Roadha Mihaaru
ގާސިމްގެ ފިނި ރައްދު: ރައީސް ގޯހޭ ބުނެވިއްޖެތޯ؟

ގާސިމްގެ ފިނި ރައްދު: ރައީސް ގޯހޭ ބުނެވިއްޖެތޯ؟

27 ފެބުރުއަރީ 2023

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކޮންގްރެސް ފެށުމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ކުރީގެ ބައެއް ރައީސުންނަށް ވަރަށް ބޮޑަށް ތައުރީފު ކުރެއްވި ނަމަވެސް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެފަދަ ބަހެއް ވިދާޅުނުވުމުން ކުރިމަތިވި ފާޑުކިޔުންތަކަށް ރޭ ފިނި ރައްދެއް ދެއްވައިފި އެވެ.

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކޮންގްރެސް ފެށުމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ކުރީގެ ބައެއް ރައީސުންނަށް ވަރަށް ބޮޑަށް ތައުރީފު ކުރެއްވި ނަމަވެސް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެފަދަ ބަހެއް ވިދާޅުނުވުމުން ކުރިމަތިވި ފާޑުކިޔުންތަކަށް ރޭ ފިނި ރައްދެއް ދެއްވައިފި އެވެ.

ކޮންގްރެސް ފެށުމަށް ބޭއްވި ޖަލްސާގަ އާއި ނިންމުމަށް ރޭ ބޭއްވި ޖަލްސާގައި ވެސް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވިއިރު އެ މަނިކުފާނަށް އެ ދެ ޖަލްސާގައި ވެސް ގާސިމް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ވެރިކަމުގެ ތިން އަހަރުގެ ރަނގަޅު ބައެއް ކަންކަން ފާހަގަކުރެއްވި އެވެ. އަދި ކޮންގްރެސް ފެށުމުގެ ޖަލްސާގައި ނަޝީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތައުރީފު ކުރެއްވި އެވެ.

އެކަމަކު، ގާސިމް މިހާރު ކޯލިޝަން ހައްދަވައިގެން އުޅުއްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނގަޅު އެއްވެސް ވާހަކައެއް ދެ ޖަލްސާގައި ވެސް ވިދާޅެއް ނުވެ އެވެ.

ކޮންގްރެސް ނިންމުމަށް ރޭ އޮތް ޖަލްސާގައި ގާސިމް ވިދާޅުވީ، ނަޝީދާއި ޔާމީނާއި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ "ރަނގަޅު" ވާހަކަ އޭނާ ދެއްކެވިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނަންފުޅު ނުގެންނާތީ ބައެއް މީހުން ވާހަކަ ދައްކާ ކަމަށެވެ.

އޭގެ ރައްދުގައި ގާސިމް ކުރެއްވީ ސުވާލެކެވެ.

"އަޅުގަނޑަށް ބުނެވިއްޖެތޯ އެ ބޭފުޅާ [ރައީސް އިބްރާހިމް މުހައްމަދު ސޯލިހު] ގޯހޭ. ކަމެއް ކުރެއްވި ވާހަކަ. އެންމެ ފަހަރަކު ވެސް އަޅުގަނޑު ދަންނަވައިފިތޯ؟ ކީއްތޯ މި ވަނީ،" ގާސިމް ވިދާޅުވި އެވެ.

"ހައިރާންވޭ، މަގޭ އަނބިމީހާ ވެސް އެއީ ޓްރާންސްޕޯޓް މިނިސްޓަރޭ."

ޖޭޕީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ނަޝީދާއި ގާސިމް އަތްގުޅުވާލައިގެން.---ފޮޓޯ: ނިޝާން އަލީ| މިހާރު

ޖޭޕީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ނަޝީދާއި ގާސިމް އަތްގުޅުވާލައިގެން.---ފޮޓޯ: ނިޝާން އަލީ| މިހާރު

ރޭގެ ޖަލްސާގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ "ރަނގަޅު" ވާހަކަތަކުގެ ބަދަލުގައި ސަރުކާރުގެ ބައެއް ކަންކަމަށް ގާސިމް ފާޑުވިދާޅުވި އެވެ. އެކަމަކު، ވާހަކައިގެ އެކި ހިސާބުތަކުގައި ނަޝީދުގެ ސަރުކާރުގެ ރަނގަޅު ވާހަކަތަކާއި ނަޝީދަށް ތައުރީފު ކުރެއްވުމުގެ ވާހަކަތައް ގެންނެވި އެވެ.

މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް މިހާރުގެ ސަރުކާރާއެކު ގާސިމް ކުރިއަށް ވަޑައިގަންނަވާނެތޯ ކޮންގްރެސްގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ދަނީ ސުވާލު އުފައްދަމުންނެވެ. ހާއްސަކޮށް ރިޔާސީ އިންތިހާބަށް ޖޭޕީ އެކަނި ނުކުންނަން ނުވަތަ އެ ޕާޓީ އިސްވެ ހަދާ ކޯލިޝަނާއެކު އިންތިހާބަށް ނުކުންނަން ކޮންގްރެސްގައި ފާސްކުރި ގަރާރުގެ ސަބަބުން އެ ސުވާލު އުފެއްދުން ވަނީ އިތުރުވެފަ އެވެ.

އެ ގަރާރަށް އެންމެ ފަހުގެ ގޮތް ނިންމަން ޖެހެނީ ޖޭޕީގެ ކައުންސިލަށް ކަމަށް ވިޔަސް ގާސިމް ވިދާޅުވެފައިވާ ގޮތުގައި އެއީ އެ ކައުންސިލުން އަމަލުކުރުން ލާޒިމް ގަރާރެއް ނޫނެވެ. އެކަމަކު، އަލަށް އިންތިހާބުކުރި ކައުންސިލްގެ އަޣުލަބިއްޔަތު އޮތް ކަމަށް އަދި ދައްކަނީ ސަރުކާރާ ދެކޮޅަށް ކަމަށް ވާއިރު ޖޭޕީގެ ނިންމުން އަދި އަންނާނެ ގޮތެއް އެއީ ސުވާލެކެވެ.