Roadha Mihaaru
ފަސް ވޯލްޑްކަޕް ކުޅުނު ފުރަތަމަ ކުޅުންތެރިޔާ މަރުވެއްޖެ

ފަސް ވޯލްޑް ކަޕް ކުޅުނު ފުރަތަމަ ކުޅުންތެރިޔާ މަރުވެއްޖެ

10 މެއި 2023

ލިއޯން، މެކްސިކޯ (މެއި 10) - ފީފާ ވޯލްޑް ކަޕްގެ ފަސް މުބާރާތެއްގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާ، ކުރީގެ މެކްސިކޯ ގޯލްކީޕަރު އެންޓޯނިއޯ ކާބަހާލް އުމުރުން 93 އަހަރުގައި އިއްޔެ މަރުވެއްޖެ އެވެ.

ލިއޯން، މެކްސިކޯ (މެއި 10) - ފީފާ ވޯލްޑް ކަޕްގެ ފަސް މުބާރާތެއްގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާ، ކުރީގެ މެކްސިކޯ ގޯލްކީޕަރު އެންޓޯނިއޯ ކާބަހާލް އުމުރުން 93 އަހަރުގައި އިއްޔެ މަރުވެއްޖެ އެވެ.

މަޝްހޫރު ނަމުން ނަމަ "ޓޯޓޯ" ވަނީ، 1950 ގައި ބްރެޒިލް، 1954 ގައި ސްވިޒަލެންޑް، 1958 ގައި ސްވިޑެން، 1962 ގައި ޗިލީ އަދި 1966 ގައި އިންގްލެންޑްގައި ބޭއްވި ވޯލްޑް ކަޕްގައި މެކްސިކޯ ގައުމީ ޓީމަށް ކުޅެފަ އެވެ. މި ފަސް މުބާރާތުގައި އޭނާ ވަނީ ޖުމްލަ 11 މެޗު ކުޅެފަ އެވެ.

ކާބަހާލް މަރުވީ ލޭގެ ޕްރެޝަރުގެ މައްސަލައަކާ ގުޅިގެން ހަފްތާއެއް ވަންދެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވަނިކޮށެވެ. މި އަހަރުގެ ޖެނުއަރީ އިން ފެށިގެން އޭނާގެ މަރާ ހަމައަށް، ކާބަހާލް އަކީ 1950 ގެ ވޯލްޑް ކަޕް ކުޅުނު ކުޅުންތެރިންތަކުގެ ތެރެއިން ދުނިޔޭގައި ހުރި ހަމައެކަނި ކުޅުންތެރިޔާ އެވެ.

ފަސް ވޯލްޑް ކަޕްގައި ކުޅުނު ހަމައެކަނި ކުޅުންތެރިޔާގެ ރެކޯޑް 32 އަހަރު ވަންދެން ކާބަހާލް އަތުގައި އޮތެވެ. އޭނާއަށް ފަހު އެންމެ ފުރަތަމަ އެ ރެކޯޑާ އެއްވަރު ކުރީ 1998 ވަނަ އަހަރު ޖަރުމަން މިޑްފީލްޑަރު ލޮތާ މެތިއަސް އެވެ.

އޭގެ ފަހުން މެކްސިކޯގެ ޑިފެންޑަރު ރަފައެލް މާކުއޭޒް އާއި މިޑްފީލްޑަރު އަންޑްރެސް ގުއަޑާޑޯގެ އިތުރުން ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ލިއޮނެލް މެސީ ވެސް ވަނީ ފަސް ވޯލްޑް ކަޕްގައި ކުޅެ އެ ރެކޯޑާ އެއްވަރު ކޮށްފަ އެވެ.

މާކުއޭޒް މި ރެކޯޑާ އެއްވަރުކުރީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި މުބާރާތުގަ އެވެ. ގުއަޑާޑޯ އާއި މެސީ އަދި ރޮނާލްޑޯ މި ރެކޯޑާ އެއްވަރުކުރީ މިދިޔަ އަހަރު ގަތަރުގަ އެވެ.

ކާބަހާލް ވަނީ ވޯލްޑް ކަޕްގެ މެޗުތަކާ އެކު މެކްސިކޯގެ ގައުމީ ޓީމަށް ޖުމްލަ 48 މެޗު ކުޅެދީފަ އެވެ. އަދި އޭނާ ކުޅުން ހުއްޓާލިއިރު ވަނީ ކްލަބް ލެވެލްގައި 409 މެޗު ކުޅެފަ އެވެ. ކުޅުން ހުއްޓާލުމަށް ފަހު އޭނާ ވަނީ ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ބޭރުގެ މީޑީއާތަކުން ރިޕޯޓް ކުރާގޮތުގައި 1950 އާއި 1954 އާ ދެމެދު ސްޕެއިންގެ ރެއާލް މެޑްރިޑުން އޭނާ ހޯދަން މަސައްކަތް ކުރި ކަމަށް ކާބަހާލް ބުނެފައި ވެއެވެ. ނަމަވެސް އޭނާ ކެރިއަރު ހޭދަ ކޮށްފައި ވަނީ މެކްސިކޯ ލީގުގަ އެވެ.