް ބެލުމުގައި ފަނޑިޔާރުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ކަމުގެ ތުހުމަތެވެ. ބޮޑެތި ތުހުމަތުތަކެއް ކުރެވުނު ބައެއް ފަނޑިޔާރުން ރިޓަޔާވާން ފުރުސަތު ދީފައި ދެން ތިބި ބޭފުޅުންނަށް އެ މަގު ބަންދު ކުރުމެވެ.

"އެކަން އެބަ އިނގޭ މަތީ ކޯޓުތަކަށް ކުރިމަތިލާ ބޭފުޅުންގެ އަދަދުން"

ގާނޫނުގައި ބުނާ 30 ދުވަސް ތެރޭގައި ހުކުމް ނުކުރާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކާއި މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލައެއް ދާދިފަހުން ބަލަން ފެށިއިރު، 30 ދުވަސް ތެރޭގައި ހުކުމް ނުކޮށް ތިބި ދެން ތިބި ފަނޑިޔާރުންގެ މައްސަލަތަކެއް ޖޭއެސްސީއަކުން ނުބަލަ އެވެ.

"ޖޭއެސްސީއަށް އިނގޭނެ 30 ދުވަސް ތެރޭގައި ހުކުމް ނުކުރެވި ހުރިއްޔާ. އެގޮތަށް ހުރިއްޔާ ޖޭއެސްސީން އިސް ނަގައިގެން ވެސް ބަލަން ޖެހޭނެ. އެގޮތަކަށް ނުބަލާ. ސެލެކްޓިވް ގޮތަކަށް މި ދަނީ." ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

ރައީސާއި މަޖިލީހުގެ ރައީސާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަދި ޖޭއެސްސީގެ ރައީސް --- ފޮޓޯ/މިހާރު

ރައީސާއި މަޖިލީހުގެ ރައީސާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަދި ޖޭއެސްސީގެ ރައީސް --- ފޮޓޯ/މިހާރު

އެކަމަކު ޖޭއެސްސީގެ މެމްބަރު ވިދާޅުވި ގޮތުގައި ފަނޑިޔާރުންނާ ގުޅޭގޮތުން އަންނަ ގިނަ މައްސަލަތަކުގައި އެކަށީގެންވާ ކަމެއް ފެންނަން ނެތުމުން އެ ކޮމިޝަނުން ނިންމަނީ ނުބަލާށެވެ. އަދި މައްސަލައެއް ބަލަން ނިންމުމަކީ ވެސް ފަނޑިޔާރު ކުށްވެރިވީ ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖޭއެސްސީއަށް މިއަހަރު ވެސް ހުށަހެޅިއްޖެ 500 އަށް ވުރެ ގިނަ މައްސަލަ. ބަލަން ނިންމީ ވިއްސަކަށް މައްސަލަ. އަދި މައްސަލަ ބަލާފައި ވެސް އެއީ ސުލޫކީ މައްސަލައަކަށް ވާވަރުގެ ކަމެއް ނެތިއްޔާ ނެތް ކަމަށް ނިންމާނެ. އެއީ އެކަން ހިނގާނެ ގޮތަކީ. އެ ހިސާބުން އެ ނިމުނީ." އޭނާ ވިދާޅުވި އެވެ.

އަނެއްކޮޅުން މައްސަލައަށް ނުވާ ފަދަ އާދައިގެ ކަންކަމުގައި ސުލޫކީ މައްސަލަ ބަލަން ފެށުމަށްފަހު އެކަން އިއުލާން ކުރުމުން ފަނޑިޔާރުންގެ އަގު ވެއްޓި، ނުސީދާ ގޮތުން އެތައް ފާޑުކިޔުމެއް އަމާޒުވާކަމުގެ ޝަކުވާ ވެސް ފަނޑިޔާރުންގެ އެހާ ބޮޑެވެ.

