Roadha Mihaaru
މަހާޒްގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ނިންމައިފި

ފަރިއްކޮޅު މައްސަލާގައި ފަނޑިޔާރު މަހާޒްގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ނިންމައިފި

23 ޖުލައި 2023

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނިންމައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނިންމައިފި އެވެ.

ފަނޑިޔާރު މަހާޒް އާ ގުޅޭ ސުލޫކީ މައްސަލައެއް ބަލަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިިނިވަންކުރަން 2021 ވަނަ އަހަރު ސުޕްރީމް ކޯޓުން ހުކުމް ކުރި ދުވަހު ޔާމީނާ ގުޅުން އޮތް ފަރާތަކުން އެ ކޯޓަށް ފޮނުވި މެންދުރު ކެއުމަކާ، އެ މައްސަލަ ބެލި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މަހާޒް ހަވާލުވެ ވަޑައިގަތް ކަމަށް ބުނެ އެވެ. ނަމަވެސް، އެއީ އަމިއްލަ ޚަރަދުގައި ބޭއްވި ކެއުމެއް ކަމަށް ފަނޑިޔާރު މަހާޒް ކުރިން ވަނީ ވިދާޅުވެފަ އެވެ.

އެކަމުގައި ފަނޑިޔާރު މަހާޒްގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ނިންމީ ނިންމީ އެ ފަރިއްކޮޅަކީ މަހާޒް އަމިއްލަފުޅު ހަރަދުގައި އޯޑަރުކޮށްގެން ގެނައި އެއްޗެއްކަން ސާބިތުވާ ހެކި ލިބިފައިވާތީ އެވެ. އެހެންވެ މައްސަލަ އިތުރަށް ތަހުގީގު ނުކުރަން ނިންމީ އެވެ.

އެ ތުހުމަތުތަކާ ގުޅިގެން މަހާޒް މީގެ ކުރިން ވިދާޅުވެފައިވަނީ އެ މައްސަލަ އޮންނަ ކޮންމެ ދުވަހަކު އަޑުއެހުންތައް ދިގުލައިގެންދާތީ މެންދުރުގެ ކެއުމެއް ފަނޑިޔާރުން އަމިއްލަ ޚަރަދުގައި ބާއްވަމުންދިޔަ ކަމަށެވެ. އަދި ޔާމީންގެ މައްސަލަ ނިންމި ދުވަހަކީ ސުޕްރީމް ކޯޓުގެ ރިސެސްގެ ކުރިން އަންނަ ރަސްމީ ފަހު ދުވަސް ކަމަށްވާތީ އެދުވަހުގެ ކެއުން ދިނީ އޭނާގެ އަމިއްލަ ޚަރަދުގައި ކަމަށް އޭނާ ވިދާޅުވި އެވެ. "ފަހު މަސައްކަތު ދުވަސް ކަމަށްވާތީ ހުރިހާ ފަނޑިޔާރުންނަށް އަމިއްލަ ޚަރަދުގައި މެންދުރުގެ ކެއުމެއް ދިނިން. ކެއިއިރު ކާތަކެތި ގެނައީ ކޮންތަނަކުން ކަން ވެސް ހުރިހާ ފަނޑިޔާރުންނަށް އެނގޭނެ. ހުރިހާ ފަނޑިޔާރުން ވެސް ކެއި." މަހާޒްގެ ޓްވީޓްގައިވެ އެވެ. "ފައިސާ ދެއްކި ސްލިޕް ވެސް އެބައޮތް. ހިލޭ ނުވަތަ ނުއަގުގައި ގެނައި އެއްޗެއް ވެސް ނޫން. އަދި ވަކި ޚާއްސަ އެއްޗެއް ގެނައީކީ ވެސް ނޫން."

ގއ. ވޮޑަމުލާގެ މައްސަލާގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ކުރި ހުކުމް ސުޕްރީމް ކޯޓުން އޭރު ބާތިލްކުރީ ފަނޑިޔާރު މަހާޒް ރިޔާސަތު ބެލެހެއްޓެވި ތިން ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުންނެވެ.