Roadha Mihaaru
އިދިކޮޅުގެ "ހޯޕް" ފެށުމާއި ނިމުމުގައި ވެސް ޔާމީން

އިދިކޮޅުގެ "ހޯޕް" ފެށުމާއި ނިމުމުގައި ވެސް ޔާމީން

02 ފެބުރުއަރީ 2023

އިދިކޮޅު ޕީޕީއެމް/ޕީއެންސީން "ރިޔާސީ އިންތިހާބަށް ރުކުރުވާލަން" މިއަދު ފަށާ ބޮޑު ކޮންފަރެންސުގެ ނަމުން ވެސް އެނގޭ ގޮތަށް އެ ޕާޓީގެ ހުރިހާ ވެސް "ހޯޕް" އެއް އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކުގަ އެވެ. ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލާފައި ވިޔަސް އުންމީދަކީ އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ޔާމީން ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވުމެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އިދިކޮޅު ޕީޕީއެމް/ޕީއެންސީން "ރިޔާސީ އިންތިހާބަށް ރުކުރުވާލަން" މިއަދު ފަށާ ބޮޑު ކޮންފަރެންސުގެ ނަމުން ވެސް އެނގޭ ގޮތަށް އެ ޕާޓީގެ ހުރިހާ ވެސް "ހޯޕް" އެއް އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކުގަ އެވެ. ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލާފައި ވިޔަސް އުންމީދަކީ އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ޔާމީން ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވުމެވެ.

ރާއްޖޭގެ ކަންކޮޅުތަކުން ދެ ޕާޓީގެ ހިންގުންތެރިން މާލެއަށް ޖަމާވެ "ހޯޕް ކޮންފަރެންސް 2023" ފަށަން ވެސް ނިންމާފައި ވަނީ "އުންމީދު އާކުރަންވީ ކީއްވެ" ކަން ބުނެދެމުންނެވެ. ހޮނިހިރު ދުވަހު ކޮންފަރެންސް ނިންމާނީ ރިޔާސީ އިންތިހާބަށް ވާންޖެހޭ ތައްޔާރީތަކާއި ރޭވުންތައް ތަރުތީބުކުރަމުންނެވެ. އަދި ޔާމީން މިނިވަންކުރުމަށާއި ބަދަހިކަންމަތީ ތިބުމަށް އަހުދުވަމުންނެވެ.

މި ކޮންފަރެންސްގައި، ޔާމީނަށް ކުރި ހުކުމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް "ގާނޫނުގެ މީޒާނުގައި، ރައީސް ޔާމީނަށް ނިސްބަތްކުރާ ދައުވާ" ގެ ނަމުގައި ބައްދަލުވުމެއް ބޭއްވުމަށް ވެސް ހަމަޖެހިފައި ވާއިރު އަންގާރަ ދުވަހު ޔާމީންގެ ވަކީލުން ވަނީ އުންމީދާ އެކު މި މައުޟޫގައި ވާހަކަ ދައްކަވައިފަ އެވެ. އަންނަ މަހު ޔާމީން މިނިވަން ވާނެ ކަމުގެ އުންމީދު ދެއްވި އެވެ.

ގަބޫލުކުރައްވާ، އަޅުގަނޑުމެން މި އުންމީދުކުރަނީ މި އިސްތިއުނާފް މަރުހަލާ ދޭއް ނުވަތަ ތިން އަޑުއެހުމަކަށް ވުރެ ދިގެއް ނުވޭ ދިވެހިރާއްޖޭގައި އިސްތިއުނާފް މަރުހަލާގައި. އެޕެލޭޓް ކޯޓެއްގައި ... އަޅުގަނޑުމެން އުންމީދުކުރަން، ހަމަ ވަރަށް ތެދަށް ދަންނަވާ ކަމަށްވާ ނަމަ މާޗު ހިސާބުގައި ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމަށް: ޑރ. ޖަމީލް

ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނީ، އެންމެ ލަސްވެގެން އޯގަސްޓް 3 ގެ ކުރިން ހުކުމް ބާތިލްވެ، މިނިވަން ވެގެންނެވެ. އެއީ މިހާރު ތަންފީޒުކުރަމުންދާ، ރިޔާސީ ކެންޑިޑޭޓެއްގެ ޝަރުތު އުނިވާ ހުކުމް، އިންތިހާބަށް ކުރިމަތިލުމުގެ ފަހު ތާރީހުގެ ކުރިން ބާތިލްވާން ޖެހޭނެތީ އެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމާފައިިވަނީ އިންތިހާބަށް ކުރިމަތިލާން ޖުލައި 23 އިން އޯގަސްޓު 3 އަށް ފުރުސަތު ދޭށެވެ.

