Roadha Mihaaru
މަހުގެ އަގު ދަށްކުރަން މަޝްވަރާ ކުރަނީ

މަހުގެ އަގު ދަށްކުރަން މަޝްވަރާ ކުރަނީ

27 ޖޫން 2024

މިފްކޯ އިން މަސް ގަންނަ އަގު ދަށްކުރުމަށްޓަކައި މަސައްކަތްތައް ފަށާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އިއްޔެ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިފްކޯ އިން މަސް ގަންނަ އަގު ދަށްކުރުމަށްޓަކައި މަސައްކަތްތައް ފަށާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އިއްޔެ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ ލިޔުމުގައި ބަޔާން ކޮށްފައިވާ ވާހަކަތަކަށް ރިއާޔަތް ކުރައްވައި ނާޒިމް ވިދާޅުވީ، މަހުގެ އަގު މުރާޖައާ ކުރުމަށް ކަނޑައަޅާފައިވަނީ އަންނަ މަހުގެ 26 ގެ ކުރިން ކަމަށެވެ. ނަމަވެސް އެއީ މިހާރު ވެސް ކުރެވިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ޖަވާބުގައި މިނިސްޓަރު ޝަފީގު ވިދާޅުވީ، މަހުގެ އަގު އަގު މުރާޖައާ ކުރުން އަަވަސް ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

"މިފްކޯގެ ކަންކަމުގައި އެންމެ އަވަހަށް ބޭއްވޭ އިކޮނޮމިކް ކައުންސިލެއްގައި އެކަން ޑިސްކަސް ކުރެވޭނެ. އެގޮތަށް ވަރަށް އަވަހަށް ކުރުމުގެ ބޭނުން އެބަހުރި. އެ އާޖެންސީ އެބަހުރި އަޅުގަނޑުމެންގެ،" އޭނާ ވިދާޅުވި އެވެ.

މި ވަގުތު ކަޅުބިލަ މަސް ކިލޯއެއް މިފްކޯ އިން ގަންނަނީ 20ރ. އަށެވެ. މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އެ އަހަރުގެ ސެޕްޓެމްބަރު މަހު މަހުގެ އަގު ވަނީ 25ރ. އަށް ކިލޯއެއް ބޮޑުކޮށްފަ އެވެ. މަހުގެ އަގު 25ރ. އަށް ބޮޑު ކުރި އިރު މަހުގެ އަގު މިހާރު ހުރީ 17ރ. ގަ އެވެ.

އޭގެ ކުރިން މަހުގެ އަގު އުޅުނީ 16ރ.-18ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.

ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި މިފްކޯ އަށް ސަބްސިޑީގެ ގޮތުގައި 415 މިިލިއަން ރުފިޔާ ކަނޑައަޅާފައި ވެ އެވެ. މިހާތަނަށް އެ ސަބްސިޑީގެ ތެރެއިން 270 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.