Roadha Mihaaru
މުޒާހަރާއިން ހައްޔަރުކުރި 17 މީހުން ދޫކޮށްލައިފި

އިދިކޮޅުގެ މުޒާހަރާއިން ހައްޔަރުކުރި 17 މީހުން ދޫކޮށްލައިފި

12 މާޗް 2023

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މާލޭގައި ބާއްވަމުން ދާ ސިލްސިލާ މުޒާހަރާގެ ތެރެއިން ރޭ ފުލުހުން ހައްޔަރުކުރި 17 މީހުން މިއަދު ދޫކޮށްލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މާލޭގައި ބާއްވަމުން ދާ ސިލްސިލާ މުޒާހަރާގެ ތެރެއިން ރޭ ފުލުހުން ހައްޔަރުކުރި 17 މީހުން މިއަދު ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ އިދިކޮޅުގެ މުޒާހަރާގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތުގައި ހައްޔަރުކުރި އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

ރޭ ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީޕީއެމްގެ ގޮފިތަކާއި ކައުންސިލްތަކުގައި އިސްކޮށް އުޅޭ ބައެއް މީހުން ވެސް ހިމެނެ އެވެ.

ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރަށް ޖަލަށް ލާފައިވާ އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި، އިދިކޮޅުން ކޮންމެ ރެއަކުހެން މާލޭގައި ދަނީ މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާތަކުގެ ތެރެއިން ކޮންމެ ރެއަކު ވެސް ގިނަ ބަޔަކު ހައްޔަރުކުރެ އެވެ.

ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފު ފޯމު އިސްލާހު ކުރަން ހައި ކޯޓުން އޮތީ މިދިޔަ ހަފުތާގައި އަންގައިފަ އެވެ. ހައި ކޯޓުން އެގޮތަށް އެންގީ، އެ މައްސަލަ ބަލައިގަތުން ލަސްވާތީ އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ވެސް ފާޅުކޮށްފައި ވަނިކޮށެވެ.

ޔާމީންގެ މައްޗަށް ކުރި ހުކުމާ އެކު، އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެ މަނިކުފާނަށް މި ވަގުތު ވަނީ ބަންދުވެފަ އެވެ. އެކަމަކު ޔާމީންގެ ވަކީލުން ވަނީ މި މަސް ތެރޭގައި ހައި ކޯޓުން އެމަނިކުފާނު މިނިވަންކުރާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވިދާޅުވެފަ އެވެ.