ވަކީލުން ދެއްވާ "ހޯޕް"

މީގެ ދޮޅު މަހެއްހާ ދުވަސް ކުރިން ޔާމީނަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އަދި އިސްތިއުނާފެއް ނުކުރެ އެވެ. އިސްތިއުނާފަށް ހުށަހެޅުމަށް ލިބޭ 60 ދުވަހުގެ ބޮޑު ބައެއް މިހާރު ހޭދަވެފައި ވިޔަސް ވަކީލުން ވަރަށް ބޮޑު ޔަގީންކަމެއް ދެއްވީ ހައި ކޯޓުން ޔާމީން މިނިވަންކުރާނެ ކަމަށެވެ. ދަށު ކޯޓުގެ ހުކުމުގައި އެތައް މައްސަލައެއް ހުރި ކަމަށް ވަކީލުން ވިދާޅުވެ ވާހަކަ ދެއްކެވީ ފަސޭހަކަމާ އެކު އިސްތިއުނާފް ކާމިޔާބުކުރެއްވޭނެ ކަމުގެ ރޫހުގައި ތިއްބައިވައިގެންނެވެ.

"އިސްތިއުނާފީ ކޯޓަކަށް ކުރަންޖެހޭ މަސައްކަތް މި ކުރަނީ ހަމަ ޑެސްކުގައި ތިބެގެން. އަޅުގަނޑުމެންގެ އިސްތިއުނާފު ފޯމު އަސްލު ދެން އެއީ އިސްތިއުނާފަކީ. ދެން ގޮސް އެ ޕްރެޒެންޓޭޝަން އެ ހަދަނީ. ފަނޑިޔާރުން ވިދާޅުވެސް ވާނީ ވީހާވެސް ކުރުކޮށް [ހުށަހަޅަން]. އަޅުގަނޑުމެން އަތުގައި ފޯމު އެބަ އޮތޭ. އެހެންވެ ހުލާސާއެއް ދެއްވިއްޔާ ރަނގަޅޭ،" އިސްތިއުނާފް މަރުހަލާ އާއި ޓްރަޔަލް ކޯޓުގެ މަރުހަލާގެ ތަފާތު ކިޔައިދެއްވަމުން އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގިނަ ވަގުތު ހޭދަވާނީ ދަށު ކޯޓު މަރުހަލާގައި ކަމަށާއި އިސްތިއުނާފް މަރުހަލާ އަވަސްވާނެ ކަމަށެވެ.

"... ގަބޫލުކުރައްވާ، އަޅުގަނޑުމެން މި އުންމީދުކުރަނީ މި އިސްތިއުނާފް މަރުހަލާ ދޭއް ނުވަތަ ތިން އަޑުއެހުމަކަށް ވުރެ ދިގެއް ނުވޭ ދިވެހިރާއްޖޭގައި އިސްތިއުނާފް މަރުހަލާގައި. އެޕެލޭޓް ކޯޓެއްގައި ... އަޅުގަނޑުމެން އުންމީދުކުރަން، ހަމަ ވަރަށް ތެދަށް ދަންނަވާ ކަމަށްވާ ނަމަ މާޗު ހިސާބުގައި ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމަށް،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލް އެހެން ވިދާޅުވިޔަސް، ޔާމީންގެ ވޮޑަމުލާ މައްސަލަ ހައި ކޯޓުން ނިންމީ ހުށަހެޅިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.

އިސްތިއުނާފް ކާމިޔާބު ކުރެވޭނެތޯ އަމާޒުކުރި ސުވާލުތަކަށް ޖަމީލް ޖަވާބުދެއްވީ، ހުކުމް އޮތް ގޮތުން "އަންތަރީސް" ވާންޖެހޭ ކަމަށް ސިފަކުރައްވަމުންނެވެ. އެއީ ވަރަށް ފަސޭހަކަމާ އެކު އިސްތިއުނާފުގައި ބާތިލްކޮށްލެވޭނެ ހުކުމެއް ކަމަށް ސިފަކުރެއްވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ޓީމުގައި އިސް މަސައްކަތް ކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ޕީޕީއެމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ޓީމުގައި އިސް މަސައްކަތް ކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ޕީޕީއެމް

