Roadha Mihaaru
މަސްވެރިކަމަށް އިންގިލާބެއް ގެނެވިއްޖެ: އަމީރު

އަދަދުތަކުން އަމީރު ވިދާޅުވީ މަސްވެރިކަމަށް އިންގިލާބީ ބަދަލެއް ގެނެސްދީފި ކަމަށް

19 މެއި 2023

މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މި ސަރުކާރުން ރާއްޖޭގެ މަސްވެރިކަމަށް އިންގިލާބީ ބަދަލެއް ގެނެސްދީފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ ގދ. ފަރެސްމާތޮޑާއިން އިފްރާޒް އަލީ

މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މި ސަރުކާރުން ރާއްޖޭގެ މަސްވެރިކަމަށް އިންގިލާބީ ބަދަލެއް ގެނެސްދީފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.

މިފްކޯއިން ގެނައި އާ ބޯޓު "ޖަޒީރާ 103" ގައި މަސްކިރަން ފެށުމުގެ ގޮތުގައި ގދ. ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތުގައި އަމީރު ވިދާޅުވީ "މިއަދަކީ މި ސަރުކާރުން ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ވަރަށް ތާރީހީ ދުވަހެއް" ކަމަށެވެ. އަދި ދިވެހި މަސްވެރިންނަށް މި ސަރުކާރުން ގެނެސްދިން ކުރިއެރުންތައް، އެކި އަދަދުތަކުން އަމީރު ކިޔައިދެއްވި އެވެ.

ގދ. ފަރެސްމާތޮޑާގައި މަސްއޮޑިއަކަށް އައިސް އަރުވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ގދ. ފަރެސްމާތޮޑާގައި މަސްއޮޑިއަކަށް އައިސް އަރުވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަމީރު ވިދާޅުވި ގޮތުގައި، 2018 ވަނަ އަހަރު ނިމުނުއިރު މިފްކޯގެ އުޅަނދުތަކުގައި މަސް ރައްކާކުރުމުގެ ކެޕޭސިޓީ ހުރީ 1،727 މެޓްރިކް ޓަނުގަ އެވެ. އެކަމަކު މިދިޔަ އަހަރު ނިމުނުއިރު، 167 ޕަސެންޓްގެ ކުރިއެރުމަކާ އެކު، މިފްކޯގެ އުޅަނދުތަކުގައި މަސް ރައްކާކުރެވޭ ކެޕޭސިޓީ 4،107 މެޓްރިކް ޓަނަށް އިތުރުވި އެވެ.

"މި ބޯޓު [ޖަޒީރާ 103] އާއެކު މިފްކޯގެ އުޅަނދުތަކުގައި މަސް ރައްކާކުރުމުގެ ކެޕޭސިޓީ ޖުމްލަ 5،027 މެޓްރިކް ޓަނުން 5807 މެޓްރިކް ޓަނަށް އަރައިފި،" އޭނާ ވިދާޅުވި އެވެ.

މިފްކޯގެ އާ ބޯޓަށް މަސް ކިރަން މަސްއޮޑިއެއް އެ ބޯޓާ ކައިރިކޮށްގެން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިފްކޯގެ އާ ބޯޓަށް މަސް ކިރަން މަސްއޮޑިއެއް އެ ބޯޓާ ކައިރިކޮށްގެން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"މި ފަސް އަހަރުގެ ތެރޭގައި މިފްކޯގެ މަސް ގަތުމުގެ ކެޕޭސިޓީ އިތުރުވީ އޭގެ ކުރީގެ ހުރިހާ އަހަރުތަކުގައި ކެޕޭސިޓީ އުފެއްދުނު މިންވަރާ ނުބައްދަލުކޮށް. ދެހާސް އަށާރަ ވަނަ އަހަރު ނިމުނުއިރު ހުރި ކެޕޭސިޓީއާ އަޅާބަލާއިރު، މިހާރު ގާތްގަނޑަކަށް 241 ޕަސެންޓް ކުރިއަރައިފި."

އަމީރު ވިދާޅުވި ގޮތުގައި؛

• 2018 ވަނަ އަހަރު ނިމުނުއިރު މިފްކޯގެ އުޅަނދުތަކުގައި މަސް ގަނޑުކުރެވޭނެ ކެޕޭސިޓީ ހުރީ އެންމެ 80 މެޓްރިކް ޓަނުގައި.

• މިދިޔަ އަހަރު ނިމުނުއިރު، އެ އަދަދު ދެ ގުނައަށް އިތުރުވި.

• މި ގެނައި އާ ބޯޓާއެކު މަސްގަނޑު ކުރެވޭ ކެޕޭސިޓީ 290 މެޓްރިކް ޓަނަށް އަރައިފި.

• ދެން ގެންނަ ތިން ބޯޓާއެކު އެ އަދަދު 500 މެޓްރިކް ޓަނަށް އަރާނެ.

• މިދިޔަ އަހަރު މިފްކޯއިން 63،000 މެޓްރިކް ޓަނުގެ މަސް ގަނެ، ފުރަތަމަ ފަހަރަށް މަސްވެރިންގެ އަތުން އެއް ބިލިއަން ރުފިޔާގެ މަސް ގަތް. އެއީ މިދިޔަ އަހަރު މުޅި ރާއްޖޭގައި ބޭނި މަހުގެ 70 ޕަސެންޓް.

• 2019 އިން 2022 އަށް 3.7 ބިލިއަން ރުފިޔާގެ މަސް ގަތް.

މިފްކޯގެ އާ ބޯޓުގައި މަސްކިރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިފްކޯގެ އާ ބޯޓުގައި މަސްކިރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަމީރު ވިދާޅުވީ މަސްވެރިން މަސްކިރަން ގިނަ ވަގުތު ކިއުގައި ހޭދަކުރަން ޖެހުމުގެ ޝަކުވާ ލިބޭ އެންމެ ބޮޑު ސަބަބަކީ ފާއިތުވި އަހަރުތަކުގައި ކެޕޭސިޓީ އިތުރުކުރަން އެކަށިގެންވާ މަސައްކަތްތަކެއް ކޮށްފައި ނެތުމުން ކަމަށެވެ.

"ނަމަވެސް މި ސަރުކާރުން ގެނައި ބަދަލުތަކާ އެކު އަޅުގަނޑު ގަބޫލުކުރަނީ މި ތަކުލީފުތަކަށް ލުއިކަމެއް ލިބޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

މަސްގަތުމުގެ ކެޕޭސިޓީ އިތުރު ކުރުމާ އެކު މަސްދޯނިތަކުގައި މަސް ފިނިކުރުމުގެ ކެޕޭސިޓީ އިތުރުކުރަން ވެސް ހާއްސަ އިސްކަމެއް ދޭނެ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުމަށް ކޮރެއާ އިން ރާއްޖެ އަށް ގެނައި އާ ބޯޓު "ޖަޒީރާ 103" އިން މަސްކިރަން މިއަދު ވަނީ ފަށައިފަ އެވެ. ދުވާލަކު 120 މެޓްރިކް ޓަނުގެ މަސް ގަނެ، ފިނިކުރެވޭ މި ބޯޓުގައި 420 މެޓްރިކް ޓަނުގެ މަސް ރައްކާ ކުރެވެ އެވެ.