އޭނާ ވިދާޅުވި ގޮތުގައި ސުލޫކީ މައްސަލަ ބަލާކަން އިއުލާން ކުރުމުން ފަނޑިޔާރުންނަށް ފާޑުކިޔުން ވިޔަސް، އެކަން އެގޮތަށް ކުރަނީ ޖޭއެސްސީން ކުރާ މަސައްކަތްތައް އާންމުންނަށް އެނގެން ޖެހޭތީ އެވެ.

"ފަނޑިޔާރެއްގެ ވިސްނުމުން ބަލާއިރު އެގޮތަށް ދެކެފާނެ. އެކަމަކު ޕަބްލިކަށް އެބަ އިނގެން ޖެހޭތާ ތިމަންނަމެން ހުށަހަޅާ މައްސަލަތައް ޖޭއެސްސީން ބަލާކަން ނުވަތަ ނޫންކަން." އެ މެމްބަރު ވިދާޅުވި އެވެ.

ރަނގަޅު ފަނޑިޔާރުން ޝަރުއީ ދާއިރާއާ ދުރަށް!

ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި ގޮތުގައި ޖޭއެސްސީން ގިނަ ހެޔޮ ބަދަލުތަކެއް ޝަރުއީ ދާއިރާއަށް ގެނަ އެވެ. އެކަމަކު ޖޭއެސްސީން އަމަލުކުރާ ގޮތުގެ ސަބަބުން ގިނަ ބޭފުޅުން މި ދާއިރާއާ ދުރަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ދެއްކެވީ ފަނޑިޔާރު ކަމަށް ކުރިމަތިލާ ބޭފުޅުންގެ އަދަދު މަދުވުމެވެ.

"އެކަން އެބަ އިނގޭ މަތީ ކޯޓުތަކަށް ކުރިމަތިލާ ބޭފުޅުންގެ އަދަދުން ވެސް. ހައި ކޯޓަށް އެންމެ ފަހުން ކުރިމަތިލި ބޭފުޅުންގެ އަދަދު ހާދަ މަދޭ އިނގޭތޯ." އޭނާ ވިދާޅުވި އެވެ.

ހައި ކޯޓުގައި ވެސް ގާބިލް އެތައް ފަނޑިޔާރުންތަކެއް އަމިއްލައަށް އިސްތިއުފާ ދެއްވައި ނުވަތަ ރިޓަޔާވެ ވަޑައިގެންފި އެވެ.

އުޝާމް ވެސް ފާހަގަ ކުރެއްވީ އެކަމެވެ. ޖޭއެސްސީ އިސްލާހު ކުރުމުގެ ވައުދު އޮތްގޮތަށް ބާއްވާފައި ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ފެށިޔަސް، އޭގެ ނަތީޖާއެއް ނުފެންނާނެ އެވެ.

"މިހާރު ހަތަރު އަހަރު މިވީ. މި ހުރިހާ ކަމެއް ނިންމާފައި ދެން ޖޭއެސްސީ ބަދަލު ކުރަން އުޅުނަސް އެ ވާހަކަ ގަބޫލެއް ނުކުރާނެ އާންމުންނެއް." އުޝާމް ވިދާޅުވި އެވެ.

ފަނޑިޔާރުންނަށް ގުޅޭ މައްސަލައެއް ބެލުމަކީ ގޯހެއް ނެތެވެ. އެހެން ނަމަވެސް ސިޔާސީ ބޭފުޅުން ތިއްބަވާ ކޮމިޝަނުން ސިޔާސީ ބޭފުޅެއްގެ މައްސަލައާ ގުޅުވައިގެން ފަނޑިޔާރެއްގެ މައްސަލަ ވަކި ދުވަސްވަރެއްގައި ބަލަން ފެށުމުން އެ ދެވެނީ ނުބައި މެސެޖެކެވެ. ހައްތަހާ ވެސް އިތުރު ތުހުމަތުތަކަށް ދެވެނީ ޖާގަ އެވެ.