30 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ބައެއް ކެންޑިޑޭޓުންނަށް ޓިކެޓު ދިނުމުގައި ވަކި ބައެއްގެ ނުފޫޒު ގެންގުޅުނު ކަމަށް ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވިޔަސް އެއީ ދޮގެއް ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން މިއަދު ބުނެފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ބައެއް ކެންޑިޑޭޓުންނަށް ޓިކެޓު ދިނުމުގައި ވަކި ބައެއްގެ ނުފޫޒު ގެންގުޅުނު ކަމަށް ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވިޔަސް އެއީ ދޮގެއް ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން މިއަދު ބުނެފި އެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި ބައިވެރިވުމަށް ފޯމު ހުށަހަޅާފައިވާ މީހުންނަށް ޕްރައިމަރީގައި ވާދަކުރެވޭނީ ވަކި ވަރަކަށް ޕޮއިންޓު ލިބިގެން ކަމަށް ރައީސް ޔާމީންގެ ފެކްޝަނުން ކުރިން ވަނީ ބުނެފަ އެވެ.
ޕީޕީއެމްގެ އިންތިހާބު ކޮމެޓީގެ ރައީސް މުހައްމަދު ރާބިހު ވިދާޅުވީ ފޯމު ހުށަހެޅި މީހުންނަށް ޕޮއިންޓް ދިނުމުގައި ވަރަށް ގިނަ ކަންކަމަށް ރިއާޔަތްކޮށްފައި ވާނެ ކަމަށެވެ. އެ ގޮތުން 75 ޕަސެންޓް ޕޮއިންޓް ހަމަނުވާ މީހުންނަށް ޕްރައިމަރީގައި ބައިވެރިނުވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި، ފޯމު ހުށަހެޅި މީހުންނަށް ޕޮއިންޓް ދިނުމުގައި ޕާޓީއަށް ދިގު މުއްދަތަކަށް ހިދުމަތް ކުރި މީހުންނާއި ކައުންސިލް މެމްބަރުކަން ކުރުމުގެ ގާބިލްކަން ހުރި މީހުންނަށް ބަލަ އެވެ. އަދި ކުރިން ކައުންސިލް މެމްބަރުކަން ކޮށްފައިވާ ނަމަ ކައުންސިލް ތަމްސީލްކުރި ގޮތަށް ބެލި އެވެ.
"ޕޮއިންޓް ދިނުމުގައި މަޖިލިސް މެމްބަރުންގެ ރޯލެއް އޮވެއޭ ބުނާ ވާހަކައަކީ ދޮގެއް، މެމްބަރުންނަށް އެއްވެސް ރޯލެއް ނޯންނާނެ ޕޮއިންޓް ދިނުމުގައި،" ރާބިހު ވިދާޅުވި އެވެ.
"އެއްވެސް ހާލެއްގައި ބަޔަކަށް ފުރުސަތު ގެއްލުވާލާފައި ނޯންނާނެ. ހުރިހާ ކަމަކަށް ބެލިން،"
ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރުމަށް އެދި 276 ދާއިރާއަކުން މެންބަރުން ކުރިމަތިލާފައިވާ އިރު، 212 ދާއިރާއެއްގައި ޕްރައިމަރީ ބޭއްވުމަކާ ނުލައި ވަނީ ޓިކެޓް ދީފަ އެވެ. ޕްރައިމަރީ ބޭއްވީ 64 ދާއިރާއެއްގަ އެވެ.
ރާބިހު ވިދާޅުވި ގޮތުގައި އިންސާފުވެރިކަމާއެކު ޕްރައިމަރީ ބާއްވައި ކެންޑިޑޭޓުން އިންތިހާބު ކުރި ޕާޓީއަކަށް ޕީޕީއެމް ވާނެ އެވެ. އަދި އެއްވެސް މީހަކަށް ގަސްދުގައި ފުރުސަތު ގެއްލުވާނުލާ ކަމަށް އޭނާ ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޕީޕީއެމްގެ ޕްރައިމަރީއާ ނުލައި 212 ދާއިރާ އަށް ހޮވުނު ކެންޑިޑޭޓުންގެ ފޯމުތަކާއި ޕްރައިމަރީން ހޮވުނު ކެންޑިޑޭޓުންގެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރާބިހު ވިދާޅުވި އެވެ. އެ ގޮތުން މިހާތަނަށް 200 އެއްހާ ފޯމު ހުށަހަޅައި، އިތުރު 100 ފޯމު މިއަދު ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ.
