Roadha Mihaaru
ތުރުކީ: ސެކިއުލަރިޒަމާއި އިސްލާމީ ފިކުރުގެ ވާދައެއް

ތުރުކީގެ އިންތިޚާބު: އިސްލާމީ ފިކުރާއި ސެކިއުލަރިޒަމްގެ ވާދައެއް

29 މެއި 2023

ތުރުކީ ވިލާތުގެ މިއަހަރުގެ ރިޔާސީ އިންތިޚާބު، މި މަހުގެ 14 އަދި 28 ވަނަ ދުވަހު ބޭއްވި ދެ ބުރުގެ ވޯޓުލުމާއެކު އިއްޔެ ނިމި، ކުރިއަށް އޮތް ފަސް އަހަރުގެ ދައުރަށް މިހާރުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އިންތިޚާބުވި އިރު، މިއީ ހަމައެކަނި ތުރުކީގެ ސިޔާސީ ވާދަވެރިންގެ މެދުގައި އޮތް އިންތިޚާބެއް ނޫނެވެ. ހަގީގަތުގައި މި އިންތިޚާބަކީ އެތައް ބައެއްގެ މެދުގައި އެތައް މައިދާނެއްގައި ކުރެވުނު ވަރުގަދަ ހަނގުރާމައެކެވެ.

ތުރުކީ ވިލާތުގެ މިއަހަރުގެ ރިޔާސީ އިންތިޚާބު، މި މަހުގެ 14 އަދި 28 ވަނަ ދުވަހު ބޭއްވި ދެ ބުރުގެ ވޯޓުލުމާއެކު އިއްޔެ ނިމި، ކުރިއަށް އޮތް ފަސް އަހަރުގެ ދައުރަށް މިހާރުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އިންތިޚާބުވި އިރު، މިއީ ހަމައެކަނި ތުރުކީގެ ސިޔާސީ ވާދަވެރިންގެ މެދުގައި އޮތް އިންތިޚާބެއް ނޫނެވެ. ހަގީގަތުގައި މި އިންތިޚާބަކީ އެތައް ބައެއްގެ މެދުގައި އެތައް މައިދާނެއްގައި ކުރެވުނު ވަރުގަދަ ހަނގުރާމައެކެވެ.

އޭގެ ތެރެއިން ފުރަތަމަ މައިދާނަކީ، ޔޫރަޕްގައި ފެތުރެމުން އަންނަ އިސްލާމީ ނުފޫޒާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން ފަށާފައިވާ ޕްރޮޕެގެންޑާ އެވެ. ދެވަނަ މައިދާނަކީ، އިންސާނީ ހައްގުތަކާއި މިނިވަންކަމުގެ ނަމުގައި، މުސްލިމުންގެ ތެރެއަށް ފެތުރުމަށް ހުޅަނގުގެ ގައުމުތަކުން މަސައްކަތްކުރާ ބަދުއަޚުލާގީ އަދި ލާދީނީ އަމަލުތަކެވެ. ތިން ވަނަ މައިދާނަކީ، ތުރުކީ ވިލާތުގެ ސިޔާސީ ދާއިރާއިން އިސްލާމީ އުސޫލުތައް އެއްފަރާތްކޮށް، ސެކިއުލާ (އަލްމާނީ) އުސޫލުތައް އަށަގަންނުވަން ކުރެވޭ މަސައްކަތެވެ.

މި ހުރިހާ ކަމަކާ ދެކޮޅަށް ތެދުވެވަޑައިގެން ހުންނެވީ، ތުރުކީ ވިލާތުގައި މިހާރު ވެރިކަން ކުރާ އަދާލަތު ޕާޓީގެ ކެންޑިޑޭޓް، މިހާރުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އެވެ. މިދެންނެވި މައިދާންތަކުގައި އޭނާއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ދެ ލަޝްކަރެއް އޮތީ ރުކުރުވައިލެވިފަ އެވެ.

