Roadha Mihaaru
ކުނި އެޅި މައްސަލާގައި ސިޓީ ކައުންސިލް ޖޫރިމަނާކޮށްފި

އެދުރު ހިޔާގެ ފަހަތަށް ކުނި އެޅި މައްސަލާގައި ސިޓީ ކައުންސިލް 45،000ރ. އިން ޖޫރިމަނާކޮށްފި

10 ޖޫން 2023

މާލޭ އެދުރު ހިޔާ ފްލެޓްތަކުގެ ފަހަތުގައި އޮންނަ މާލޭ ސިޓީ ކައުންސިލުގެ ބިމަކަށް ކުނި ޖަމާކުރި މައްސަލާގައި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެ ކައުންސިލުން 45،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލޭ އެދުރު ހިޔާ ފްލެޓްތަކުގެ ފަހަތުގައި އޮންނަ މާލޭ ސިޓީ ކައުންސިލުގެ ބިމަކަށް ކުނި ޖަމާކުރި މައްސަލާގައި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެ ކައުންސިލުން 45،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

އެކަމާ ގުޅޭ ގޮތުން އީޕީއޭ އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނީ މާލޭ އެދުރު ހިޔާ އިރުމަތީ ފަރާތުން އޮންނަ ސިޓީ ކައުންސިލުގެ ބިމަށް ކައުންސިލުން ގިނަ އަދަދަކަށް ކުނި އަޅަމުންދާ ކަމުގެ ޝަކުވާ އެ އެޖެންސީ އަށް ލިބިގެން މައްސަލަ ބަލާފައިވާ ކަމަށެވެ.

އީޕީއޭ އިން ބުނި ގޮތުގައި، ކައުންސިލާ ދެމެދު ބަދަލުކުރި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި މާލޭގެ މަގުތަކަށް ގަވާއިދާ ހިލާފަށް ކުނި އަޅާފައި ހުންނަ ކަމުގެ ޝަކުވާ ކައުންސިލަށް ލިބުމުން، ކައުންސިލުގެ މުވައްޒަފުން ގޮސް، ކުނި ނަގައި ސާފުކުރެ އެވެ. އެގޮތަށް ނަގާ ކުނިތައް، ވެމްކޯގެ ސައިޓް ބަންދު ގަޑިތަކުގައި ގެންގޮސް އަޅަނީ އެދުރު ހިޔާ އިރުމަތީ ފަރާތުން އޮންނަ ބިމަށެވެ. އަދި ހެނދުނު ކުނިތައް އުކާލާ ކަމަށް ކައުންސިލުން ބުނި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އާންމުންގެ ގިނަ ބަޔަކު އެކި ފަހަރު މަތިން އެ މައްސަލަ އީޕީއޭ އަށް ރިޕޯޓްކުރުމުން، އެކި ތާރީހުތަކުގައި އެ އެޖެންސީގެ މުވައްޒަފުން އެ ސަރަހައްދަށް ގޮސް އެކަން ކަށަވަރުކޮށްފައިވާ ކަމަށް އީޕީއޭ އިން ބުންޏެވެ.

އެހެންވެ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ކުނި މެނޭޖުކުރުމުގެ ގަވާއިދަށް ރިއާޔަތްކޮށް 45،000ރ. އިން ކައުންސިލް ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭގެ ބަޔާނުގައިވެ އެވެ. އަދި އެ ފައިސާ ސަރުކާރުގެ ބަންދު ދުވަސްތައް ހިމެނޭ ގޮތަށް ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް އީޕީއޭ އިން ވަނީ ކައުންސިލަށް އަންގައިފަ އެވެ.

އީޕީއޭ އިން ވަނީ އެ ބިމަށް ކުނި އެޅުމާއި ޖަމާކުރުން ވަގުތުން ހުއްޓާލައި، ކައުންސިލުން ކުނި މެނޭޖުކުރުމުގެ އެއްވެސް ހިދުމަތެއް ފޯރުކޮށްދޭ ނަމަ، ކުނި މެނޭޖުކުރުމާ ބެހޭ ގަވާއިދުގެ ދަށުން ހޯދަން ޖެހޭ ހުއްދަތައް ނެގުމަށާއި އެކަން ކުރުމުގެ މިންގަނޑުތަކާ އެއްގޮތަށް ކުރުމަށް ވެސް އަންގައިފަ އެވެ.

އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި، އާންމުންނަށް އުނދަގޫވާ ގޮތަށް ކުނި ޖަމާކުރުމަކީ ކުނި އުކާލުމާ ބެހޭ ގަވާއިދުގެ ދަށުން މަނާކަމެކެވެ.