"މައްސަލަ ދިރާސާކުރީމާ ހިތަށް އަރާ އަނެއްކާ އަޅުގަނޑުމެންނަށް ކިޔަވަން ދެވުނީ ނުބައި ތަންތަނަށް ބާވައޭ. ކިޔަވައިދިނީ ގޯސް އެއްޗެއް ބާވައޭ ... އަޅުގަނޑުމެން އަޑުއެހި ނިޒާމުގައި މި އޮންނަނީ، ބާޑްން އޮފް ޕްރޫފް މި އޮންނަނީ ކްރިމިނަލް މައްސަލައިގައި ޕްރޮސިކިއުޝަންގެ މައްޗަށޭ. މި މައްސަލަ ދިރާސާކުރެއްވި ފަނޑިޔާރު މި އޮތީ އިހުތިމާލު ކޮށްފައި މި ބާޑްން އޮފް ޕްރޫފް މި އޮތީ އެކިއުޒްޑް އަށޭ. ދައުވާ ލިބުނު ފަރާތަށޭ،" ޔާމީންގެ ވެރިކަމުގައި ފުރަތަމަ ނައިބު ރައީސްކަން ވެސް ކުރެއްވި ޖަމީލް ވިދާޅުވި އެވެ.

"ކަލޭމެންގެ މި ހެކި ކަމަކު ނުދެއޭ، އެ ހެކި ކަމަކު ނުދެއޭ، އޭނަ ބުނި އެތި ގޯސް، މީނަ ބުނި އެތި ގޯސް، އެ ލިޔުން ގޯސް، މި ލިޔުން ގޯސް، ... ދެއާ ފޯ ކަލޭމެންގެ މައްޗަށް ކުށް ސާބިތުވޭ. މީދެން އަނެއް މުޅިން އަންތަރީސްވާ ވަރުގެ ވާހަކައެއް."

ދެ ވަނަ ކަމެއްގެ ގޮތުގައި ޖަމީލް ވިދާޅުވީ ޖިނާއީ މައްސަލަތަކުގައި ކޮންމެ މީހަކީ ވެސް އެ މީހެއްގެ މައްޗަށް ކުށެއް ސާބިތު ނުވާހާ ހިނދަކު މައުސޫމް މީހެއްގެ ގޮތުގައި ބަލަން އޮންނަ އޮތުން މި މައްސަލާގައި އަނެއް ކޮޅަށް ބަލާފައި އޮތް ކަމަށް ވިދާޅުވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި މި މައްސަލާގައި ބަލާފައި ވަނީ ކުށެއް ނެތްކަން ސާބިތު ނުވާހާ ހިނދަކު ކުށްވެރިއެއްގެ ގޮތުގައި ބަލައިގެންނެވެ. މިއީ ޖަމީލް ވިދާޅުވި ގޮތުން ނަމަ "ޖިނާއީ މައްސަލާގައި ގާނޫނީ އުސޫލެއްގެ ބޭރުން ދަތުރުކުރި މީހަކަށް ވެސް އެނގޭނެ" ކަންކަމެވެ.

"ސުވާލުގެ ޖަވާބަކީ، އަޅުގަނޑުމެންނަށް ވަރަށް ޔަގީން މިއީ ހުރިހާ ގޮތަކުން، ގާނޫނީ ހުރިހާ ގާއިދާއެއްގެ ތެރެއިން ގޯސްކޮށް ނިންމާފައި އޮތް އެއްޗެއް،" ވަރަށް ބޮޑު ޔަގީންކަމަކާ އެކު ޖަމީލް ވިދާޅުވި އެވެ.

އެއާ އެކު ޖަމީލް ވިދާޅުވީ އެންމެ ފުރަތަމަ ޔާމީންގެ މައްޗަށް ކޮށް،، ފަހުން ސުޕްރީމް ކޯޓުން ބާތިލްކުރި މަނީ ލޯންޑަރިން ކުށުގެ ދައުވާގެ ހުކުމުގައި އޮތް ގޮތަށް، މި މައްސަލާގައި ވެސް ފަނޑިޔާރުގެ ވަރަށް ބައިވަރު އުފެއްދުންތައް އެބަހުރި ކަމަށެވެ.

"ވަރަށް ބައިވަރު ނެތް އެއްޗެހި އެބަހުރި. ވަރަށް ޔަގީން ކާމިޔާބުވާނެކަން،" ހުކުމް އިސްތިއުނާފް ކުރާނެ ދުވަހެއް އަދި ބުނަން ނޭނގުނަސް ކާމިޔާބުވާނެ ކަމަށް އިތުރު ޔަގީންކަމެއް ދެއްވައި ވިދާޅުވި އެވެ.