ފުރަތަމަ ލަޝްކަރަކީ، އުރުދުޣާންގެ 20 އަހަރުވީ ވެރިކަން ނިމުމަކަށް ގެނައުމަށް ފޫގަޅައިގެން ތިބި ހުޅަނގުގެ މީޑިއާތަކެވެ. ދެ ވަނަ ލަޝްކަރަކީ، ތުރުކީ ވިލާތް ސެކިއުލާކުރުމަށް، ހުޅަނގުގެ ގައުމުތަކުގެ ވާގިވެރިކަމާއެކު މަސައްކަތް ކުރާ ސިޔާސީ ވާދަވެރިންނާއި، އެމީހުންގެ ވަށައިގެން އެނބުރޭ އާންމު ރައްޔިތުންނެވެ.

އެ ހުރިހާ އެންމެންނާ އަދި އެ ހުރިހާ ނުފޫޒަކާއި ފާޑުކިޔުންތަކާ ކުރިމަތިލައްވައި، ކުރިއަށް އޮތް ރިއާސީ ދައުރަށް، އުރުދުޣާން އިންތިޚާބުވެވަޑައިގަތުމުން ވެސް، ހުޅަނގުގެ މީޑިއާތައް މިހާރު އަމާޒު ހިފާފައިވަނީ ތުރުކީ ރައްޔިތުންގެ އެ ނިންމުން، އެހެން ސިފައެއްގައި ދުނިޔެއަށް ހާމަކުރުމަށެވެ.

ހުޅަނގުގެ މީޑިއާތަކުން ބުނަމުން އަންނަނީ، އުރުދުޣާން އިންތިޚާބު ކާމިޔާބު ކުރެއްވި ނަމަވެސް، ތުރުކީ ބައިބައިވެއްޖެ ކަމަށެވެ. އެ ބުނުމަށް ބާރު ދިނުމަށް ހުޅަނގުގެ މީޑިއާތަކުން ދައްކަނީ އިންތިޚާބުގެ ނަތީޖާ އެވެ. އިއްޔެގެ އިންތިޚާބުގައި ޖުމްލަ ވޯޓުގެ 52.16 ޕަސެންޓް ރައީސް އުރުދުޣާނަށް ލިބިވަޑައިގެންނެވި އިރު، އިދިކޮޅު ލީޑަރު ކަމާލް ކިލިޖްދާރް އޯގްލޫ އަށް ލިބިވަޑައިގަތީ 47.84 ޕަސެންޓެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން އަށް އެ މަގާމު ލިބިވަޑައިގެންނެވި، 2020 ވަނަ އަހަރުގެ ރިއާސީ އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، އިއްޔެގެ އިންތިޚާބުގައި ތުރުކީ ބައިބައިވި މިންވަރަށް ވުރެ މާ ބޮޑަށް އެމެރިކާ އޮތީ ބައިބައިވެފަ އެވެ. އެފަހަރުގެ އިންތިޚާބުގައި ބައިޑެން އަށް ލިބިވަޑައިގަތީ، ރައްޔިތުންގެ ވޯޓުގެ 51.3 ޕަސެންޓެވެ. އޭނާއާ ވާދަކުރެއްވި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް 46.9 ޕަސެންޓް ވޯޓު ލިބިވަޑައިގަތެވެ.

ދެ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ޖުމްލަ ވޯޓުގައި ހުރި ތަފާތަށް އަދި ލިބިވަޑައިގެންނެވި ވޯޓުގެ ޕަސެންޓޭޖުގެ ތަފާތަށް ބަލާއިރުވެސް، އެމެރިކާގައި އޮތް ބައިބައިވުން މާ ބޮޑެވެ. ވާދަވެރި ކޮންމެ އިންތިޚާބެއްގައި ވެސް، ކެންޑިޑޭޓުންގެ މެދުގައި ވޯޓުތައް ބެހިގެންދާ ގޮތް އެއީ، ރައްޔިތުން ބައިބައިވުން ކަމަށް މާނަކުރާ ނަމަ، ބައިބައިނުވާ އެންމެ ގައުމެއް ވެސް ނޯންނާނެ އެވެ.

