Roadha Mihaaru
މަތީ ތައުލީމުގެ ލޯނަށް ހުޅުވާލައިފި

މަތީ ތައުލީމުގެ ލޯނަށް ހުޅުވާލައިފި

11 ފެބުރުއަރީ 2021

މަތީ ތައުލީމް ހާސިލްކުރަން ސަރުކާރުން ދޫކުރާ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަތީ ތައުލީމް ހާސިލްކުރަން ސަރުކާރުން ދޫކުރާ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނިއުސް ކޮންފަރެންސްގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ރާއްޖެ އާއި ރާއްޖޭން ބޭރުގައި މަތީ ތައުލީމް ހާސިލްކުރުމަށް ލޯނަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމަ އަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ފަހަރު ހުޅުވާލާފައިވާ މަތީ ތައުލީމުގެ 770 ފުރުސަތުން ޖާގަ ހޯދަން ފޯމު ހުށަހަޅަންޖެހޭނީ ހާއްސަ ޕޯޓަލްއަކުންނެވެ.

މިނިސްޓަރު ވިދާޅުވީ މީހުން ބިނާކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެކަމަށް ކުރާ ހޭދަ ވެސް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަކަން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަހަކީ މަތީ ތައުލީމާއި ތަމްރީނުގެ ލޯނުގެ ފުރުސަތުތަކުގެ ބޭނުން ހިފައިގެން، މަތީ ތައުލީމާއި ތަމްރީން ހޯދާ ދިވެހި ހުރިހާ ދަރިވަރުން އެނބުރި ގައުމަށް އައިސް އަދި ގައުމުގައި ތައުލީމާއި ތަމްރީން ހޯދާ ދަރިވަރުން ވެސް ގައުމުގައި ވަޒީފާ އަދާކޮށް، ގައުމުގެ އިގުތިސޯދަށް ކޮންޓްރިބިއުޓުކޮށްދީ ކޮންމެ ޒުވާނަކު ވެސް އުފާވެރި، އަބުރުވެރި ދިރިއުޅުމެއް އުޅޭ ދުވަހެއް ފެނުން،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރު ހުޅުވާލީ ފުރުސަތުގައި މި ވަގުތު ކިޔަވަމުން އަންނަ ދަރިވަރުންނަށް ވަރަށް ގިނަ ޖާގަ ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް 471 ޖާގަ އަދި އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 299 ސްލޮޓް ހަމަޖައްސާފައިވެ އެވެ.

ލޯނާ ގުޅޭ މުހިއްމު މައުލޫމާތު

- އަންނަ މަހުގެ 4 ވަނަ ދުވަހާ ހަމައަށް ލޯނަށް ހުށަހެޅޭނެ

- އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 299 ސްލޮޓު، މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް 290 ޖާގަ

- ތައުލީމާއި ތަމްރީނު ހޯދުމަށް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ޖާގައެއް

- ލޯނުގައި ކިޔަވަން ދެވޭ ގައުމުތައް އިތުރުކޮށްފައިވޭ

މިނިސްޓަރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ރާއްޖެ އާއި ރާއްޖޭން ބޭރުން ޑިޕްލޮމާ އަދި ޑިގްރީ ފެންވަރަށް މަތީ ތައުލީމް ހާސިލްކުރުމަށް ފުރުސަތު ކަނޑައަޅާފައިވާ ކަމަށެވެ. އޭގެ އިތުރުން ހިލޭ ޑިގްރީގައި ކިޔަވާ ކުދިންނަށް ވެސް، އެ ދަރިވަރުންގެ އަމިއްލަ ހަރަދުތައް ކުރުމަށް ލޯނު ސްކީމުން މި ފަހަރު އެހީދޭނެ ކަމަށް ވިދާޅުވި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން

ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން

ސަރުކާރުން ހަމަޖައްސާފައިވާ އުސޫލެއްގެ ދަށުން، ރާއްޖޭގައި ކިޔަވައިދޭ ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރަން ރާއްޖޭން ބޭރަށް ދާން ލޯނެއް ނުދެ އެވެ. އެކަމަކު ބައެއް ދާއިރާތައް އިސްތިސްނާ ކޮށްފައި ވެ އެވެ. އެމްބީބީއެސް އާއި ޕައިލެޓް ޓްރެއިނިން ހިމެނެނީ އޭގެ ތެރޭގަ އެވެ.

ޕޯސްޓް ގްރެޖުއޭޓް މެޑިސިންނަށް 20 ޖާގަ ކަނޑައަޅާފައި ވެ އެވެ.

އޯޕަން ކެޓަގަރީއަށް އެކަށީގެންވާ ވަރަށް ފަންޑު ކުރެވެން ނެތުމުން މި ފަހަރު ހަމަޖައްސާފައިވަނީ ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ ސަރުކާރުން ހަދާފައިވާ އެނަލިސިސް އިން ފާހަގަވެފައިވާ ދާއިރާތަކާއި ޓޫރިޒަމާއި އައިސީޓީ އަދި ކޮންސްޓްރަކްޝަން ދާއިރާ އެވެ.

ފުލް ފަންޑިންގައި ކިޔަވަން ދާ ގައުމުތަކުގެ ލިސްޓު ވެސް އިތުރުވެފައި ވެ އެވެ. އޭގައި ސާކުގެ ގައުމުތަކާއި ޗައިނާ، ފިލިޕީންސް، ތައިލެންޑް، މެލޭޝިޔާ، ޔޫކްރެއިން، ރަޝިޔާ، ކްރިގިސްތާން، ޗެކްރިރިޕަބްލިކް، އަޒުރްބައިޖާން، އިޓަލީ، ޔޫއޭއީ، މޯލްޓާ، ސައުދި އަރަބިއްޔާ، އިންޑޮނޭޝިޔާ، ގަތަރު، ސައުތު އެފްރިކާ، މިސްރު، ފީޖީ އަދި މޮރިޝަސް ހިމެނެ އެވެ.

މިނިސްޓަރު ވިދާޅުވީ ލޯނާ ގުޅޭ މައުލޫމާތު ދިނުމަށް އިންފޮމޭޝަން ސެޝަންތަކެއް ބާއްވާނެ ކަމަށެވެ. ކޯހަށް ކުރިމަތިލާން އެދޭ ދަރިވަރުން އެ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ވީހާ ވެސް ގިނަ ދަރިވަރުންނަށް ފުރުސަތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާގައި ހިމެނޭ 87 ދާއިރާއަށް ހާއްސަ ޖާގައެއް މިނިސްޓްރީން ކަނޑައެޅި އެވެ. ނަމަވެސް އެ ކެޓަގަރީއަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން މި ފަހަރު އެ ކެޓަގަރީއަކަށް ހުޅުވައެއް ނުލަ އެވެ.