Roadha Mihaaru
އޮލިމްޕިކްސް 2028ގައި ކްރިކެޓް ހިމަނަން ހުށަހަޅައިފި

އޮލިމްޕިކްސް 2028 ގައި ކްރިކެޓް ހިމަނަން ހުށަހަޅައިފި

10 އޮކްޓޯބަރ 2023

ލޮސް އެންޖެލެސް (އޮކްޓޫބަރު 10) - އެމެރިކާގެ ލޮސް އެންޖެލެސްގައި 2028 ވަނަ އަހަރު ބާއްވާން ހަމަޖެހިފައިވާ އޮލިމްޕިކްސް ގައި އާ ކުޅިވަރެއްގެ ގޮތުން ކްރިކެޓް ހިމަނަން ހުށަހަޅައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލޮސް އެންޖެލެސް (އޮކްޓޫބަރު 10) - އެމެރިކާގެ ލޮސް އެންޖެލެސްގައި 2028 ވަނަ އަހަރު ބާއްވާން ހަމަޖެހިފައިވާ އޮލިމްޕިކްސް ގައި އާ ކުޅިވަރެއްގެ ގޮތުން ކްރިކެޓް ހިމަނަން ހުށަހަޅައިފި އެވެ.

ލޮސް އެންޖެލަސްގައި ބާއްވާ އޮލިމްޕިކްސް މުބާރާތުގައި ހިމަނަން ހުށަހަޅާފައިވާ ކުޅިވަރުތަކުގެ ތެރޭގައި ކްރިކެޓްގެ އިތުރުން ދެން ހިމެނެނީ، ބޭސްބޯލް/ ސޮފްޓްބޯލް، ފްލެގް ފުޓްބޯލް، ލެކްރޯސް އަދި ސްކުއޭޝް އެވެ.

މީގެ ކުރިން އޮލިމްޕިކްސްގައި ކުޅެފައި ވަނީ އެންމެ ކްރިކެޓް މެޗެކެވެ. އެއީ 1900 ވަނަ އަހަރު ފްރާންސްގެ ޕެރިހުގައި ބޭއްވި އޮލިމްޕިކްސްގަ އެވެ. އެ ފަހަރު 158 ލަނޑުން ފްރާންސް ބަލިކޮށް، ރަން މެޑަލް ހޯދީ ގްރޭޓް ބްރިޓަންގެ ޓީމުންނެވެ.

އެންމެ ފަހުން ބޭއްވި ޓޯކިޔޯ އޮލިމްޕިކްސްގައި ބޭސްބޯލް/ ސޮފްޓްބޯލް ހިމެނުނު ނަމަވެސް އަންނަ އަހަރުގެ ޕެރިސް އޮލިމްޕިކްސްގައި މި ކުޅިވަރު ނުހިމެނެ އެވެ. އޭގެ ކުރިން 1996، 2000، 2004 އަދި 2008 ގެ އޮލިމްޕިކްސްގައި މި ކުޅިވަރު ކުޅުނެވެ.

މެޑަލް ކުޅިވަރެއްގެ ގޮތުގައި 1904 އަދި 1908 ވަނަ އަހަރު އޮލިމްޕިކްސްގައި ލެކްރޮސް ކުޅުނެވެ. އެކަމަކު މީގެ ކުރިން އެއްވެސް އޮލިމްޕިކްސް މުބާރާތެއްގައި ފްލެގް ފުޓްބޯޅަ އާއި ސްކުއޭޝް ހިމަނާފައެއް ނުވެ އެވެ.

އަންނަ އަހަރުގެ އޮލިމްޕިކްސްގައި ފުރަތަމަ ފަހަރަށް ބްރޭކްޑާންސިން ހިމަނަން ވަނީ ނިންމައިފަ އެވެ. ނަމަވެސް ލޮސް އެންޖެލެސްގައި ބާއްވާ ގޭމްސްގައި ބްރޭކްޑާންސިން އަށް ފުރުސަތެއް ނެތެވެ.

ގޭމްސްގައި ހިމަނާ ކުޅިވަރުތަކާ ގުޅޭގޮތުން އެންމެ ފަހުގެ ނިންމުން ނިންމާނީ އަންނަ ހަފުތާގައި އިންޑިއާގެ މުމްބާއީގައި ބާއްވާ ބައިނަލްއަގުވާމީ އޮލިމްޕިކް ކޮމިޓީ (އައިއޯސީ) ބައްދަލުވުމުގަ އެވެ.

ބައިނަލްއަގުވާމީ ކްރިކެޓް ކައުންސިލް (އައިސީސީ) އިން ވަނީ އޮލިމްޕިކްސްގައި ކްރިކެޓް ހިމަނަން ހުށަހެޅުމުން އެކަމަށް މަރުހަބާ ކިޔައިފަ އެވެ.

"އަހަރެމެން ވަރަށް އުފާވެއްޖެ ލޮސް އެންޖަލިސް 2028 ގެ އޯގަނައިޒިން ކޮމިޓީން އޮލިމްޕިކްސްގައި ކްރިކެޓް ހިމަނަން ހުށަހެޅީމާ. މިއީ އެންމެ ފަހުގެ ނިންމުން ނޫން ކަމަށް ވިޔަސް މިއީ ގަރުނެއްގެ ފަހުން އޮލިމްޕިކްސްގައި ކްރިކެޓް ފެނިދާނެ ކަމުގެ ނިޝާނެއް،" އައިސީސީގެ ޗެއާމަން ގްރެގް ބާކްލޭ ވިދާޅުވި އެވެ.

އައިސީސީ އިން ލަފާދޭގޮތުގައި، އޮލިމްޕިކްސްގައި ކްރިކެޓް ހިމަނަން ވާނީ 20 އޯވަރަށް ކުޅޭ ޓީ20 ފޯމެޓަށެވެ.