Roadha Mihaaru
އެމްޑީއޭއާ އެކު ކޯލިޝަނެއްގެ އުއްމީދު ބޮޑު: ޕީޕީއެމް

އެމްޑީއޭ އަކީ ބައިވެރިއެއް، ކޯލިޝަން ހެދޭނެކަމުގެ އުއްމީދު ބޮޑު: ޕީޕީއެމް

23 ފެބުރުއަރީ 2023

އެމްޑީއޭ އަކީ އަބަދުވެސް ޕީޕީއެމްގެ ބައިވެރިއެއް ކަމަށާއި އެ ޕާޓީއާ އެކު ކޯލިޝަން ހަދަން ކުރި މަޝްވަރާތަކަށް ފަހު އެކަން ކާމިޔާބުވާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެމްޑީއޭ އަކީ އަބަދުވެސް ޕީޕީއެމްގެ ބައިވެރިއެއް ކަމަށާއި އެ ޕާޓީއާ އެކު ކޯލިޝަން ހަދަން ކުރި މަޝްވަރާތަކަށް ފަހު އެކަން ކާމިޔާބުވާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވާދަ ނުކުރައްވަން ނިންމަވައި، އެ އިންތިޚާބުގައި ކޮންމެވެސް އެއް ޕާޓީއަކާ އެކު ކޯލިޝަން ހަދަން ވަނީ ނިންމައިފަ އެވެ. އެހެންވެ، އެމްޑީޕީ އާއި ޕީޕީއެމުން ވެސް މިއަދު ވަނީ އެމްޑީއޭއާ އެކު ކޯލިޝަން ހަދަން މަޝްވަރާކޮށްފަ އެވެ.

ޕީޕީއެމާއި އެމްޑީއޭއާ އެކު މިއަދު ހަވީރު ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި އިބްރާހިމް ޝުޖާއު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޑީއޭއަކީ ކޯލިޝަންގެ މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި އެމްޑީއޭއަކީ ޕީޕީއެމްއާ އެކު ވަރަށް ގުޅިލާމެހިފައިވާ ޕާޓީއެއް ކަމަށާއި އެހެންވެ، ކޯލިޝަން ހެދޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑަށް އެބައޮތް ކަމަށް ވިދާޅުވި އެވެ.

"ހަގީގަތުގައި އެމްޑީއޭ އަކީ ޕީޕީއެމްގެ ބައިވެރިއެއް. އަޅުގަނޑުމެން ހެދިފައި އޮތް ކޯލިޝަން އެއްބަސްވުމަކީ އޮނާ ކުރެވި، ޓެސްޓްވެ އަދި ފާސްވެފައި އޮތް އެއްބަސްވުމެއް. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެމްޑީއޭ އާއި ޕީޕީއެމް ކޯލިޝަނަކީ ވަކި ނުވެވޭހާ ގާތް ދެ ޕާޓީ." ޝުޖާއު ވިދާޅުވި އެވެ.

އެެމްޑީއޭ އާއި ޕީޕީއެމުން މިއަދު މަޝްވަރާ ކުރަނީ --- ފޮޓޯ/ޕީޕީއެމް

އެެމްޑީއޭ އާއި ޕީޕީއެމުން މިއަދު މަޝްވަރާ ކުރަނީ --- ފޮޓޯ/ޕީޕީއެމް

ޝުޖާއު ވިދާޅުވި ގޮތުގައި އެމްޑީޕީ ފިޔަވައި ހުރިހާ ޕާޓީއަކާ އެކު ކޯލިޝަން ހަދަން ޕީޕީއެމުން މަޝްވަރާ ކުރާނެ އެވެ.

އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަހުމަދު މައުރޫފް ވިދާޅުވީ އެމްޑީއޭއާ އެކު ކޯލިޝަން ގިނަ ޕާޓީތަކުން އެދެމުން އަންނަ ކަމަށާއި އަދި ކޮންމެ ޕާޓީއަކާ ވެސް މަޝްވަރާތައް ކުރާނެ ކަމަށެވެ. އަދި އެ ޕާޓީން ކޯލިޝަން ހަދާނެ ފަރާތެއް ކަނޑައަޅާނީ ރައްޔިތުންނާއި ގައުމުގެ މަސްލަހަތަށް އެންމެ ފައިދާ ހުރިގޮތް ބެލުމަށް ފަހު ޕާޓީގެ ކައުންސިލުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮމެޓީއެއް މިއޮތީ އެކުލަވާލާފައި ކޯލިޝަނާ އެކީގައި މަޝްވަރާ ކުރަން. އެހެންވީމަ ކައުންސިލަށް މި ވާހަކަތައް ފޮނުވަން އެބަޖެހޭ. ރައީސަށް ވެސް އަދި ކައުންސިލް މެމްބަރުންނަށް ވެސް. އެގޮތުގެ މަތިން ކައުންސިލް ބޭއްވޭނީ." މައުރޫފް ވިދާޅުވި އެވެ.

"އެހެންވީމާ ކައުންސިލަށް ގޮސްގެން ކައުންސިލުން ނިންމާ ނިންމުމެއްގެ މައްޗަށް ކޯލިޝަން ހެދިގެންދާނީ." އޭނާ ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ އެމްޑީޕީ އާއި ޕީޕީއެމްއާ އެކު ކުރި މަޝްވަރާތަކުގައި ވެސް އެމްޑީއޭގެ ހުށަހެޅުންތައް ހުށަހަޅާފައި ވިޔަސް، އެއްވެސް ޕާޓީއަކާ އެކު އެއްބަސްވުމަކަށް މިހާތަނަށް ނާންނަ ކަމަށެވެ. އަދި ކޯލިޝަން ހަދާނެ ޕާޓީއެއް ކަނޑައެޅޭނެ ދުވަހެއް ވެސް އަދި ދަންނަވަން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި މިހާތަނަށް ކޯލިޝަން ހަދަން ނިންމީ އެމްޑީޕީ އާއި އަދާލަތު ޕާޓީ އެވެ. އަދި ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަނަށް ދާން އެމްޑީޕީން ނުރަސްމީ މަޝްވަރާތަކެއް ކުރިޔަސް، އެކަމާ މެދު ގޮތެއް ނިންމާނީ މާދަމާ ބާއްވާ އެ ޕާޓީގެ ކޮންގްރެސްގަ އެވެ.