Roadha Mihaaru
މީނާ މުޖުތަމައަށް ނުރައްކާތެރި ނުވާ ސަބަބަކީ ކޮބާ؟

މީނާ މުޖުތަމައަށް ނުރައްކާތެރި ނުވާ ސަބަބަކީ ކޮބާ؟

28 މެއި 2023

ތިރީސް އަށް އަހަރު، ނުވަތަ އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އެދިފައިވާ މީހަކު މުޖުތަމައަށް ނުރައްކާ ނޫން ކަމަށް ބުނާނީ ކިހިނެއް ހެއްޔެވެ؟ ތަކުރާރުކޮށް މީހުންނަށް މަކަރު ހަދައި، އެތައް ބައިވަރު ބަޔަކަށް ތަކުރާރުކޮށް ލަނޑުދީފައިވާ މީހަކު މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް މާނަ ކުރާނީ ކިހިނެއް ހެއްޔެވެ؟

ތިރީސް އަށް އަހަރު، ނުވަތަ އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އެދިފައިވާ މީހަކު މުޖުތަމައަށް ނުރައްކާ ނޫން ކަމަށް ބުނާނީ ކިހިނެއް ހެއްޔެވެ؟ ތަކުރާރުކޮށް މީހުންނަށް މަކަރު ހަދައި، އެތައް ބައިވަރު ބަޔަކަށް ތަކުރާރުކޮށް ލަނޑުދީފައިވާ މީހަކު މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް މާނަ ކުރާނީ ކިހިނެއް ހެއްޔެވެ؟

އެކަމަކު، މަނީ ލޯންޑަރިން އާއި ސައްހަ ނޫން ޑޮކިއުމެންޓް ހެދުމާއި ވަގު ޓީޓީތަކެއް ހެދުމުގެ އެތައް ބައިވަރު ދައުވާތަކެއް އޮތް މއ. ހަނީސަކްލް ހުސައިން ޝިފާއު ކްރިމިނަލް ކޯޓުން ރޭ ދޫކޮށްލީ މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް ބުނެ އެވެ. އޭނާ ދޫކޮށްލުމާ އެކު، ލަނޑު ލިބިފައި ތިބި ބައެއް ވިޔަފާރިވެރިން ވަނީ އެކަމާ ހިތްހަމަނުޖެހުން ވެސް ފާޅުކޮށްފަ އެވެ.

"ރާއްޖޭގައި ނުހުންނާނެ އެހާ ގިނަ ބަޔަކަށް އެގޮތަށް ލަނޑުދިން އެހެން މީހަކު،" ހުސެއިން ހަގީގަތް ވަރަށް ރަނގަޅަށް އެނގޭ މީހަކު ކިޔައިދިނެވެ.

މީގެ ކުރިން ވެސް އޭނާއާ ގުޅޭ އެތައް މައްސަލައެއް ތަހުގީގުކޮށްފައި ވެ އެވެ. އެކަމަކު، މިހާތަނަށް ވެސް އެޅި ފިޔަވަޅެއް ނެތެވެ.

ހުސެއިން އަކީ ކާކު؟ ނުރައްކަލަކަށް ވަނީ ކީއްވެ؟

ހުސެއިން އަކީ މަޝްހޫރު ވިޔަފާރި ކުންފުނި، ހަނީ ކޯނަރު އާއިލާގެ އެކެކެވެ. އެކަމަކު، އޭނާ އާއިލާގެ ވިޔަފާރީގެ ބޭރުން އަމިއްލަ އަށް ރާއްޖެ އަށް މުދާ ގެނެސް ވިޔަފާރި ކުރަން ފެށީ އެވެ.

"އޭނާ ބައެއް ފަހަރު މި ހަދާ ގޮތަކީ މިސާލަކަށް ސްޓްރޯބެރީ އެތެރެ ކޮށްދެނީ މީހުންނަށް. ދެން މި ބުނަނީ ފިހާރައެއްގައި ތިމަންނަ އަށް އެބަހުއްޓޭ ސްޓްރޯބެރީ ލިބެން 20 ޕަސެންޓް އެޑްވާންސް ފައިސާ ދޭށޭ. ފަހުންނޭ ބާކީ ފައިސާ ދޭނީ ވިއްކައިފައި. އެގޮތަށް 20 ޕަސެންޓް ފައިސާ ނަގައިފައި އެ މާލެ ގެނެސްފައި ދެން މި އެދެނީ އެއްކޮށް ފައިސާ ދައްކަން. އެއްކޮށް ނުދެއްކީމާ، މީނަ މި ހަދާ ގޮތަކީ އެ ވިއްކާލަނީ ނުއަގުގައި،" ހުސެއިންގެ ކަންކަން އެނގޭ ވިޔަފާރިވެރިޔަކު، ނަން ނުޖަހަން އެދި ކިޔައިދިނެވެ.

"އަމިއްލަ ކުންފުންޏެއް ހަދައި މުދާ އެތެރެކޮށްދޭނެ ކަމަށް ބުނެ މީހުން ލައްވާ ޓީޓީ ފޮނުވައިފައި އިރުކޮޅެއް ނުވެ، އެ ޓީޓީ އޭނަ އެބަ ރިފަންޑްކުރޭ. މިހެން ގޮސް އެތައް ބައިވަރު ވިޔަފާރިވެރިންނަކަށް މީނާ ހުރީ ލަނޑުދީފައި."

