Roadha Mihaaru
ސައުދު ހައްޔަރުކުރުމުން ވިލިނގިލީގައި މުޒާހަރާކޮށްފި

ސައުދު ދޫކޮށްލަން ގޮވާލައި ވިލިނގިލީގައި މުޒާހަރާކޮށްފި

30 ޖުލައި 2017

ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ހައްޔަރުކުރުމުން އެކަމާ ދެކޮޅަށް ގއ. ވިލިނގިލީގައި މިއަދު މުޒާހަރާ ކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ހައްޔަރުކުރުމުން އެކަމާ ދެކޮޅަށް ގއ. ވިލިނގިލީގައި މިއަދު މުޒާހަރާ ކޮށްފި އެވެ.

މިިދިޔަ ހުކުރު ދުވަހު ސައުދު ހައްޔަރުކޮށްފައި ވަނީ، އޭނާ ހޯދަން ފުލުހުން އިއުލާންކުރި ސަބަބެއް ހޯދަން ފުލުސް އޮފީހަށް ވަޑައިގަތްތަނުންނެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.

މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ސަލާމަތީ ބާރުތަކުން ބަންދުކޮށްފައި ވަނިކޮށް އެތަނަން ވެންނެވި ކަމަށް ބުނެ ކޯޓު އަމުރެއްގެ ދަށުން ސައުދު ކުރިން ހައްޔަރުކުރި އެވެ. އެކަމަކު ކޯޓު އަމުރުގައި މައްސަލަތަކެއް ހުރުމުން އޭނާ ހަމަ އެރޭ އޭނާ ދޫކޮށްލި އެވެ.

ސައުދު ދޫކޮށްލުމަށް ގޮވާލައި ވިލިނގިލީގައި މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން

ސައުދު ދޫކޮށްލުމަށް ގޮވާލައި ވިލިނގިލީގައި މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން

މި މުޒާހަރާގައި އިސްކޮށް އުޅުނު ސައުދު ކެމްޕެއިން އޮފީހުގެ އޮފިޝަލް ޝާފިޒު މޫސާ ވިދާޅުވީ ރަށުގެ 100 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެ މުޒާހަރާގައި ރައީސް އަބްދުﷲ ޔާމީނާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިސްތިއުފާ ދެއްވުމަށް ގޮވާލާފައިވާ ކަމަށެވެ. އަދި އެ މީހުން ވަނީ ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންތައްތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައި ކަމަށް ވެސް ޝާފިޒު ވިދާޅުވި އެވެ. އަދި ހައްޔަރުކޮށްފައިވާ މަޖިލީހުގެ އެހެން މެމްބަރުން ދޫކޮށްލުމަށް ވެސް އަޑުއުފުލާފައި ވެ އެވެ.

"ސިޔާސީ ބޭފުޅުން ހައްޔަރުކޮށް މިހާރު ހިނގަމުންދާ ކަންތައްތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވޭ،" ޝާފިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންނަ ހުކުރު ދުވަހު ވެސް ބޮޑު މުޒާހަރާއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެ ހަރަކާތުގައި އެ ރަށުގެ މަސްވެރިންނާއި ވިލިނގިލީ ދާއިރާގައި ހިމެނޭ ކޮލަމާފުށީގެ މީހުން ވެސް ބައިވެރިވާނެ ކަމަށް ވިދާޅުވި އެވެ.

ސައުދު ދޫކޮށްލުމަށް ގޮވާލައި ވިލިނގިލީގައި މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން

ސައުދު ދޫކޮށްލުމަށް ގޮވާލައި ވިލިނގިލީގައި މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން

ދާއިރާގެ ރައްޔިތުންނާއި ރަށުގެ ރައްޔިތުންގެ ތާއީދު އޮތީ ސައުދަށް ކަމަށާއި އެކަން މުޒާހަރާގެ ތެރެއިން ހާމަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދު ކުރިން ހައްޔަރުކުރީ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ނުހިމެނޭ ބަޔަކު މަޖިލީހަށް ވަން ކަމަށް ބުނާ މައްސަލައިގަ އެވެ. އިންތިހާބުވި އިރު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފަހު ޕީޕީއެމުން ވަކިކުރުން ގޮނޑި ގެއްލުނު ކަމަށް ބުނާ މެންބަރުންގެ ތެރޭގައި ސައުދު ހިމެނިވަޑައިގަންނަވަ އެވެ.