Roadha Mihaaru
ބައެއް ކެންޑިޑޭޓުންނަށް ޓިކެޓް ދިނީ ބައެއްގެ ނުފޫޒުން

ބައެއް ކެންޑިޑޭޓުންނަށް ޕީޕީއެމްގެ ޓިކެޓް ދިނީ ބައެއްގެ ނުފޫޒުން: މައުމޫން

26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ކުރިމަތިލައްވާ ބައެއް ކެންޑިޑޭޓުންނަށް ޓިކެޓު ދިނީ ވަކި ބައެއްގެ ނުފޫޒުން ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ކުރިމަތިލައްވާ ބައެއް ކެންޑިޑޭޓުންނަށް ޓިކެޓު ދިނީ ވަކި ބައެއްގެ ނުފޫޒުން ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރުމަށް އެދި 276 ދާއިރާއަކުން މެންބަރުން ކުރިމަތިލާފައިވާ އިރު، 212 ދާއިރާއެއްގައި ޕްރައިމަރީ ނުބާއްވާ ޓިކެޓް ދީފައިވާ ކަމަށެވެ. ޕީޕީއެމުން ބުނި ގޮތުގައި ޕްރައިމަރީ އޮންނާނީ 64 ދާއިރާއެއްގަ އެވެ.

ވަކި ބައެއްގެ ނުފޫޒުން ޕީޕީއެމްގެ ޓިކެޓް ދިނުމުން ޕީޕީއެމްގެ ވަރަށް ގިނަ މެމްބަރުންނަށް ޕްރައިމަރީގައި ވާދަ ނުކުރެވުމުން އިންތިހާ އަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް ޕީޕީއެމްގެ ޓިކެޓު ދިނީ ކޮން ބަޔަކަށް ކަމާއި ޓިކެޓް ދިނީ ކޮން ބައެއްގެ ނުފޫޒުން ކަމެއް މައުމޫން ވިދާޅެއް ނުވެ އެވެ.

ޕީޕީއެމްގެ ޕްރައިމަރީގައި ބައިވެރިވުމަށް ފޯމު ހުށަހަޅާފައިވާ މީހުންނަށް ޕްރައިމަރީގައި ވާދަކުރެވޭނީ ވަކި ވަރަކަށް ޕޮއިންޓު ލިބިގެން ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ވަނީ ބުނެފަ އެވެ. އަދި ޕްރައިމަރީ ބާއްވަން ޖެހޭ ދާއިރާތަކުގެ ވޯޓުލުން މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މައުމޫން ވިދާޅުވި ގޮތުގައި ޕްރައިމަރީގައި ވާދަކުރުމަށް އެދި ފޯމު ހުށަހެޅި މީހުންގެ ތެރޭގައި ޕީޕީއެމަށް ވަރަށް ގިނަ ހިދުމަތްކޮށް، މިހާރު ވެސް ހިދުމަތް ކުރަމުން އަންނަ މީހުން ހިމެނެ އެވެ. އަދި ކުރިން ބޭއްވި އިންތިހާބުތަކުގައި ވާދަކޮށް ކާމިޔާބު ކުރި މީހުން ވެސް ކުރިމަތިލާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް ޕީޕީއެމް ތަމްސީލުކުރާ އެތައް ބަޔަކަށް 75 ޕަސެންޓް ޕޮއިންޓް ހަމަނުވާ ކަމަށް ބުނެ އެ މީހުންނަށް ޕީޕީއެމްގެ ޕްރައިމަރީގައި ވާދަނުކުރެވޭނެ ކަމަށް އަންގައި މެސްޖް ފޮނުވާފައިވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އަދި ޕީޕީއެމަށް އިހުލާސްތެރި އެތައް މެމްބަރުންނަކަށް ވެސް ޕްރައިމަރީގައި ވާދަ ނުކުރެވުމުގެ ޝަކުވާކޮށްފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.

"ޕޮއިންޓް ދިން އުސޫލެއް ކުރިން ހާމަނުކުރައްވާ އެ ބޭފުޅުންނަށް ޕްރައިމަރީގައި ވާދަ ނުކުރެވެންވީ ސަބަބެއް އަންގާފައިނުވާތީ އެކަމާ ކަންބޮޑުވަމެވެ،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ޕީޕީއެމްގެ އިންތިހާބު ކޮމެޓީއަކީ ގައުމީ ޖަލްސާ އިން އިންތިހާބުކުރި ކޮމެޓީއެއް ކަމަށްވިޔަސް، "ޕީޕީއެމްގެ ނަމުގައި" ޕްރައިމަރީގެ ކަންކަން ކުރިއަށް ދަނީ އިންތިހާބު ކޮމެޓީ އަށް އެންގުމެއް ނެތި ކަމަށެވެ. މިއީ ޕީޕީއެމްގެ ގައުމީ ޖަލްސާ އިން ފާސްކޮށްފައިވާ އަސާސީ ގަވައިދާއި ހިންގާ ގަވާއިދާ އަދި ޕީޕީއެމްގެ އުސޫލުތަކާ މުޅިން ހިލާފަށް ގެންދާ ކަންކަން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ޕީޕީއެމްގެ ގަވާއިދާ އެއްގޮތަށް މަސައްކަތް ނުކުރާ ނަމަ، ޕީޕީއެމްގެ މެންބަރުންގެ އިތުބާރު ޕާޓީ އަށް ގެއްލި އެކަމުގެ ސަބަބުން ފޫނުބެދޭ ވަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންވެ، ޕީޕީއެމްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާއި ޕާޓީގެ އުސޫލުތަކުގެ ތެރޭގައި މަސައްކަތް ކުރުމަށް މައުމޫން ގޮވާލެއްވި އެވެ.

އަންނަ އޭޕްރީލް އަށެއްގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ރައީސް ޔާމީންގެ ފެކްޝަނުން ވަނީ ކައުންސިލްގެ ލަފައާއެކު ކުރިން އޮތް އިންތިހާބު ކޮމެޓީގައި ތިއްބެވި މެމްބަރުން ވަކިކޮށް، އެ ކޮމެޓީ އަށް އާ މެމްބަރުން ހަމަޖައްސައިފަ އެވެ.