މައުމޫން ކުރިން ނެރުއްވި ބަޔާނުގައި ވިދާޅުވި ގޮތުގައި ޕްރައިމަރީގައި ވާދަކުރުމަށް އެދި ފޯމު ހުށަހެޅި މީހުންގެ ތެރޭގައި ޕީޕީއެމަށް ވަރަށް ގިނަ ހިދުމަތްކޮށް، މިހާރު ވެސް ހިދުމަތް ކުރަމުން އަންނަ މީހުން ހިމެނެ އެވެ. އަދި ކުރިން ބޭއްވި އިންތިހާބުތަކުގައި ވާދަކޮށް ކާމިޔާބު ކުރި މީހުން ވެސް ކުރިމަތިލާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް ޕީޕީއެމް ތަމްސީލުކުރާ އެތައް ބަޔަކަށް 75 ޕަސެންޓް ޕޮއިންޓް ހަމަނުވާ ކަމަށް ބުނެ އެ މީހުންނަށް ޕީޕީއެމްގެ ޕްރައިމަރީގައި ވާދަނުކުރެވޭނެ ކަމަށް އަންގާފައިވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ ޕީޕީއެމަށް އިހުލާސްތެރި އެތައް މެމްބަރުންނަކަށް ޕްރައިމަރީގައި ވާދަ ނުކުރެވުމުގެ ޝަކުވާ ކޮށްފައިވާ ކަމަށެވެ.
މި މަހުގެ 14 ގައި ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ހަމަޖައްސާފައި ވަނިކޮށް، އެ އިންތިހާބު އިތުރު ދެ މަހަށް ފަސްކުރަން ކޯޓުން އަމުރުކުރީ ޕީޕީއެމްގެ އެތެރޭގެ މައްސަލަތަކާ ހެދި، އިންތިހާބަށް ތައްޔާރު ވެވެން ނެތް ކަމަށް ބުނެ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ޕީޕީއެމްގެ ތެރޭގައި މައްސަލަ ބޮޑުވީ ރައީސް އަބްދުﷲ ޔާމީނާއި ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު ހިޔާލު ތަފާތުވެ، ޕާޓީ ދެ ބައި ވުމުންނެވެ.
މިއީ ލިބުނު ނަސްރެއް، ބޮޑު ކާމިޔާބީއެއް: މައުމޫން
ޕީޕީއެމްގެ ޕްރައިމަރީ ހިނގި ގޮތް ބަލަން އީސީއަށް
ބައެއް ކެންޑިޑޭޓުންނަށް ޓިކެޓް ދިނީ ބައެއްގެ ނުފޫޒުން
މައުމޫނަށް ރައްދު: ހިންގުމާ ގުޅޭ ވާހަކަ ނުދެއްކޭނެ
ޕީޕީއެމް ރިފޯމް ކުރަން އެއްޗެއް ނޯންނާނެ: ރައީސް ޔާމީން
ރައީސްގެ ހޫނު ހަމަލާތަކެއް ނަޝީދާއި އިލްމުވެރިންނަށް
ރައީސް ޔާމީނަށް 41 ޕަސެންޓު ވޯޓު ލިބުނު: ޕީޕީއެމް
ބައްޔަށް ފަހު ޕީޕީއެމަށް ބޮޑު ގޮންޖެހުންތަކެއް
އަމިއްލަ ކެންޑިޑޭޓުންނަށް މައުމޫންގެ އިލްތިމާސެއް
ރައްޔިތުންނަށް ލިބިގެންވަނީ އެއް ހައްގުތަކެއް: ރައީސް