Roadha Mihaaru
މަނާ ތަނަކަށް ކުނި ޖަމާކުރާތީ އީޕީއޭއިން އިންޒާރު ދީފި

މާލޭ ސިޓީ ކައުންސިލުން މަނާ ތަނަކަށް ކުނި ޖަމާކުރާތީ އީޕީއޭއިން އިންޒާރު ދީފި

13 އެޕްރީލް 2023

މާލޭ ސިޓީ ކައުންސިލުން މަނާ ތަނަކަށް ކުނި ޖަމާކުރަމުން ދާތީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭ ސިޓީ ކައުންސިލުން މަނާ ތަނަކަށް ކުނި ޖަމާކުރަމުން ދާތީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ދީފި އެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް "މިހާރު" އަށް ވިދާޅުވީ ބޮޑުތަކުރުފާނު މަގުގައި ހުންނަ މާލޭ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގެ އޮންނަ ހުސް ބިމަށް ކުނި ޖަމާކުރާ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ.

އެ ބިމަށް ޖަމާކުރާ ކުނީގެ ސަބަބުން ނުބައި ވަސް ދުވާތީ އެތަނާ ޖެހިގެން ހުންނަ އެދުރު ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ޝަކުވާ ވަރަށް ގިނައިން އީޕީއޭ އަށް ލިބެމުންދާ ކަމަށް ނައީމް ވިދާޅުވި އެވެ.

މީގެ ދުވަސްތަކެއް ކުރިން މާލެ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގައި ހުންނަ ހުސް ބިމަށް ކުނި ޖަމާކޮށްފައި: އަދިވެސް އެތަނަށް ކުނި ޖަމާކުރޭ.-- ފޮޓޯ: ކިޔުންތެރިއެއް

މީގެ ދުވަސްތަކެއް ކުރިން މާލެ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގައި ހުންނަ ހުސް ބިމަށް ކުނި ޖަމާކޮށްފައި: އަދިވެސް އެތަނަށް ކުނި ޖަމާކުރޭ.-- ފޮޓޯ: ކިޔުންތެރިއެއް

"އެކަން ނުކުރަން މާލޭ ސިޓީ ކައުންސިލަށް ލިޔުމުން އަންގައި، ބައްދަލުކޮށްގެން ވެސް ވާނީ އަންގައިފައި. އެކަމަކު އަދިވެސް އެކަމުގެ ޝަކުވާ ދަނީ ލިބެމުން. އެކަން ތަކުރާރުވާ ނަމަ ފިޔަވަޅު އަޅާނަން،" އޭނާ ވިދާޅުވި އެވެ.

ނައީމް ވިދާޅުވި ގޮތުގައި، ސިޓީ ކައުންސިލުން އެތަނަށް ކުނި ޖަމާކުރަނީ ވެމްކޯއިން ކުނި އުކައިދޭ އަގު ބޮޑުވުން ކަމަށް ބުނެ އެވެ. އަދި ވެމްކޯގެ ސައިޓް ހުޅުވާފައި ހުންނަ ގަޑިތަކާއި ސިޓީ ކައުންސިލުން ކުނި ނަގާ ގަޑިތައް ދިމާނުވުމުގެ ސަބަބުން އެތަނަށް ވަގުތީ ގޮތުން ކުނި ޖަމާކުރަނީ އެވެ.

އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި، އާންމުންނަށް އުނދަގޫވާ ގޮތަށް ކުނި ޖަމާކުރުމަކީ ކުނި އުކާލުމާ ބެހޭ ގަވާއިދުގެ ދަށުން މަނާކަމެކެވެ.

މި މައްސަލައާ ގުޅޭ ގޮތުން ސިޓީ ކައުންސިލްގެ ބަހެއް އަދި ނުލިބެ އެވެ.

މީގެ ދުވަސްތަކެއް ކުރިން މާލެ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގައި ހުންނަ ހުސް ބިމަށް ކުނި ޖަމާކޮށްފައި: އަދިވެސް އެތަނަށް ކުނި ޖަމާކުރޭ.-- ފޮޓޯ: ކިޔުންތެރިއެއް

މީގެ ދުވަސްތަކެއް ކުރިން މާލެ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގައި ހުންނަ ހުސް ބިމަށް ކުނި ޖަމާކޮށްފައި: އަދިވެސް އެތަނަށް ކުނި ޖަމާކުރޭ.-- ފޮޓޯ: ކިޔުންތެރިއެއް

މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ކުނި ޖަމާކޮށްފައިވާ ހުންނަ މައްސަލަ ބޮޑުވެފައި ވާތީ އެކަން ނުކުރުމަށާއި އެގޮތަށް ކުނި ބަހައްޓަން އެއްވެސް ބަޔަކަށް ނޭންގޭނެ ކަމަށް ބުނެ އީޕީއޭއިން މި ހަފުތާގައި ނެރުނު ބަޔާނެއްގައި ވެސް އިންޒާރު ދިނެވެ. މާލޭގެ ކުނީގެ މައްސަލާގައި މިދިޔަ މަހުން ފެށިގެން މިހާތަނަށް، އިންޒާރު ދީ އީޕީއޭއިން ތިން ބަޔާނެއް ނެރެފައިވެ އެވެ.

އެ އިންޒާރު ދިނީ، ގޭބިސީތަކުގައި އުފެދޭ ކުނި މަގުމައްޗަށް ނެރެން ވެމްކޯއިން އެންގުމުންނެވެ. ނަމަވެސް، ވެމްކޯއިން ފަހުން ބުނީ އެ ކުންފުނިން އެންގީ ގޭގޭގެ އެންމެ ތިރީ ފުލޯގައި ކުނި ބެހެއްޓުމަށް ކަމަށެވެ. މަގުމައްޗަށް ކުނި ނެރެން ނާންގާ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލާއި ވެމްކޯއާ ދެމެދު އުފެދިފައިވާ ދެބަސްވުންތަކުގެ ސަބަބުން މާލޭގައި ކުނީގެ މައްސަލަ އިންތިހާއަށް ބޮޑުވެ، އާންމުންގެ ޝަކުވާ ވަނީ އިތުރުވެފަ އެވެ.