Roadha Mihaaru
ފައިސަލް މަރުވިޔަސް ތަހުގީގު ކުރިއަށްދާނެ: މިނިސްޓްރީ

ފައިސަލް މަރުވިޔަސް ތަހުގީގު ކުރިއަށްދާނެ: ހޯމް މިނިސްޓްރީ

19 ޑިސެމްބަރ 2022

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ދަންޖެހެން އުޅެނިކޮށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަނިކޮށް މިއަދު މަރުވި، އަބޫބަކުރު ފައިސަލް ދަންޖެހުމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން އަދިވެސް ތަހުގީގު ކުރާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ދަންޖެހެން އުޅެނިކޮށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަނިކޮށް މިއަދު މަރުވި، އަބޫބަކުރު ފައިސަލް ދަންޖެހުމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން އަދިވެސް ތަހުގީގު ކުރާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ހދ. ނޮޅިވަރަންގައި އަނބިމީހާ މަރާލި ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މި މަހުގެ 11 ވަނަ ދުވަހު އެވެ. އޭނާގެ ބަންދަށް 15 ދުވަސް ޖަހައި، ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ބަންދުގައި ހުއްޓާ ދަންޖެހެން މަސައްކަތް ކޮށްފައި ވަނީ 12 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ދަން ޖެހުމުން އެކަމާ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

ދަންޖެހެން މަސައްކަތްކުރުމުން ވެންޓިލޭޓަރުގައި އޮންނަތާ ހަ ދުވަހަށް ފަހު ފައިސަލް މަރުވީ މިއަދު ހެނދުނު އެވެ.

ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަފްސީ އަބްދުﷲ "މިހާރު" އަށް ވިދާޅުވީ ފައިސަލް މަރުވުމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ކުރާ ތަހުގީގު ހުއްޓާ ނުލާނެ ކަމަށެވެ.

"އެ ގޮޅިއަކީ ރައްކާތެރި ގޮތަށް ހުރި ތަނެއްތޯ ބަލާނެ. ފައިސަލް ދަންޖެހެން މަސައްކަތް ކުރި ހާދިސާ ހިނގީ ކިިނެތްތޯ ބެލުމަށްކުރާ ތަހުގީގު ވެސް ކުރާނެ. ހުއްޓައެއް ނުލާނެ،" އޭނާ ވިދާޅުވި އެވެ.

މި މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.

އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ހުށަހެޅު އެ މައްސަލާގައި ބުނެފަައި ވަނީ ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ތިބޭ މީހުން ބެލެހެއްޓުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށެވެ.

އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އެފަދަ ނުރައްކާތެރި ކަމެއް ހިނގި އިރު ފުލުހުންނަށް ނޭނގުމަކީ ވަރަށް ބޮޑު އިހުމާލެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.