Roadha Mihaaru
ކްރޮސްރޯޑްސްގައި ކޮންމެ ހުކުރުދުވަހަކު ސްޓްރީޓް މާކެޓެއް

އަމިއްލަ ވިޔަފާރިތަކަށް ކޮންމެ ހުކުރު ދުވަހަކު ކްރޮސްރޯޑްސްގައި ސްޓްރީޓް މާކެޓެއް

04 އެޕްރީލް 2023

އަމިއްލަ ވިޔަފާރިތައް ޕްރޮމޯޓް ކުރުމަށް ކޮންމެ ހުކުރު ދުވަހެއްގައި "ސްޓްރީޓް މާކެޓް" އެއް ބާއްވަން ކްރޮސްރޯޑްސް އިން ނިންމައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އަމިއްލަ ވިޔަފާރިތައް ޕްރޮމޯޓް ކުރުމަށް ކޮންމެ ހުކުރު ދުވަހެއްގައި "ސްޓްރީޓް މާކެޓް" އެއް ބާއްވަން ކްރޮސްރޯޑްސް އިން ނިންމައިފި އެވެ.

މި އަހަރުގެ ފިތުރު އީދަށް ފަހު ސްޓްރީޓް މާކެޓް ފަށަން ތާވަލު ކޮށްފައިވާއިރު، ފުރަތަމަ ހާއްސަ ކުރަނީ އެ އީދުގެ މުނާސަބަތަށެވެ.

ފިތުރު އީދަށް ފަހު، ކޮންމެ ހުކުރު ދުވަހަކު ސްޓްރީޓް މާކެޓް ބާއްވާނެ އެވެ. އެ މާކެޓުގައި ހިލޭ ސްޓޯލްތައް ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.

ކްރޮސްރޯޑްސް އިން ބުނި ގޮތުގައި ހިލޭ ސްޓޯލްތައް ދޫކުރުމަށް ނިންމީ އަލަށް ފަށައިގަންނަ ވިޔަފާރިވެރިންނާއި ކުދި ވިޔަފާރިތައް ހިންގަމުންދާ ފަރާތްތަކަށް އިތުރު ހަރަދެއް ނުކޮށް، ވިޔަފާރި ޕްރޮމޯޓް ކުރުމުގެ ފުރުސަތު ދިނުމަށެވެ.

ކްރޮސްރޯޑްސްގައި މީގެ ކުރިން ބޭއްވި ސްޓްރީޓް މާކެޓަށް ބޮޑު ތަރުހީބެއް ލިބިފައިވޭ. -- ފޮޓޯ: ކްރޮސްރޯޑްސް

ކްރޮސްރޯޑްސްގައި މީގެ ކުރިން ބޭއްވި ސްޓްރީޓް މާކެޓަށް ބޮޑު ތަރުހީބެއް ލިބިފައިވޭ. -- ފޮޓޯ: ކްރޮސްރޯޑްސް

ކްރޮސްރޯޑްސްގެ ސްޓްރީޓް މާކެޓް ބާއްވަނީ "ތައި ނައިޓްމާކެޓް" ގެ ކޮންސެޕްޓަށް ކަމަށް އެ ރިސޯޓުން ބުންޏެވެ. އަމާޒަކީ މަޖާ މާހައުލެއްގައި ގިނަ ބަޔަކަށް ތަފާތު އެކި ވައްތަރުގެ އުފެއްދުންތައް އެއްތަނަކުން ގަންނަން ލިބޭނެ ފުރުސަތު ފަހިކޮށްދީ، ކުދި ވިފަޔާރިތައް ފުޅާކޮށް، އެކި ބްރޭންޑްތަކުގެ މަގުބޫލުކަން އިތުރު ކުރުން ކަމަށް ކްރޮސްރޯޑްސް އިން ބުންޏެވެ.

އެއީ އަލަށް ވިޔަފާރިއެއް ފަށައިގަނެގެން އުޅޭ މީހުންނާއި ކުދި ވިޔަފާރިތައް ހިންގާ ފަރާތްތަކާއި ފަންނުވެރިން އެކި ނަންނަންމުގައި ވިއްކަމުންދާ މަސައްކަތްތައް ދައްކާލައި، އެ ފަރާތްތަކުގެ އުފެއްދުންތައް ވިއްކަން ލިބޭ ފުރުސަތެއް ކަމަށް ވެސް ކްރޮސްރޯޑްސްގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެ މާކެޓުގައި ބައިވެރިވެވޭނީ ރަޖިސްޓަރީ ކޮށްގެން ހިންގާ ވިޔަފާރިތަކަށެވެ.

ކްރޮސްރޯޑްސްގެ ސްޓްރީޓް މާކެޓުގައި ކާބޯތަކެއްޗާއި ފަންނީ އެކި މަސައްކަތްތަކުގެ އިތުރުން އެކި ދާއިރާތަކާ ގުޅުން ހުރި ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ އެވެ.

ކްރޮސްރޯޑްސްގެ "ދަ މެރީނާ" ގައި ސްޓްރީޓް މާކެޓް އޮންނާނީ ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު 5 އިން ރޭގަނޑު 9 ޖަހަންދެންނެވެ.

ކްރޮސްރޯޑްސްގެ ސްޓްރީޓް މާކެޓުގައި ބައިވެރިވުމަށް ޝައުގުވެރުވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. މާކެޓުގައި ބައިވެރިވުމަށް އޮންލައިންކޮށް ރަޖިސްޓަރީ ކުރެވޭނެ އެވެ.

ރަޖިސްޓްރޭޝަން ލިންކު: https://rb.gy/96sz