Roadha Mihaaru
ދުވާފަރު ކައުންސިލާއެކު އިއުތިރާފުގެ އެއްބަސްވުމަކަށް!

ދުވާފަރު ކައުންސިލް މެމްބަރުންނާ އެކު ކުށަށް އިއުތިރާފުވުމުގެ އެއްބަސްވުމެއް ހަދަނީ

21 މެއި 2023

ކޮރަޕްޝަނަށް ތުހުމަތުވާ ރ. ދުވާފަރު ކައުންސިލްގެ މެމްބަރުންނާ އެކު ކުށަށް އިއުތިރާފުވުމުގެ އެއްބަސްވުމެއް ހަދަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކޮރަޕްޝަނަށް ތުހުމަތުވާ ރ. ދުވާފަރު ކައުންސިލްގެ މެމްބަރުންނާ އެކު ކުށަށް އިއުތިރާފުވުމުގެ އެއްބަސްވުމެއް ހަދަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.

ކައުންސިލަރުންނަށް ތުހުމަތުވާ ބޮޑު ހިޔާނާތުގެ މައްސަލާގައި މިދިޔަ ނޮވެމްބަރު 28ގައި އެންމެން ސަސްޕެންޑުކުރި އެވެ. ކައުންސިލް ހިންގަން ހަވާލުކުރި، ސެކްރެޓަރީ ޖެނެރަލަށް ވެސް ތުހުމަތު ކުރެވުމުން އޭނާއަށް ވެސް ވަނީ ފިޔަވަޅު އަޅައިފަ އެވެ. އެތަނުން ބައެއް މީހުން ސަސްޕެންޝަންގެ މުއްދަތު ހަމަވެގެން މިހާރު ވަޒީފާއަށް ވެސް ނުކުމެ އެވެ.

އެ މައްސަލައިގައި އެ ކައުންސިލްގެ ހުރިހާ މެމްބަރުންނާއި އެސްޖީގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވީ މިދިޔަ މާޗު މަހު އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު މިއަދު "މިހާރު" އަށް ވިދާޅުވީ ދުވާފަރު ކައުންސިލްގެ ހިޔާނާތުގެ މައްސަލައިގައި ޕީޖީގެ ވިސްނުން ހުރީ އެފަދަ މައްސަލަތަކުގައި އަމަލުކުރާ އިޖުރާއަތްތަކުގެ ދަށުން ކުށަށް އިއުތިރާފްވެ އެއްބަސްވުމެއް ހެދުމަށް ކަމަށެވެ.

ނަމަވެސް އެއީ ދައުލަތުން އެދިގެން ކަމެއް ނުވަތަ އެ މެމްބަރުން އެއްބަސް ވެގެން ޕީޖީން ނުބުނެ އެވެ.

އެލްޖީއޭގެ މޮނިޓަރިން ރިޕޯޓުން އެނގުނު ގޮތުގައި، ކޮވިޑް ފެތުރެމުން ދިޔަ ދުވަސްވަރު ދުވާފަރު ކައުންސިލުގެ މެމްބަރުން ގެންދެވީ އަމިއްލަ އެކައުންޓަށް މިލިއަނުން ފައިސާ ޖަމާކުރަމުންނެވެ. ތިޖޫރިން ނަގުދު ފައިސާ ނަގައި އެކި ކަންކަމުގައި ބޭނުންކޮށް، އެއްވެސް ހިސާބެއް ނުބަލަހައްޓަ އެވެ. މުދާ ގަތުމާއި ކައުންސިލަށް ލިބޭ ބަޖެޓު ބޭނުންކުރުމުގައި މާލިއްޔަތު ގާނޫނާއި ގަވައިދުތަކަށް އެއްވެސް ވަރަކަށް ބަލައިފައެއް ނެތެވެ. މުސާރަ ދިނުމާއި މުވައްޒަފުންގެ ކަންކަން ބަލަހައްޓަމުން ގެންދެވީ ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނަކަށް ވެސް ބެލުމެއް ނެތި އެވެ.

ދުވާފަރު ކައުންސިލްގެ ކޮރަޕްޝަން މައްސަލައިގައި 12 މީހެއްގެ މައްސަލަ އޭސީސީން ތަހުގީގުކުރި އެވެ. އެ މީހުންގެ ތެރެއިން އަށް މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވީ މާޗް ދެވަނަ ދުވަހު އެވެ.