އެ ބުނާ ބައިބައިވުމަށް ރައީސް އުރުދުޣާން ދެއްވީ ފުރިހަމަ ޖަވާބެކެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކުރަމުން ދިޔައިރު، އިސްތަންބޫލުގައި އަމިއްލަ ގެކޮޅުގައި އާންމު ރައްޔިތުންނާ ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވި ގޮތުގައި އިއްޔެގެ އިންތިޚާބުގައި ކާމިޔާބު ހޯދީ ތުރުކީ ވިލާތުގެ 85 މިލިއަން މީހުންނެވެ.

އޭގެ އިތުރުން އުރުދުޣާން ވަނީ އޭނާ އާއި އޭނާގެ އަދާލަތު ޕާޓީން ގެންގުޅޭ ސިޔާސަތާ ދެކޮޅަށް ތުރުކީގައި ފަތުރަމުންދާ ހުޅަނގުގެ އޮއިވަރަށް ވަރަށް ވަރުގަދަ ރައްދެއް ދެއްވައިފަ އެވެ. އަދި، ތުރުކީ ވިލާތުގައި އެއް ޖިންސުގެ ގުޅުން ހުއްދަކުރުމަށް ވަކާލާތުކުރާ މީހުންނަށާއި ޖަމިއްޔާތަކަށް ވެސް އޭނާ އިއްޔެ ހޫނު ރައްދެއް ދެއްވި އެވެ.

"އެއް ޖިންސުގެ ގުޅުން ހުއްދަކުރުމަށް ވަކާލާތުކުރާ މީހުންނަށް، އަދާލަތު ޕާޓީގެ ތެރެއަށް ނުވަތަ ރައްޔިތުންގެ އެލަޔަންސް (އުރުދުޣާނަށް ތާއީދުކުރާ ޕާޓީތަކުގެ ކޯލިޝަން)ގެ ތެރެއަށް ވަދެގަނެވިދާނެތަ؟ އަހަރެމެންގެ ގާތުގައި އާއިލާއަކީ ވަރަށް މުގައްދަސް އެއްޗެއް،" އުރުދުޣާން އިއްޔެ ވިދާޅުވި އެވެ.

"މި ސީއެޗްޕީ (ރިޕަބްލިކަން ޕީޕަލްސް ޕާޓީ) އަކީ އެއް ޖިންސުގެ ގުޅުމަށް ތާއީދުކުރާ ބައެއްތަ؟ މި އެޗްޑީޕީ (ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީ) އަކީ އެއް ޖިންސުގެ ގުޅުމަށް ތާއީދުކުރާ ބައެއްތަ؟ އެ (ކޯލިޝަންގައި ހިމެނޭ) ކުދި ޕާޓީތަކަކީ އެއް ޖިންސުގެ ގުޅުމަށް ތާއީދުކުރާ ބައެއްތަ؟ އަދި އެއް ޖިންސުގެ ގުޅުމަށް ތާއީދުކުރާ މީހުންނަށް، އަދާލަތު ޕާޓީގެ ތެރެއަށާއި ނޭޝަނަލިސްޓް މޫވްމަންޓް ޕާޓީގެ ތެރެއަށް ވަދެގަނެވިދާނެތަ؟"