"ޔާމީން ވާދަކުރާނެ"

ޕީޕީއެމް އާއި ޕީއެންސީގެ އިސް ބައެއް ބޭފުޅުން ކުރިން ވެސް ވިދާޅުވެފައިވާ ފަދައިން އަދިވެސް ވިދާޅުވަނީ ރިޔާސީ އިންތިހާބުގައި ޔާމީން ވާދަކުރައްވާނެ ކަމަށެވެ. އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވުމުގެ ކުރިން ޔާމީން ޖަލުން ނެރެވިދާނެތޯ ކުރާ ސުވާލަށް ދެނީ ހަމަ އެ އެއް ޖަވާބެކެވެ.

"ޔާމީން ވާދަކުރައްވާނެ. އެއީ ސުވާލެއް ވެސް އޮތް ކަމެއް ނޫން. ޔާމީނަށް ފުރުސަތު ނުލިބިދާނެ ކަމަށް ބަލައިގެން މި 'ހޯޕް' ކޮންފަރެންސްގައި ވެސް ވާހަކައެއް ނުދައްކާނެ،" ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޮތް ހަމައެކަނި އުންމީދަކީ ކޯޓު މަރުހަލާއިން ޔާމީން މިނިވަންވުމެއް ވެސް ނޫނެވެ. ޔާމީން ޖަލުގައި ބަހައްޓައިގެން އިންތިހާބެއް ބާއްވަން އުޅުމަކީ ބައިނަލްއަގުވާމީ މުޖުތަމައުން ސަރުކާރަށް ފިއްތުން އިތުރުކުރާނެ ސަބަބެއް ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމްގެ މުޒާހަރާއެއްގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލަނީ. -- ފޮޓޯ: މިހާރު

ޕީޕީއެމްގެ މުޒާހަރާއެއްގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލަނީ. -- ފޮޓޯ: މިހާރު

އިދިކޮޅުގައި އެމްޑީޕީ އޮތް އިރު އޭރު އެ ޕާޓީން ރިޔާސީ ކެންޑިޑޭޓެއް ކަމަށް ކަނޑައެޅި ކުރީގެ ރައީސް މުހަންމަދު ނަޝީދު ޖަލުން ނެރެ އިންތިހާބުން ފުރުސަތު ހޯދަން ކުރި މަސައްކަތް ވެސް ކާމިޔާބެއް ނުވެ އެވެ. އެހެންވެ، ޔާމީނަށް ވެސް ބޭރުގެ އެކި ނުފޫޒުތަކާ އެކު ފުރުސަތު ހޯދެން އޮތީ ހަނި ފުރުސަތެއް ކަމަށް ފެނެ އެވެ.

"އެމްޑީޕީއަށް ނުވިޔަސް މިކަން ވާނެ. އެމްޑީޕީއަށް އެކަން ނުވުމަކީ ޕީޕީއެމަށް ނުވާންވީ ސަބަބެއް ވެސް ނޫން. ކަންކަން އަދި ބަދަލުވާނެ. އިންތިހާބުގައި ޔާމީން ވާދަކުރައްވާނެ،" އޭނާ ވިދާޅުވި އެވެ.

ޔާމީން ނޫން ބޭފުޅަކަށް ރިޔާސީ ޓިކެޓް ދީ، ވާދަކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ބޭފުޅަކު ހޮވައި ސީރިއަސްކަމާ އެކު ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފަށަން ޕީޕީއެމް/ޕީއެންސީ ތެރެއިން ބައެއް މީހުން ވާހަކަ ދެއްކި ނަމަވެސް ޕާޓީގެ އިސް ބޭފުޅުން ޔަގީންކަމާ އެކު ވިދާޅުވީ ޔާމީން ނޫން ނަމެއް ނެތް ކަމަށާއި ޔާމީން ނޫން ބޭފުޅަކަށް ފުރުސަތު ދިނުމުގެ ހުށަހެޅުމެއްގެ ހިޔާލެއް ހުރި މީހަކު ވެސް ނެތް ކަމަށެވެ.

މިއީ ވަރަށް ބޮޑު "ހޯޕް" އެކެވެ. އާންމު މެންބަރުންނަށް "ފޯލްސް ހޯޕް" އަކަށް ވެއްޖެ ނަމަ ލިބޭނެ ގެއްލުން ވަރަށް ބޮޑެވެ.