Roadha Mihaaru
ފްރާންސަށް ހަނި މޮޅެއް، ފަހު ވަގުތު ސަލާމަތްކޮށްދިނީ ކީޕަރު

ފްރާންސަށް ހަނި މޮޅެއް، ފަހު ވަގުތު ސަލާމަތްކޮށްދިނީ ކީޕަރު

28 މާޗް 2023

ޔޫރޯ ކޮލިފައިން ގްރޫޕް ބީ ގައި ފްރާންސް ކުޅުނު ދެ ވަނަ މެޗުން ރޭ ރިޕަބްލިކް އޮފް އަޔަލެންޑް އަތުން 1-0 އިން މޮޅުވެ އެއް ވަނަ އަށް އެރިއިރު، ޖިބްރޯލްޓާ އަތުން 3-0 އިން މޮޅުވެ ނެދަލެންޑްސް ފުރަތަމަ ތިން ޕޮއިންޓް ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޔޫރޯ ކޮލިފައިން ގްރޫޕް ބީ ގައި ފްރާންސް ކުޅުނު ދެ ވަނަ މެޗުން ރޭ ރިޕަބްލިކް އޮފް އަޔަލެންޑް އަތުން 1-0 އިން މޮޅުވެ އެއް ވަނަ އަށް އެރިއިރު، ޖިބްރޯލްޓާ އަތުން 3-0 އިން މޮޅުވެ ނެދަލެންޑްސް ފުރަތަމަ ތިން ޕޮއިންޓް ހޯދައިފި އެވެ.

ފްރާންސް އެއް ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ. އެ ޓީމު ވަނީ ފުރަތަމަ މެޗުން މިދިޔަ ހަފުތާގައި ނެދަލެންޑްސް އަތުން 4-0 އިން މޮޅުވެފަ އެވެ. މިދިޔަ ހަފުތާގައި ޖިބްރޯލްޓާ އަތުން 3-0 އިން މޮޅުވި ގްރީސް އާއި ނެދަލެންޑްސް އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ލަނޑުގެ ތަފާތުން ދެ ވަނަ ލިބެނީ ގްރީސް އަށެވެ. ރިޕަބްލިކް އޮފް އަޔަލެންޑާއި ޖިބްރޯލްޓާ އަށް ޕޮއިންޓެއް ނުލިބެ އެވެ.

ޑަބްލިންގެ އަވީވާ ސްޓޭޑިއަމުގައި ރޭ ރިޕަބްލިކް އޮފް އަޔަލެންޑާ ދެކޮޅަށް ފްރާންސް ކުޅުނު މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު 50 ވަނަ މިނެޓުގައި ޖަހައިދިނީ ޑިފެންޑަރު ބެންޖަމިން ޕަވާޑް އެވެ.

އެކަމަކު މި މެޗުގައި ފްރާންސްގެ ތަރިއަކަށްވީ، ހޫގޯ ލޮރިސް ރިޓަޔާކުރުމުން އެއް ވަނަ ގޯލްކީޕަރުކަން ލިބުނު މައިކް މައިނަން އެވެ. އޭނާ ވަނީ މެޗުގެ ފަހުކޮޅު މުހިއްމު ދެ ސޭވެއް ކޮށްފަ އެވެ. އެގޮތުން ނިމެން 30 ސިކުންތަށް ވެފައިވަނިކޮށް، ފްރާންސްގެ ޖޫލްސް ކޫންޑޭ ޑިފެންސްކުރަން ބޮލުން ޖައްސާލި ބޯޅަ ބައިކޮޅަށް ވަންނަން ދަނިކޮށް މައިނަން އެ ބޯޅަ ހުރަސްދަނޑި މަތިން ބޭރުކުރި އެވެ. އެ ބޯޅައިން ރިޕަބްލިކް އޮފް އަޔަލެންޑަށް ލިބުނު ކޯނަރުގައި، ނަތަން ކޮލިންސް ބޮލުން ފޮނުވާލި ބޯޅަ، މައިނަން ވަނީ ހުށިޔާރުކަމާ އެކު ސަލާމަތްކޮށްފަ އެވެ.

"މައިނަންގެ ސޭވްތަކުގެ ސަބަބުން އަހަރެމެންނަށް މެޗުގައި ދެމި އޮވެވުނީ އަދި ކްލީން ޝީޓެއް ލިބުނީ. އަހަރެން ބުނާނީ މޭން އޮފް ދަ މެޗަކީ އޭނާއޭ،" ޕަވާޑް ބުންޏެވެ.

އަނިޔާގެ ސަބަބުން ވޯލްޑް ކަޕުން ފުރުސަތު ގެއްލުނު އޭސީ މިލާނުގެ ކީޕަރު ވަނީ، ނެދަލެންޑްސް މެޗުގައި ޕެނަލްޓީއެއް ވެސް ސޭވްކޮށްފަ އެވެ.

ރޮޓެޑަމްގައި ޖިބްރޯލްޓާ އަތުން ނެދަލެންޑްސް މޮޅުވި މެޗުގައި އެ ޓީމަށް ކުރި ހޯދައިދިނީ އެތުލެޓިކޯ މެޑްރިޑުގެ ފޯވާޑް މެމްފިސް ޑިޕާއީ އެވެ. އަނެއް ދެ ގޯލް ޖަހައިދިނީ މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ނެތަން އާކޭ އެވެ.