އޭނާ ވިދާޅުވި ގޮތުގައި ވެރިކަން ކުރާ އަދާލަތު ޕާޓީއަކީ އަޚުލާގީ އެންމެ މަތީ މިންގަނޑު ހިފަހައްޓައި ދީނީ އުސޫލުތައް ނަގަހައްޓަން މަސައްކަތްކުރާ ޕާޓީއެކެވެ. އެހެންކަމުން، ތުރުކީ ވިލާތުގެ ރައްޔިތުން އިއްޔެ އޭނާއަށް ދިން އަޣުލަބިއްޔަތަކީ، ދީނީ މިންގަނޑުގެ ތެރޭގައި އާއިލީ މުގައްދަސްކަން ދިފާއުކުރުމަށް ދިން ތާއީދެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"އަހަރެމެންގެ ގާތުގައި އާއިލާއަކީ ވަރަށް މުގައްދަސް އެއްޗެއް. އާއިލާއަށް އިހާނެތިކޮށް ހިތުމަކީ އެކަކަށްވެސް ކުރެވިގެންވާނެ ކަމެއް ނޫން. އަންހެނުންނަށް އަނިޔާކުރުމަކީ އަހަރެމެންނަށް ނަހީކުރައްވާފައިވާ އަދި އަހަރެމެންނަށް ހަރާމް ކަމެއް. އެކަންކަން ކުރުމަށް އަހަރެމެން އެކަކަށް ވެސް ފުރުސަތެއް ނުދޭނަން. އަހަރެމެން ތިބޭނީ އެކަން ކުރާ ބަޔަކާ ދެކޮޅަށް. މި ގައުމަށްޓަކައި އަހަރެމެން ވެފައިވާ ހުރިހާ ވައުދުތަކެއް އަހަރެމެން ފުއްދައިދޭނަން."

ފުރަތަމަ ބުރުގެ ވޯޓުގައި ވަކި ކެންޑިޑޭޓަކަށް އަޣުލަބިއްޔަތު ނުލިބުމުން އިއްޔެ ބޭއްވި ދެވަނަ ބުރުގެ ވޯޓުލުމަށް ވަގުތު ކުޑަތަންވަމުން އައިއިރު ވެސް، ހުޅަނގުގެ މީޑިއާތަކުގެ އަމާޒަކަށްވީ ރައީސް އުރުދުޣާންއާ ޒާތީ ގޮތުން ދިމާކުރުމެވެ. ތުރުކީގެ ވެރިކަމުގައި ހުންނަވާނެ ބޭފުޅަކު އިޚްތިޔާރު ކުރުމުގެ ފުރުސަތު ތުރުކީ ރައްޔިތުންނަށް އޮތުމުގެ ބަދަލުގައި، ހުޅަނގުގެ މީޑިއާތަކުން ބުނަމުން ދިޔައީ "އުރުދުޣާންގެ ވެރިކަން ނިމުމަކަށް އަންނަންޖެހޭ" ކަމަށާއި "ތުރުކީ ވިލާތަށް އައު ވެރިއަކު ބޭނުންވާ" ކަމަށެވެ.

މީޑިއާތަކުގެ ސުރުޚީތަކުން ދޭހަވާ ގޮތުގައި ތުރުކީ ވިލާތުގެ ރައީސްކަމުގައި ހުންނަން ޖެހޭނީ ވެސް ހުޅަނގުގެ ގައުމުތައް ރުހޭ މީހެކެވެ. އަދި ތުރުކީ ވިލާތުގައި އޮންނަންވާނީ ވެސް ހުޅަނގުގެ ގައުމުތައް ބޭނުންވާ ސިޔާސަތެކެވެ.

ތުރުކީ ވިލާތުގައި މި މަހުގެ 14 ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބުގައި ވެސް، ކުރި ހޯދީ ވެރިކަން ކުރާ އަދާލަތު ޕާޓީ އެވެ. އެ ޕާޓީ އާއި އެ ޕާޓީއާ ގުޅިފައިވާ އެހެން ޕާޓީތަކުގެ ކޯލިޝަނުން، ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދާފައިވާތީ، ރައީސް އުރުދުޣާންގެ ވެރިކަމުގެ ކުރިއަށް އޮތް ދައުރުގައި މާ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަކަށް ނުބެލެވެ އެވެ.

މިފަހަރުގެ އިންތިޚާބުގައި ރައީސް އުރުދުޣާންއާ ވާދަކުރެއްވި ކަމާލް ކިލިޖްދާރް އޯގްލޫ އަކީ، އިދިކޮޅު ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ)ގެ ލީޑަރެވެ. ސީއެޗްޕީއަކީ، އުސްމާނީ ޚިލާފަތަށް ފަހުގައި، 1919 ވަނަ އަހަރު، މުސްތަފާ ކަމާލް އަތާތުރްކު ތުރުކީ ވިލާތުގައި އުފެއްދި ސިޔާސީ ޕާޓީއެކެވެ. އަތާތުރްކު އަކީ ޒަމާނީ ތުރުކީ ވިލާތުގެ ބާނީ އަދި 1923 ވަނަ އަހަރު އެ ގައުމުގައި ގާއިމުކުރި ޖުމްހޫރީ ވެރިކަމުގެ ފުރަތަމަ ރައީސެވެ.