އޭނާ ބުނި ގޮތުގައި ރާއްޖެ އަށް މުދަލާއި މޭވާ އަދި ތަރުކާރީ އެތެރެކޮށްގެން ވިއްކާ ވަރަށް ގިނަ ބަޔަކު ތިބީ އޭނާގެ ފަރާތުން ލަނޑު ލިބިފަ އެވެ.

"ބާޒާރުމަތީގެ އެއްކޮޅުން އަނެއްކޮޅަށް ހިނގާލައި ކޮންމެ ފިހާރައެއްގައި ވެސް އަހާލީމަ ހުސެއިން އެނގޭނެ. އެހާ ވެސް ގިނަ ބަޔަކަށް އޭނާގެ ފަރާތުން ހުންނާނީ ލަނޑު ލިބިފައި."

އެހެން ވިޔަފާރިވެރިޔަކު ވެސް ބުނި ގޮތުގައި އޭނާގެ ދަލުގައި އެހާ ފަސޭހައިން ޖެހެނީ މަކަރު ހެދުމުގައި އޭނާ ގެންގުޅޭ ވަރަށް ނުރައްކާތެރި އުކުޅުތަކެއްގެ ސަބަބުންނެވެ.

"ވަރަށް ސްމާޓް ވައްކަންތަކެއް އޭނާ ކުރީ. މީގައި އޮތް ނުރައްކާ އަނެއް ކަމަކީ މިއީ ހަމަ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ މީހެއް ކަމަށް ވާތީ. ބިރެއް ނޯންނާނެ،" އޭނާ ބުންޏެވެ.

"އެހެންވީމަ އަހަރެން ހިތަށް އަރަނީ ކިހިނެއް ހެއްޔޭ މުޖުތަމައަށް ނުރައްކާތެރި ނޫން މީހެއްގެ ގޮތުގައި މީނަ ސިފަ މި ކުރީ. ހެއްކަށް ނުފޫޒު ފޯރުވައިފާނެ. މަށަށް ޔަގީން އޭނާ އެކަން ކުރާނެކަން. ސުވާލެއް އޮތް ކަމެއް ނޫން އެއީ."

ކޯޓުގެ ނިންމުން އިސްތިއުނާފު ކުރާނެ: ޕީޖީ

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވި ގޮތުގައި، ހުސެއިން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ޕީޖީން އިސްތިއުނާފު ކުރާނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި މުޖުތަމައަށް ނުރައްކާ ވާ ގޮތްތައް ހައި ކޯޓާއި ސުޕްރީމް ކޯޓުގެ އެތައް ހުކުމެއްގައި އެބައޮތް ކަމަށެވެ.

"އެ ހުރިހާ ކަމަކަށް މި ފެތޭ،" ޕީޖީ ވިދާޅުވި އެވެ. "އަޅުގަނޑުމެންނަކަށް އެއްބަހެއް ނުވެވޭ ގާޒީގެ ނިންމުމަކާ."

"މީނައަކީ ނުރައްކާ އޮތް މީހެކޭ، މިހިރީއޭ މީނަ އުޅޭ ގޮތޭ ނުރައްކާތެރިއޭ ޕީޖީން ކޯޓުގައި ބުނެބުނެ ތިއްބާ ދޫކޮށްލީ."

ހުސެއިންގެ މައްޗަށް 23 ދައުވާއެއް ޕީޖީން ކުރެ އެވެ. އެއީ 38 އަހަރުގެ ހުކުމް އަންނަ ވަރުގެ ދައުވާތަކެކެވެ.

ވިޔަފާރިވެރިޔަކު ބުނި ގޮތުގައި ހުސެއިން އަކީ ދޫކޮށްލައިފައި ބަހައްޓައިފި ނަމަ އަނެއްކާ ވެސް ބަޔަކަށް ލަނޑު ދިނުމުގެ ފުރުސަތު އޮތް މީހެކެވެ. ސަބަބަކީ، އޭނާ ބުނި ގޮތުގައި ފިލައިގެން ހޯދަން އިއުލާންކުރި ފަހުން އޭނާ އެތައް ބަޔަކަށް ލަނޑުދީފައިވާތީ އެވެ.

ފުލުހުންގެ ރެކޯޑުތައް ދައްކާ ގޮތުން ވަގު ޓީޓީތައް ބޭނުންކޮށްގެން އޭނާ މިހާތަނަށް ތިން މިލިއަން ރުފިޔާ އަށް ގިނަ މޭވާ އާއި ތަރުކާރީ ވަނީ އެތެރެކޮށްފަ އެވެ. އެއީ، ދިވެހި ވިޔަފާރިވެރިންނަށް ދިން ލަނޑުގެ އިތުރުން ބޭރުގެ ކުންފުނިތަކަށް ދިން ލަނޑެވެ.

ހުސެއިން ހައްޔަރު ކުރީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ. އޭނާ އަކީ ޑޮލަރު ވިއްކުމުގައި ވެސް މަކަރާއި ހީލަތް ހެދުމުގެ ރެކޯޑު އޮތް މީހެކެވެ.