Roadha Mihaaru
ރާއްޖޭގެ އެންމެ ބޮޑު ނާސަރީ ހުޅުމާލޭގައި ހުޅުވައިފި

ކޮކާ ބަގީޗާއަކާއެކު، ރާއްޖޭގެ އެންމެ ބޮޑު ނާސަރީ ހުޅުމާލޭގައި ހުޅުވައިފި

18 ސެޕްޓެމްބަރ 2023

އެކި ވައްތަރުގެ ކޮކާ ދިރިއުޅޭ ބަގީޗާއަކާއެކު، ހުޅުމާލޭގައި މާލޭ ސިޓީ ކައުންސިލުން ނާސަރީއެއް މިއަދު ހުޅުވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އެކި ވައްތަރުގެ ކޮކާ ދިރިއުޅޭ ބަގީޗާއަކާއެކު، ހުޅުމާލޭގައި މާލޭ ސިޓީ ކައުންސިލުން ނާސަރީއެއް މިއަދު ހުޅުވައިފި އެވެ.

ހުޅުމާލޭގައި މި ނާސަރީ ހުޅުވުމުގެ ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިއީ ރާއްޖޭގައި ހުޅުވޭ އެންމެ ބޮޑު ނާސަރީ ކަމަށާއި ތަފާތު އެކި ވައްތަރުގެ މާ އަޅާ ގަސްތަކާއި މޭވާ އަޅާ ގަސް މިތަނުން ވިއްކާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ، މިކަމުގެ ސަބަބުން މާލޭގެ ރައްޔިތުން ގޭގެ ޒީނަތްތެރި ކުރުމަށާއި ރިސޯޓުތަކަށް ބޭނުންވާ ގަސް ވެސް މި ނާސަރީން ސަޕްލައި ކޮށްދޭނެ ކަމަށެވެ. މިއީ މާލެ ސިޓީއަކީ ފެހި، ރީތި ތަނަކަށް ހެދުމަށް ކުރާ މަސައްކަތަށް އިތުރުވި ބޮޅެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.

ނާސަރީގައި ވިއްކަން ބަހައްޓާފައިވާ ކަދުރު ރުކާއި ބައެއް މާގަސްތައް -- ފޮޓޯ: މުއިއްޒު ކެމްޕެއިނު ޓީމު

ނާސަރީގައި ވިއްކަން ބަހައްޓާފައިވާ ކަދުރު ރުކާއި ބައެއް މާގަސްތައް -- ފޮޓޯ: މުއިއްޒު ކެމްޕެއިނު ޓީމު

މި ނާސަރީއާ ގުޅޭ މައުލޫމާތު އޮންލައިން ކޮށް ބަލައި، ހިދުމަތް ހޯދުމަށް ހާއްސަކޮށްފައިވާ ވެބްސައިޓެއްގެ މަސައްކަތް ވެސް ކުރެވެމުން ދާ ކަމަށާއި އެ ވެބްސައިޓު ވަރަށް އަވަހަށް ލޯންޗު ކުރާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މި ތަނުގެ އެންމެ ހާއްސަ ކަމަކީ ހަތަރު ވައްތަރެއްގެ ކޮކާ އާލާވާނެ ގޮތަށް ތައްޔާރުކޮށްފައިވާ ކޮކާ ބަގީޗާ އެވެ. އެތަނުގައި އަދި އެންމެ ބޭނުންވާ އަދަދަށް ކޮކާ ނެތް ނަމަވެސް، އެތަނުގައި ހުންނާނީ ކޮކާ އާލާވާ ފަދަ ގަސް ކަމަށާއި ދުވަސްކޮޅަކުން އަދަދު އިތުރުވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ދުވަސްކޮޅަކުން އެތަނުގައި އުޅޭނެ ހަތަރު ވައްތަރުގެ 1000 ކޮކާ، އަބަދުވެސް. އެހެންވީމާ އެއީ މިތަނުގެ ހާއްސަ ފީޗާއެއް،" މުއިއްޒު ވިދާޅުވި އެވެ.

ނާސަރީގައި އެކި ވައްތަރުގެ ބޯގަންވިލާ ގަސް ވަނީ ބަހައްޓާފައި -- ފޮޓޯ: މުއިއްޒު ކެމްޕެއިނު ޓީމު

ނާސަރީގައި އެކި ވައްތަރުގެ ބޯގަންވިލާ ގަސް ވަނީ ބަހައްޓާފައި -- ފޮޓޯ: މުއިއްޒު ކެމްޕެއިނު ޓީމު

މިއަދު ހުޅުވި ނާސަރީގައި އަނބު ގަހާއި ފޭރު ގަސްފަދަ މޭވާ އަޅާ ގަސްތަކުގެ އިތުރުން ބަގީޗާ ގަސްތަކާއި ކަދުރު ރުއް ވެސް ލިބޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.