އެ ޕާޓީގެ މައިގަނޑު ސިޔާސަތަކީ، ތުރުކީ ވިލާތުގެ ސިޔާސީ ނިޒާމުން އިސްލާމް ދީނުގެ އުސޫލުތައް އެއްފަރާތްކޮށް، ވެރިކަން ހިންގުމުގެ ނިޒާމުގައި ވަކި ދީނަކަށް ބުރަ ނުވެ ވެރިކަން ކުރަމުން ގެންދިއުމެވެ. އެ ސިޔާސަތުގެ ތެރެއިން ކުރުމަށް ރާވާފައިވާ މުހިންމު ކަންކަމުގެ ތެރޭގައި، ތައުލީމީ މަންހަޖުން އިސްލާމީ ހައްދުތަކުގެ ބައިތައް އުނިކުރުމާއި، ބުރުގާ އެޅުން މަނާކުރުން ފަދަ ކަންތައް ހިމެނެ އެވެ.

ވެރިކަމުގައި މިހާރު ހުންނެވި ރަޖަބް ތައްޔިބު އުރުދުޣާންއަކީ އިސްލާމީ އަސާސްތަކާއި އަޚުލާގީ މިންގަނޑުތަކަށް ވަކާލާތުކުރާ އަދާލަތު ޕާޓީގެ ލީޑަރެވެ. އޭނާ ތުރުކީގެ ވެރިކަމަށް އެންމެ ފުރަތަމަ ވަޑައިގަތީ ބޮޑުވަޒީރުގެ ގޮތުގަ އެވެ. އެ މަގާމުގައި މާޗް 14، 2003 ން އޮގަސްޓް 28، 2014 އަށް ހުންނެވި އެވެ.

އެއަށް ފަހު އޮގަސްޓް 28، 2014 ން ފެށިގެން މިއަދާ ހަމައަށް ވެސް އޭނާ ހުންނެވީ ރައީސް ކަމުގެ މަގާމުގަ އެވެ. އަދި ކުރިއަށް އޮތް ފަސް އަހަރުގެ މުއްދަތަށް ވެސް އެ މަގާމުގައި ހުންނަވާނީ އުރުދުޣާން އެވެ.

އިއްޔެ ބޭއްވި ރިއާސީ އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓުލުމުގައި ވާދަކުރެއްވީ، މިމަހުގެ 14 ވަނަ ދުވަހު ބޭއްވި ފުރަތަމަ ބުރުގެ ވޯޓުލުމުގައި ވާދަކުރެއްވި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންނެވެ. އެއީ، މިހާރުގެ ރައީސް، އަދާލަތު ޕާޓީގެ ރަޖަބު ތައްޔިބު އުރުދުޣާން އާއި އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ ލީޑަރު ކަމާލް ކިލިޖްދާރް އޯގްލޫ އެވެ.

އިއްޔެގެ ވޯޓަށް އާންމު ރައްޔިތުން ނުކުތް އިރުވެސް، އިންތިޚާބުގެ ނަތީޖާ ބުރަވާނެ ކަމަށް ގިނަ ބަޔަކު ލަފާކުރީ، ރައީސް އުރުދުޣާން އެވެ. ސަބަބަކީ ފުރަތަމަ ބުރުގައި ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވި، މިނިވަން ކެންޑިޑޭޓް ސިނާން އޮއާން، ދެ ވަނަ ބުރުގައި ރައީސް އުރުދުޣާނަށް ތާއީދުކުރައްވަން ނިންމަވާފައިވާތީ އެވެ.