Roadha Mihaaru
ޕީޕީއެމްގެ ޕްރައިމަރީ ހިނގި ގޮތް ބަލަން އީސީއަށް

ޕީޕީއެމްގެ ޕްރައިމަރީ ހިނގި ގޮތް ބަލަން މައުމޫން އިލެކްޝަނަށް ހުށަހަޅައިފި

06 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމުން ކުރިމަތިލާ ކެންޑިޑޭޓުން ކަނޑައަޅަން ބޭއްވި ޕްރައިމަރީ ހިނގައިދިޔަ ގޮތް ބަލައި ދިނުމަށް އެދި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅުއްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމުން ކުރިމަތިލާ ކެންޑިޑޭޓުން ކަނޑައަޅަން ބޭއްވި ޕްރައިމަރީ ހިނގައިދިޔަ ގޮތް ބަލައި ދިނުމަށް އެދި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅުއްވައިފި އެވެ.

ޕީޕީއެމް ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ޕީޕީއެމްގެ ޕްރައިމަރީ ކުރިއަށް ގެންދަން ޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ ބެލުމުގެ ދަށުން ޕީޕީއެމްގެ ގައުމީ ޖަލްސާއިން އިންތިހާބުކޮށްފައިވާ އިންތިހާބު ކޮމެޓީން ކަމަށެވެ. އެ ބަޔާނުގައިވާ ގޮތުން ޕީޕީއެމްގެ ނަމުގައި އެހެން ބަޔަކު ޕްރައިމަރީއެއް ބާއްވައިފިނަމަ އެކަން ވާނީ ޕާޓީގެ އިންތިހާބުތަކާ ބެހޭ ގަވާއިދާ ހިލާފު ކަމަކަށެވެ.

"ޕީޕީއެމް ނަމުގައި ބޭއްވި ކަމަށް ބުނާ" ޕްރައިމަރީއަކީ ޕީޕީއެމްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ ހިލާފަށް ބޭއްވި ޕްރައިމަރީއެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 72 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ޕާޓީގެ ގައުމީ އިންތިހާބުތަކުގައި ވާދަކުރާނެ ޕީޕީއެމްގެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީތަކުގެ އިންތިހާބީ ވިލަރެސްވެރިޔާއަކީ ޕީޕީއެމްގެ އިންތިހާބު ކޮމެޓީ ކަމަށެވެ.

"ޕާޓީގެ އިންތިހާބު ކޮމިޓީއަކީ ޕާޓީގެ އެންމެ ފަހުން ބޭއްވި ގައުމީ ޖަލްސާއިން އިންތިހާބު ކުރި ކޮމިޓީ އެކެވެ. ވީމާ ލޯކަލް ކައުންސިލް އިންތިހާބުގެ ކަންކަން އަސާސީ ގަވާއިދާއި އެއްގޮތަށް ކުރިޔަށް ގެންދަން ޖެހޭނީ އެ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ." ޕީޕީއެމްގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި ޕާޓީގެ ނަމުގައި ބޭއްވި ޕްރައިމަރީގެ އެއްވެސް މައުލޫމާތެއް ޕާޓީގެ ރައީސަށް އެނގިވަޑައިގެންފައެއް ނުވެ އެވެ. އެހެންކަމުން ޕްރައިމަރީގެ ކަންކަން ކުރިއަށް ދިޔައީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ހެދިފައިވާ ޕާޓީ ހިންގުމުގެ ގަވާއިދާ އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. ޕީޕީއެމް ރައީސްގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ އެ ޕާޓީގެ ނަމުގައި ޕްރައިމަރީ ބޭއްވި އިރު، ކުރިން އިއުލާން ކުރުމަކާނުލާ ޕޮއިންޓު ދީފައިވާ އުސޫލު ހާމަކޮށްފައި ނުވާ ކަމަށެވެ. އަދި ޕްރައިމަރީގައި ބައިވެރި ނުވެވުނީ ކޮން ޝަރުތުތަކެއް އުނިވެ 75 ޕަސެންޓު ނުލިބިގެންކަން އެ ފަރާތްތަކަށް މިހާތަނަށް އަންގާފައި ނުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. މިކަމުގެ ސަބަބުން ޕާޓީގެ ވަރަށް ގިނަ މެންބަރުންނަށް ޕްރައިމަރީގައި ބައިވެރި ނުވެވުމުގެ ޝަކުވާ ލިބިފައިވާތީ އެ އޮފީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރުމަށް އެދި 276 ދާއިރާއަކުން މެންބަރުން ކުރިމަތިލާފައިވާ އިރު، 212 ދާއިރާއެއްގައި ޕްރައިމަރީ ނުބާއްވާ ކެންޑިޑޭޓުންނަށް ޓިކެޓު ވަނީ ދީފަ އެވެ. ޕީޕީއެމުން ބުނި ގޮތުގައި ޕްރައިމަރީ ބާއްވައި ކެންޑިޑޭޓުން އިންތިހާބު ކުރީ 64 ދާއިރާއެއްގަ އެވެ.

އަންނަ އޭޕްރީލް އަށެއްގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ވަނީ ކައުންސިލްގެ ލަފައާއެކު ގައުމީ ޖަލްސާގައި އައްޔަން ކުރި އިންތިހާބު ކޮމެޓީގެ މެމްބަރުން ވަކިކޮށް، އެ ކޮމެޓީ އަށް އާ މެމްބަރުން ހަމަޖައްސައިފަ އެވެ. އެކަމަކު ރައީސް ޔާމީން ފެކްޝަނުން ބުނީ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ބައެއް ކެންޑިޑޭޓުންނަށް ޓިކެޓު ދިނުމުގައި ވަކި ބައެއްގެ ނުފޫޒު ގެންގުޅެފައި ނުވާނެ ކަމަށެވެ.