Roadha Mihaaru
ކައުންސިލަރުންނަށް ދައުވާ ނުކުރި ސަބަބު ހާމަކޮށްފި

ދުވާފަރު ކައުންސިލަރުންނަށް ދައުވާ ނުކޮށް ނަސޭހަތުގެ އެއްބަސްވުން ހަދައިފި

22 ޖޫން 2023

ކޮރަޕްޝަނަށް ތުހުމަތުވި ރ. ދުވާފަރު ކައުންސިލްގެ މެމްބަރުން ކުށަށް އިއުތިރާފުވުމުން އެ މީހުންނަށް ދައުވާ ނުކޮށް ނަސޭހަތުގެ އެއްބަސްވުން ހަދަން ނިންމައި އެގޮތަށް ނިންމި ސަބަބު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހާމަކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކޮރަޕްޝަނަށް ތުހުމަތުވި ރ. ދުވާފަރު ކައުންސިލްގެ މެމްބަރުން ކުށަށް އިއުތިރާފުވުމުން އެ މީހުންނަށް ދައުވާ ނުކޮށް ނަސޭހަތުގެ އެއްބަސްވުން ހަދަން ނިންމައި އެގޮތަށް ނިންމި ސަބަބު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހާމަކޮށްފި އެވެ.

ކައުންސިލަރުންނަށް ތުހުމަތުވާ ބޮޑު ހިޔާނާތުގެ މައްސަލާގައި މިދިޔަ ނޮވެމްބަރު 28 ގައި އެންމެން ސަސްޕެންޑުކުރި އެވެ. ކައުންސިލް ހިންގަން ހަވާލުކުރި، ސެކްރެޓަރީ ޖެނެރަލަށް ވެސް ތުހުމަތު ކުރެވުމުން އޭނާއަށް ވެސް ވަނީ ފިޔަވަޅު އަޅައިފަ އެވެ. އެތަނުން ބައެއް މީހުން ސަސްޕެންޝަންގެ މުއްދަތު ހަމަވެގެން މިހާރު ވަޒީފާއަށް ވެސް ނުކުމެ އެވެ.

އެ މައްސަލައިގައި އެ ކައުންސިލްގެ ހުރިހާ މެމްބަރުންނާއި އެސްޖީގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވީ މިދިޔަ މާޗު މަހު އެވެ.

މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ ހިލާފަށް ކައުންސިލްގެ މެންބަރުންގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރުމާއި ނަގުދު ފައިސާއިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި ކައުންސިލަރުންނަށާއި އަންހެނުން ކޮމިޓީގެ މެމްބަރުންނަށާއި މުވައްޒަފުންނަށް ގިނަ އަދަދެއްގެ ފައިސާ ހަވާލުކޮށްފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލާގައި،ދައުވާކުރުމުގެ ބަދަލުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ނަސޭހަތުގެ އެއްބަސްވުމެއް ހަދައިފައިވާ ކަމަށް ޕީޖީން މިއަދު ބުންޏެވެ.

އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން

1. ކަނދޮޅުދޫ، ދޯރެންސީވިލާ، ހަސަން ހަކީމް

2. ދުވާފަރު، ޒަމާނީގެ، އިޒްމީލް އަހްމަދު

3. ކަނދޮޅުދޫ، ނިޔާމަ، ޒުހުދާ އާދަމް

4. ކަނދޮޅުދޫ، ދިލްސާދުގެ، އާމިނަތު ސަލާހު

5. ދުވާފަރު، ވިލެޖް، މުހައްމަދު ޝާމް

6. ކަނދޮޅުދޫ، ހުސްނުހީނާގެ، މުހައްމަދު ނާސިހް

7. ކަނދޮޅުދޫ، ރިހިތަޅާގެ، މުހައްމަދު އަލީފުޅު

މި އެންމެން ތަހުގީގުގައި އިއުތިރާފުވެ، ޕީޖީއާ އެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް އެދުމުން އެކަމުގައި ޕީޖީން ރިއާޔަތްކުރި ކަންކަމުގެ ތެރޭގައި:

- ތުހުމަތުކުރެވޭ މީހުންގެ ކުށުގެ ރެކޯޑު

- މައްސަލާގައި ކަން ހިނގާފައިވާ ގޮތް

- ކުށުގެ އަމަލުގައި ބައިވެރިވުން އޮތް މިންވަރު

- ތުހުމަތުކުރެވޭ ފަރާތްތަކުން އަދާކުރަމުންދާ ޒިންމާތައް

މީގެ އިތުރުން ދައުލަތަށް ހިދުމަތް ކޮށްދީފައިވާ މުއްދަތާއި ދައުލަތަށް ބަދަލު ލިބިފައިވުމާއި މައްސަލާގައި ދައުވާއެއްކޮށް ކުރިއަށް ގެންގޮސްފި ނަމަ ކަނޑައެޅިދާނެ އަދަބަށް ރިއާޔަތްކޮށްފައިވާނެ ކަމަށް ވެސް ޕީޖީން ބުންޏެވެ.

މި މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އަމިއްލަ އެކައުންޓްތަކަށް ފައިސާ ޖަމާކުރި ކަމުގައި ވިޔަސް އެ ފައިސާ ބޭނުންކޮށްފައިވަނީ ކައުންސިލުން ކަނޑައެޅި ކަންކަމަށެވެ.

ޕީޖީން ބުނީ އެ އެއްބަސްވުމުގެ މުއްދަތުގައި އިތުރު ކުށެއް ނުކުރުމަށް ޝަރުތުކޮށް، އެއްބަސްވުމުގެ ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ އެއްބަސްވުން ނިމުމަކަށް ގެނެސް ކުށުގެ ދައުވާ އުފުލާނެ ކަމަށް އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.